އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް 2024 ގައި ބޭނުންކުރެވޭވަރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އައު އިމާރާތުގެ ކޮންސެޕްޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޑީޓެއިލް ޑްރޯވިންގ ގެ މަސައްކަތް ކަމަށެވެ.

Ad
rt

މީގެ އިތުރުން ބާ ޖަމާލުއްދީންގެ މަސައްކަތް މިއަދުގެ ވަގުތެއްގައި ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެވެފައިވަނީ އެ ސްކޫލްގެ މަސައްކަތް މިއަހަރު ތެރޭ ނިންމާނެ ކަމަށެވެ.

އެހެންނަމަވެސް މިނިސްޓަރ މިއަދު ވިދާޅުވީ ތާވަލާއި އެއްގޮތަށް މަސައްކަތް ދާނަމަ، 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް އެ ސްކޫލް ހުޅުވޭނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކުލާސްތައް ވަނީ މިދިޔަ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ.

420 ދުވަހުގެ ތެރޭގައި ނިންމުމަށް، އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކުރި މި މަޝްރޫއުއަށް 7 މަސް ދުވަސް ފާއިތުވި ނަމަވެސް ތަނުގެ ބިންގާ އެޅުމަށްޓަކައި ބިން ސާފުކުރުމުގެ މަސައްކަތް ނިމިފައި ނުވާ ކަމަށް ބުނެ އަރަބިއްޔާ ސްކޫލަށް ނިސްބަތްވާ ބެލެނިވެރިން، މީގެ ކުރިން ވަނީ އިހްތިޖާޖުވެސް ކޮށްފައެވެ.

40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓާއެކު ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއެކު ޖަމާލުއްދީން އެނެކްސް ތަރައްްގީ ކުރާ އިރު އަރަބިއްޔާ ސްކޫލުގައި 34 ކްލާސްރޫމާއި 2 ލިފްޓް އަދި ފާހާނާތައް ހަދާނެ ކަމަށް ފިނޭންސް މިނިސްޓްރީއިން މީގެ ކުރިން ބުނެފައި ވެއެވެ. މި މަޝްރޫއު ހިންގުމަށް ޖުމްލަ 168 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.