ރިޔާސީ އިންތިޚާބަށް ލަފާދޭ ގައުމީ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
މިއީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުންނާއި އިންތިހާބުގެ ކަންކަން ވީހާވެސް ދެފުށް ފެންނަގޮތަށް ކުރުމަށް އެކުލަވާލީ ކޮމެޓީއެކެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މި ކޮމިޓީ އަކީ 2008 ވަނަ އަހަރުގެ ރިޔާސީން އިންތިހާބުން ފެށިގެން ކޮންމެ ރިޔާސީ އިންތިހާބަކަށް އެކުލަވައިލާ ކޮމިޓީއެއް ކަމަށެވެ.
އެ ކޮމެޓީގައި ހިމަނާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާއި ބައެއް އަމިއްލަ ޖަމިއްޔާތަކުގެ މަންދޫބުންނެވެ.
އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލު، ބްރޯޑްކޮމް، ދިވެހި ފުލުހުންގެ ޚިދުމަތް، އޭސީސީ އަދި އެޗްއާރްސީއެމް ގެ މަންދޫބުން މި ކޮމެޓީގައި ވަނީ ހިމަނާފައެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކަށް އެކުލަވައިލި ލަފާދޭ ކޮމިޓީތަކަށް ވުރެ މިފަހަރު އެކުލަވައިިލި ކޮމިޓީ ތަންކޮޅެއް ކުޑަ ކަމަށެވެ. އެއީ ސަރުކާރުގެ ބައެެއް މުއައްސަސާތައް މަދުކޮށްފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ކޮމިޓީ ކުޑަކުރަން ނިންމީ، އެއްވެސް ބައެއްގެ ނުފޫޒެއް އެ ކޮމެޓީއަށް ފޯރުވިޔަނުދީ، މިނިވަންކަމާ އެކު ލަފާ ހޯދަން ވިސްނައިގެން ކަމަށެވެ.
މި ކޮމެޓީގެ ބައްދަލުވުންތައް ބާއްވާނެ ގޮތުގެ ތާވަލެއް އެކުލަވައިލުމަށް ނިންމާފައިވަނީ މި ކޮމެޓީން ބާއްވާ ދެވަނަ ބައްދަލުވުމުގައެވެ.
އެކަން އިންތިޒާމްކުރާނީ ކޮމިޓީގެ މެމްބަރުން ދެއްވާ ލަފާގެ މަތިން ކަމަށް ހަބީބު ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!