ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ފުރިހަމަ ސިޔާސީ ޙައްލެއް ހޯދުމަށްޓަކައި ސަޢުދީ ޢަރަބިއާއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސަޢުދީ އަރަބިއާއިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ މުޙައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންޢާގައި މިހިނގާ އޭޕްރިލް މަހުގެ 8 އިން 13 އަށް ސަޢުދީ އަރަބިއާގެ ވަފުދުން ބޭއްވި ބައްދަލުވުންތައް ފާހަގަކޮށް އެކަމަށް މަރުޙަބާ ކިޔާފައެވެ.
ސަޢުދީ އަރަބިއާގެ ވަފުދުގެ މިބައްދަލުވުންތަކަކީ މާޗް 2021 ގައި އިޢުލާނު ކުރެވުނު ސަޢުދީ އިނީޝަޓިވް އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އޭޕްރިލް 2022 ގައި ޔަމަނުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލާފައިވާކަން އ.ދ. އިން އިޢުލާނު ކުރީއްސުރެ، އެޤައުމުގެ މަސްރަހަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް ބިނާކުރެވިގެންދިޔަ ބައްދަލުވުންތަކެއްކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ޔަމަނުގައި ތަރައްޤީއާއި ފާގަތިކަމާއި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ޔަމަނުގެ ރައްޔިތުން ދެކެމުންދާ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރެވެމުން އަންނަ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް ޔަމަނުގެ ޤާނޫނީ ސަރުކާރަށާއި ޙޫޘީންނަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!