ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި އޭޕްރިލް މަހު 24 ގެ ނިޔަލަށް ހުޅުވާލައިފިއެވެ.
ޕަބްލިކް ހިއްސާދާރުން ތަމްސީލުކުރުމަށް، ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ބަޔާންކޮށް، އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައި ވަނީ އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާ އެކު ހުށަހަޅަން ޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު cs@sto.mv އަށް އީމެއިލްކުރެވޭނެ ކަމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން އެ ކުންފުނީގެ ވެބްސައިޓުގައި ގާއިމުކުރެވިފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށް ވަނީ ބުނެފައެވެ.
އެސްޓީއޯގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާއިރު، މި މަގާމަށް ވީހާވެސް ގިނަ އަންހެނުން ޝައުގުވެރިކަން ފާޅުކުރުމަށް އެ ކުންފުނިން ވަނީ އެެދިފައެވެ.
ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުންނާއި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކެރެވޭނީ އެެއް ޑިރެކްޓަރަކު ކަމަށާއި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބުކުރެވޭން ކަމަށް އެސްޓީއޯއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!