ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ "އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023" ގައި އިއްޔެ ކުޅުން ހިޔަލައާއި އުންމީދުން ކާމިޔާބު ކޮށްފިއެވެ.
މުބާރާތުގެ ހަތަރުވަނަ ދުވަހުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ އުންމީދާއި ބެއާފޫޓެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކޮށްފައި ވަނީ އުންމީދުންނެވެ. މި މެޗުގެ ސެޓްތައް އުންމީދު ޓީމުން ގެންގޮސްފައި ވަނީ 25/11، 17/25، 25/08، 25/11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އުންމީދު ޓީމްގެ ޖޯޒީ ނަމްބަރު 9، އައިޝަތު މުޙައްމަދެވެ.
މުބާރާތުގެ ހަތަރުވަނަ ދުވަހުގެ ދެވަނަ މެޗުގައި ރޭ ބައްދަލު ކޮށްފައި ވަނީ ހިޔަލައާއި ރެއަރ ސްކޮޑެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައި ވަނީ ހިޔަލަ ޓީމުންނެވެ. އެ ޓީމުން މެޗުގެ ސެޓްތައް ގެންގޮސްފައި ވަނީ 25/16، 25/16، 25/22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހިޔަލަ ޓީމްގެ ޖޯޒީ ނަމްބަރު 9، އައިމިނަތު އަރީޝާއެވެ.
މުބާރާތުގައި މިހާތަނަށް އަށް މެޗު ކުޅެފައިވާއިރު، ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދައިގެން ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި އޮތީ އުންމީދާއި ހިޔަލައެވެ. ތިންވަނާގައި ތިން މެޗުން ލިބުނު 6 ޕޮއިންޓާއިއެކު ރެއަރ ސްކޮޑް އޮތްއިރު، ފުލުގައި އޮތީ ބެއާފޫޓާއި ރޫޙް އެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ބެއާފޫޓާއި ރޫޙް އެވެ. މި ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އުންމީދާއި ހިޔަލައެވެ. ހިޔަލައާއި އުންމީދު ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނެއެވެ.
މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމްގެ މެދުގައި ކުޅޭ ސެމީ ފައިނަލު މެޗުން މޮޅުވާ ޓީމަކަށެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ކަނބަލުންގެ މެދުގައި ވޮލީ ބޯޅައިގެ ހުނަރު އިތުރުކޮށް، ވާދަވެރި މާހައުލެއްގައި ވޮލީ ކުޅުމުގެ ފުރުޞަތު ހޯދައިދިނުމާއި، ހަނިމާދޫގެ ކަނބަލުންނަކީ އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ބާއްވާ ވޮލީ މުބާރާތްތަކުގައި ވާދަކުރެވޭ ފެންވަރުގެ ކުޅުންތެރިންނަށް ހެދުމެވެ.
މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އެސްޓީއޯ، ހަނިމާދޫ ޑަބްލިއުޑީސީ، ޗިލް ޓައިމް، ސެރޫލިއަން ވިއު ރެސިޑެންސް، ބްރޭކް ޓައިމް، ހަނިމާދޫ ކައުންސިލް އަދި ޕެންޓަގްރާމް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.