މިއަދު، ދެގަޑިއިރު ބޯކޮށް ވާރޭ ވެހި މާލެއަށް 88 މިލިމިޓަރުގެ ވާރޭ ވެހިއްޖެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު ހެނދުނު 7 އިން 9 ޖެހުމާއި ދެމެދު މާލެއަށް ބޯކޮށް ވާރޭ ވެހުނީ ވިއްސާރަ ވިލާތަކެއް އުފެދުމުގެ ސަބަބުން ކަމަށެވެ.
އެހެންނަމަވެސް މިއީ ވަކި މޫސުމެއް އައިސްގެން އުފެދުނު ވިލާތަކެއް ނޫން ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުލެއަށް 49 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް ވަނީ ރެކޯޑުކިރެވިފައެވެ.
ކުރިއަށް އޮތް ހަފުތާގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ވައި މަޑު ދުވަހެއް ނަމަ ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް ބުނެއެވެ.
މިއަދު ހެނދުނު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާ އިރު، ބައެއް ގޭގެއަށް ވަނީ ފެންވަދެ ގެއްލުން ވަނީ ވެފައެވެ.
ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ގެއްލުން ލިބެމުންދާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި އިމަޖެންސީ އޮޕަރޭޝަންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމަށާއި އާންމު ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލަށް އެ މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
މީގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން ގޭތެއަށް ނަޖިސް ބޭރުވުމާއި ބައެއް ފަރުނީޗަރާއި ހިފާގެންގުޅޭތަކެއްޗަށް ގެއްލުން ލިބިގެން ތިން ގެއަކުން އެ އޮތޯރިޓީއަށް ރިޕޯޓުކުރި ކަމަށް ވެސް ބުނެއެވެ. އެހެންވެ، އެގެތަކަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!