ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ.
އެ ދައުވާ އަނބުރާ ގެންދަން ނިންމި ސަބަބެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ. ކްރިމިނަލް ކޯޓުން މިއަދު ބުނެފައިވަނީ އެ މައްސަލަ އަނބުރާ ގެންދަން ޕީޖީ އޮފީހުން ރަސްމީކޮށް މިހާތަނަށް އެދިފައިނުވާ ކަމަށެވެ.
އެއީރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއް ކަމަށް ބެލެވޭނެ ހެއްކެއް މަދަނީ މިންގަނޑުން ބަލާއިރު ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، މައްސަލަ ކުރިން ބޭރުކޮށްލި އެވެ. އެހެން ނަމަވެސް ފަހުން ހައި ކޯޓުން އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ.
މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމާ އެކު އޭނާ ވަޒީރުކަމުން ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ދައުވާކުރުން ލަސްވެގެން ކަމަށް ބުނެ ފަހުން ސަަސްޕެންޝަން އުވާލީ އެވެ.
މައްސަލަ އަލުން ބަލަން ހައި ކޯޓުން ހުކުމް ކުރުމުން ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ފެށި ނަމަވެސް މި މައްސަލާގައި އަޑުއެހުންތައް ވަނީ ދައުލަތުން އެދިގެންނާއި އެކި ސަބަބުތަކާ ހެދި ކުރިން ކެންސަލްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!