މިރޭ މާލޭގެ އިމާރާތަކުން ވެއްޓި ނިޔާވި އަންހެން މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.
މާލޭގެ ހެންވޭރު އިމާރާތަކުން މީހަކު ވެއްޓުނު ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 20:05 ހާއިރުއެވެ.
މި ހާދިސާގައި ވެއްޓިފައި ވަނީ 32 އަހަރުގެ އަންހެނެކެވެ. އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް މައުލޫމާތު ދެއްވާފައެވެ.
ފުލުހުންގެ ސްޕޯކް ޕާސަން މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިރޭ ހެންވޭރު ގެ އެއްގެ މަތިން ވެއްޓި 32 އަހަރުގެ މީހާކު ނިޔާވި މައްސަލަ ތަހުގީގު ކުރަމުންގެންދަވާ ކަމަށެވެ.
''މީހާ ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސް ތަކަށް އިހުތިރާމުކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކަުގައި ދައުރު ނުކުރުމަށް މި ޚިދުމަތުން އިލްތިމާސްކުރަން'' ފުލުހުން ވިދާޅުވެފަވެއެވެ.
މާލޭގެ ގެއަކުން މިރޭ މީހަކު ވެއްޓުނު އިރު، ރޭ ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. ރޭގެ ހާދިސާ ވެސް ހިނގީ ހެންވޭރު ގެއެއްގަ އެވެ.
މި ހާދިސާގައި ހެންވޭރު އެސްފީވިލާގެ 5 ވަނަ ފަންގި ފިލާއިން ވެއްޓުނީ 4 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭޑީކޭ ހޮސްލިޓަލްގައި މި ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ރޭ ވަނީ ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!