ބުރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ބޭއްވި މުޒާހަރާ ތެރެއިން "އަވަސް" ނޫހުގެ ވީޑިއޯ ޖާނަލިސްޓް ހުސެއިން ޖުމާން ހައްޔަރު ކޮށްފައި ވަނީ ފުލުހެއްގައިގައި ޖެހުމުން ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް މިއަދު ފުލުހުންގެ އިދާރާއިން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާއި ގުޅިގެން ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވެފައި ވަނީ ނޫސްވެރިޔާގެ ބަންދާއިމެދު ގޮތެއް ނިނުމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށާއި، ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނޫސްވެރިޔާ ހައްޔަރު ކުރުމުން އިދިކޮޅުން ވަނީ ފުލުހުނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މީގެ އިތުރުން ނޫސްވެރިޔާ ހައްޔަރު ކުރުމާއި ގުޅިގެން އެކަން ކުށްވެރިކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!