މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރުން ހަދިޔާގެ ގޮތުގައި 2000 ރުފިޔާ ދޭން ނިންމައިފިއެވެ.

އެ ކުންފުނިން ވަނީ މިއަދު އެކަން އަންގައި މުވައްޒަފުންނަށް ސާކިއުލާއެއް ފޮނުވާފައެވެ.

Ad
rt

މި ސާކިއުލާގައި ބުނެފައިވަނީ ރޯދަމަހު އެ ކުންފުނީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދިޔާގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 2000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ރޯދަ މަހު މަސައްކަތްކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3000 ރުފިޔާގެ އިނާޔަތެއް ދޭން ޖެހެއެވެ. އެ ފައިސާ މިއަދު ޖަމާކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރޯދަ އިނާޔަތުގެ 3000ރ. ގެ އިތުރުން ހަދިޔާ ކުރަން ނިންމާފައިވާ 2000 ރުފިޔާގެ އިނާޔަތް ވެސް މިއަދު ޖަމާކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 23 ވަނަ ދުވަހެވެ. އެހެންކަމުން ސަރުކާރު މުވައްޒަފުންނަށް މިއަދު ރޯދަ އިނާޔަތް ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.