ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހިޔަލަ ފައިނަލަށް

E275F66D-9E7B-420F-B0EF-B0C7699F7DFF

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ "އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023" ގެ ގްރޫޕް ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ހިޔަލަ ޓީމުން ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް ބުރުގެ ފަހު މެޗުތައް މިއަދާއި މިރޭ ކުޅެފައިވާއިރު، މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫޙް އާއި ބެއާފޫޓެވެ. ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބު ކޮށްފައި ވަނީ ރޫޙް އެވެ. މި މެޗުގެ ސެޓްތައް ރޫޙުން ގެންގޮސްފައި ވަނީ 23/25، 25/22، 17/25، 25/20، 15/11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ރޫޙް ޓީމުގެ ޖޯޒީ ނަމްބަރު 3، އައިމިނަތު އަޙްމަދެވެ.

މިރޭ ކުޅުނު މުބާރާތުގެ ގްރޫޕް ބުރުގެ ފަހު މެޗުގައި ބައްދަލު ކޮށްފައި ވަނީ އުންމީދާއި ހިޔަލައެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދައި ހިޔަލަ ވަނީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ. މި މެޗުގެ ސެޓްތައް ހިޔަލަ ޓީމުން ގެންގޮސްފައި ވަނީ 25/18، 25/19، 22/25، 25/16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހިޔަލަ ޓީމްގެ ޖޯޒީ ނަމްބަރު 9، އައިމިނަތު އަރީޝާއެވެ.

ކުޅުނު ހަތަރު މެޗުން މޮޅުވެ ބާރަ ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައި ހިޔަލަ ފައިނަލުން ޖާގަ ހޯދާފައިވާއިރު، ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާފައި ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓް ހޯދި އުންމީދެވެ. ތިންވަނަ ހޯދާފައި ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ދެ މެޗުން ބަލިވެ ހަ ޕޮއިންޓް ހޯދި ރެއަރ ސްކޮޑެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދި ރޫހް ހަތަރުވަނާގައި އޮތްއިރު ކުޅުނު ހުރިހާ މެޗަކުން ބަލިވެ ތާވަލުގެ ފުލުގައި އޮތީ ބެއާފޫޓެވެ.

ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރުމަށް ކުޅޭ ސެމީ ފައިނަލު މެޗު މާދަމާ ހަވީރު ކުޅުމަށް ތާވަލު ކޮށްފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދި އުންމީދާއި ތާވަލުގެ ތިންވަނަ ހޯދި ރެއަރ ސްކޮޑެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވާނެއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ހަވީރު 16:10 ގައެވެ.

މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އެސްޓީއޯ، ހަނިމާދޫ ޑަބްލިއުޑީސީ، ޗިލް ޓައިމް، ސެރޫލިއަން ވިއު ރެސިޑެންސް، ބްރޭކް ޓައިމް، ހަނިމާދޫ ކައުންސިލް އަދި ޕެންޓަގްރާމް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *