" އަހަރެންގެ ލޯބި ދުވަހަކުވެސް އަހަންނަކަށް ނުލިބޭނެ! އެއީ މިހާރު އެހެން މީހެއްގެ ޙައްޤެއް! "
މަޑުމަޑުން އުޝާ އެހެން ބުނެލުމާއެކު އުޝާގެ މޫނަށް ޒައިންއަށް ބަލާލެވުނެވެ. އޭރު ނަދާއަށް އިނދެވުނީ ޒައިންގެ މޫނަށް ބަލަހައްޓައިގެންނެވެ.
" އޭނަ އެއް އިރަކުވެސް އަހަރެންދެކެ ލޯތްބެއް ނުވޭ! "
އަނެއްކާވެސް އުޝާ ބުނެލިއެވެ. އެއާއެކު ޒައިންއަކަށް މަޑަކުން ނީނދެވުނެވެ.
" ލޯތްބަކީ ވެވޭ އެއްޗެއް ! ކޮންމެ ފަދަ އިރެއްގައިވެސް ލޯބި ވެވިދާނެ!"
ޒައިން އެހެން ބުނުމުން ނަދާއަށް ލިބުނީ ހައިރާންކަމެވެ. ނުގޮތަކަށް ހީލަމުން ނަދާ ވާހަކަ ދައްކަންފެށިއެވެ.
" އަހަރެން ހީކުރީ ޒައިންއަށް ލޯތްބަކީ ކޯއްޗެއްކަމެއް ނޭނގޭކަމަށް! "
" ތެދުތެދަށް ބުނަންޏާ ލޯތްބަކީ ކޯއްޗެއްކަން އެނގުނީ ނަދާއާ މެރީކުރިފަހުން! ލޯތްބަކީ ބީވެއްޖެނަމަ އޭގެ ރިހުމާ ވޭން، ވަރަށް ބޮޑު އެއްޗެއް! " ކަތި ނަޒަރަކުން ޒައިން އުޝާއަށް ބަލާލަމުން ބުނެލިއެވެ. ޒައިންގެ ޖުމްލަތަކުން ނަދާއަށް ލިބުނީ އުފާވެރިކަމެވެ.
" ތިބުނީ ޒައިންއަށް އަހަރެން ބީވެއްޖެނަމަ ވަރަށް ދެރަވާނެޔޭދޯ! ހާސްނުވޭ! އަހަރެން ދުވަހަކުވެސް ނުގެއްލޭނޭ!"
ޒައިންގެ ކޮނޑުގައި ބޯޖައްސާލަމުން ނަދާ ބުނެލިއެވެ. އެމަންޒަރުބަލަން ކުރިމަތީގައި އިން އުޝާއަށް ކެތްކުރަން އުނދަގޫވިއެވެ. އެހެންކަމުން އެތަނުން ދިޔުމަށްޓަކައި އުޝާ ތެދުވިއެވެ.
" ނުވެސް ކައި ދަނީތަ؟ "
އުޝާ ތެދުވުމާއެކު ނަދާ އަހާލިއެވެ. ރައްދުގައި ހިނިތުންވެލަމުން އުޝާ ހިނގައިގަތެވެ.
" ކާކަށް ނޫނޭ އައީ! ފިނި ފެންތައްޓެއް ބޯލަންވެގެން މިއައީ! ދެން މިދަނީ އޮށޯވެލަން! "
އޭރުވެސް ޒައިން އިނީ އުޝާއަށް ކަޅިޖަހާނުލާ ބަލާށެވެ. ނަމަވެސް ޒައިންއަށް ބަލާވެސްނުލާ އުޝާ ނިކުމެގެން ދިޔައީ އަވަސް އަވަހަށެވެ.
ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމަށްފަހު އޭނާއަށް މޭގައި އަތް ޖައްސާލެވުނެވެ. އަދި ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ހިންދިރުވާލެވުނެވެ.
" މާތްކަލާކޯ! މިއީ ކޮންފަދަ ބޮޑު އިމްތިޙާނެއް؟ އަހަރެން ހަމަ އެހާ ކެތްތެރިތަ؟ ނޫން.. އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފި!ނަފްރަތުކުރަން އުޅުނު ނަމަވެސް އަހަންނަށް ޒައިންދެކެ ރުޅިއެއް ނާދެވުނު! އޭނަ ފެންނަ ކޮންމެ ފަހަރަކު އަހަންނަށް ހާދަ އުނދަގޫވެޔޭ! އޭނަ އަހަންނަށް ބަލާލާ ކޮންމެ ފަހަރަކު ހިތަށް ހާދަ ތަދުވެޔޭ! އަދިވެސް އެލޯބި ބޭނުން.. އަހަރެން ޒައިން ބޭނުން. މިދަރިފުޅަށް ، ބައްޕަ ހޯދައިދޭން ބޭނުން..! އެއީ މިދަރިފުޅުގެ ބައްޕަ! ހަމަ އެއީ! "
ބަނޑުގައި ދެއަތުން ފިރުމާލަމުން އުޝާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
" އެކަމަކު... ޒައިންއަށް ހަމަޖެހިގެން އެއުޅެވެނީ ކީއްވެ؟ އަހަރެންގެ އެކަނިވެރިކަމާމެދު އޭނަ ހަމްދަރުދީ ނުވަނީ ކީއްވެ؟ އެހިތުގައި އަހަންނާމެދު ރަޙުމެއް ނުވަނީ ކީއްވެ؟ އެދުވަހު ޒައިންގެ ކުރިމަތީގައި އަހަންނަކީ އެއްވެސް މީހެއްނޫން! އެހެންވީމަ... މިއަދުވެސް އަހަންނަކީ އޭނައަށް އެއްވެސް މީހަކަށް ނުވާނެ! އަހަންނަށް އެ ހިތްދަތިކަންދޭން ފަސްނުޖެހުނު މީހަކު މިއަދު އަހަންނާމެދު ވިސްނާނީ ވަކި ކޮން ވިސްނުމެއް؟ އަހަރެންގެ މި މޮޔަ ސިކުނޑިއަށް އެވަރު ނުވިސްނިގެން މިއުޅެނީ ކީއްވެތަ؟ "
ހިތަށް އަރާ ފައިބަމުންދާ އެއްޗެހިން އުޝާއަށް ރޮވެން ފެށިއެވެ. އެހެންކަމުން އެނދުމަތީގައި އިށީނދެ، އުނގުމަތީގައި ބާލީސް ބާއްވާލީ ހަމަޖެހިލުމަށްޓަކައެވެ. އެވަގުތު ކުއްލިއަކަށް، ދޮރުގައި ޓަކި ޖަހާލިއަޑަށް އުޝާއަށް ދޮރާ ދިމާލަށް ބަލާލެވުނެވެ. އެއާއެކު ދޮރު ހުޅުވާލިތަންވެސް ފެނުނެވެ. އެތެރެއަށްވަނީ ޒައިންއެވެ. ޒައިން ފެނުމާއެކު އުޝާ އަވަސް އަވަހަށް ލޮލުން ފައިބަމުންދާ ކަރުނަތައް ފުހެލިއެވެ.
" ރޮނީތަ؟ "
ޒައިން މަޑުމަޑުން އަހާލިއެވެ. އުޝާއަށް އަނެއްކާވެސް ދޮރާއިދިމާލަށް ބަލާލެވުނެވެ. އޭނާ ހީކުރީ ޒައިންގެ ފަހަތުން ނަދާ ވަންނާނެ ކަމަށެވެ.
" ކީއްވެ ރޮނީ ؟"
އޯގާތެރިކަމާއެކު ޒައިން އެހެން އަހާލުމުން އުޝާ އިތުރަށް ދެރަވިއެވެ. ނަމަވެސް އޭނާ ހިތްވަރުކުރީ ޒައިންގެ ކުރިމަތީގައި ހިތްވަރުދެރަ މީހަކަށް ނުވާން ވެގެންނެވެ.
" ނުރޮން..! " އިސްޖަހާލައިގެން އިނދެ އުޝާ ބުނެލިއެވެ. އެއާއެކު ޒައިން އުޝާގެ ގާތު އެނދުގައި އިށީނދެލިއެވެ. ހައިރާންވެފައި އުޝާ ޒައިންއަށް ބަލާލަމުން ދުރަށް ޖެހިލީ ޖެހިލުންވެ އިނދެއެވެ.
" އަހަރެންދެކެ ވަރަށް ރުޅި އައިސްދޯ އަދިވެސް ތިހުންނަނީ ؟ "
ޒައިން އެސުވާލުކުރުމުން އުޝާ ބޭނުންވީ ޖަވާބުދޭށެވެ.
" އަހަރެން ތިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ނެތިން! "
" އަހަންނަށް މަޢާފްކުރާނަންތަ؟ "
އަސަރާއެކު ޒައިން އެހެން ބުނުމުން އުޝާއަށް ޒައިންގެ މޫނަށް ބަލާލެވުނެވެ. އޭނާ މަޢާފަށް އެއެދުނީ ކުރެވުނު ކުށް އިޙްސާސްވެގެން ބާވައޭ އުޝާގެ ހިތަށް އެރިއެވެ. ޒައިން އުޝާއަށް ބަލާލިހިނދު އުޝާއަށް އެއްމިޔަކަނުން ހީލެވުނެވެ.
" ހުއް! މަޢާފް؟ އަހަރެން މަޢާފް ކުރިޔަސް.. ނުކުރިޔަސް.. އަހަންނަށް ލިބުނު ދެރަޔާ ހިތްދަތިކަމާ، ހިތާމަޔާ، ވޭނާ ކެކުޅުމާ، ފުރައްސާރަޔާ، ބޭޒާރާ، މަލާމާތާ، އެކަނިވެރިކަން! މިއިން އެއްވެސް ކަމެއް ނުވާކަމަށް ވާނެތަ؟ "
އުޝާ ވާހަކަދެއްކީ ލަސްލަހުންނެވެ. ޒައިންއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ބަސްހުއްޓިފައި އޭނާއަށް އިނދެވުނީ ކަރުނަ ޖަމާވަމުންދިޔަ އުޝާގެ ދެލޮލަށް ބަލާށެވެ. އެއާއެކު ބޭއިޙްތިޔާރުގައި ޒައިންއަށް އުޝާގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އެހިނދު އުޝާއަށް ދެލޯމަރާ ފިއްތާ ބާރުކޮށްލެވުނީ، ޒައިންގެ ދެއަތުގެ ހިމާޔަތް އިންތިހާއަށް ބޭނުންވާ ޙާލުގައެވެ. ކުއްލިއަކަށް އުޝާއަށް ދެލޯ ހުޅުވާލެވުނެވެ. އަދި އަވަސް އަވަހަށް ދުރަށް ޖެހިލާ ކޮޅަށްވެސް ތެދުވިއެވެ.
" އަހަންނާ ގާތްވާން މަސައްކަތް ނުކުރޭ ޒައިން! ތި ފިރުމުންތަކާ ތި ބީހުންތަކުގެ އަސަރު އިއްޔެ ވީކަމެއްހެން އަދިވެސް މި ހަށިގަނޑުގައި އެބަހުރި! އެހެންވެ..، ދެން އިތުރަށް އަހަންނަށް ހިތްދަތިކަންދޭން މަސައްކަތް ނުކުރޭ! އަހަރެންގެ ހިތް އިތުރަށް ހަލާކުކުރަން ނޫޅޭ! "
ޒައިންއަށް ފުރަގަސްދީގެން ހުރެ އުޝާ ވާހަކަ ދައްކަމުން ދިޔައެވެ. އެއާއެކު ޒައިންވެސް އެނދުން ތެދުވިއެވެ.
" ޒައިން ޕްލީޒް! މިތަނުން ދޭ! ޕްލީޒް ޒައިން..."
އުޝާ ބާރުބާރަށް އެހެން ބުނުމުން ޒައިންއަށް އެއްވެސް އެއްޗެއް ބުނާކަށްވެސް ނުކެރުނެވެ. އަދި އެތަނުގައި މަޑުނުކޮށް އޭނާ އަވަސް އަވަހަށް ނިކުމެގެން ދިޔައެވެ.
ބާރުބާރަށް ގޮސް ޒައިން އޭނާގެ ކޮޓަރިއަށްވަތް އިރު ނަދާ ފެންވަރައިގެން ނިކުންނަނީއެވެ.
" ހާދަ ފާޑަކަށް؟ "
ޒައިން އައިސް އެނދުގައި ޖައްސާލިގޮތުން ނަދާ ބުނެލިއެވެ. ނަމަވެސް ޒައިން އެއްވެސް އެއްޗެއް ނުބުންޏެވެ.
" ކިހިނެއްތަވީ؟ އުޝާއަސް ފޯންދޭން ގޮސް އެހާ އިރުވީ؟ "
ޒައިން ކޮޓަރިއަށް އައުން ލަސްވެގެން ނަދާ ޝަކުވާ ކުރުމުން ޒައިން ހިތްހަމަ ނުޖެހުނެވެ.
" މިއައީނު! މަ ލަސްވެއްޖެތަ؟ އަބަދުވެސް ކޮންމެވެސް ޝަކުވާއެއް ނުކުރެވިގެން އުޅޭނީ!"
ޒައިން ތަންކޮޅެއް ބާރަށް އެހެން ބުނުމުން އިތުރަށް އެކަމާ ބެހޭގޮތުން އެއްޗެއް ބުނާކަށް ނަދާއަކަށް ނުކެރުނެވެ. ޑްރެސިންގ ޓޭބަލް ކައިރީގައި ހުރެގެން ގައިގައި ލޯޝަންލާން ހުރެ، ނަދާ ލޯގަނޑުން ޒައިންއަށް ބަލަމުން ދިޔައެވެ. ޒައިން ރުޅި އައިސްފައި ހުރުމުން ނަދާ ބޭނުންވީ ޒައިން ހަމައަކަށް އަޅުވާލާށެވެ. އެހެންކަމުން އޭނާ ގައިގައި ތުވާލި އޮޅާލައިގެން ގޮސް ޒައިންގާތު އިށީނެވެ. އަދި މަޑުމަޑުން ޒައިންގެ މޫނުގައި އިނގިލިތަކުން ފިރުމާލިއެވެ.
" ސޮރީއޭ ލޯބި! ދެން ރުޅި ނާދެބަލަ! "
ނަދާ އެހެން ބުނުމުންވެސް ޒައިން ހަމަ އިންގޮތަށް އިނީއެވެ. މިފަހަރު ނަދާ ޒައިންގެ ބޮލުގެ އިސްތަށިގަނޑާ ކުޅެލިއެވެ. އެއާއެކު ފުންމައިގެން ޒައިން ތެދުވީ ރުޅި އައިސްގެންނެވެ.
" ދެން ނަދާ! ނަދާއަކަށް ވަކި ގަޑިއެއް ގަޑިއެއް ނޯންނާނެ! "
ޒައިން ރުޅިއައުމުން ނަދާގާތަށް އިތުރަށް ރުޅި އައެވެ. އޭނާވެސް ފުންމައިގެން ތެދުވެ ޒައިންގެ ކުރިމަތީގައި ހުއްޓުނެވެ.
" ދެން ޒައިންއަށް ކޮން ގަޑިއެއްތަ ރަނގަޅީ؟ ނިދަން އަރާއިރަށް ބުނާނެ ވަރަށް ނިދި އައިއްސައޭ މިއޮތީ! ހެނދުނު ހޭލާއިރަށް ބުނާނެ، ބަނޑުހައިވެގެން އަވަދިވަނީއޭ ސައިބޯން ބޭނުމޭ! މެންދުރު ބުނާނެ ކައިގެން މިއޮތީ ހިރިނުލެވިފައޭ! ހަވީރު ބުނާނެ މިދަނީ ކޮފީއަކަށޭ! ދެން މަށަށް އޮތީ ކޮން ވަގުތެއްތަ؟ މާލެ އައިފަހުން މަށަށް ހީވަނީ ޒައިން ތިއުޅެނީ މަށަށް ފިލައިގެންހެން..!"
ކުދިކިޔަމުން ގޮސް ނަދާ ހުއްޓުނީ އަލަމާރި ކައިރީގައެވެ. އަވަސް ޚަރަކާތްތަކާއެކު އޭނާ ތައްޔާރުވާންފެށިއެވެ.
" ޒައިން އަހަންނާ ދުރުވާން ބޭނުންވަނީތަ؟ "
އެނބުރިލާފައި ނަދާ އަހާލިއެވެ. އެއާއެކު ޒައިން އަނެއްކާވެސް އެނދުގައި އިށީނެވެ.
" އަހަރެން ކޮންއިރަކު ތިހެން ބުނީ؟ އުޅެން ބޭނުންވާތީ ދޯ މިއުޅެނީ! "
ނަދާ އެދެއްކީ މުޅިންވެސް ތެދުވާހަކަކަން ޒައިންއަށްވެސް ޤަބޫލުކުރެވެއެވެ. މާލެއައިސް އުޝާ ފެނުނު ފަހުން އޭނާއަށް ނަދާއަކަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. މާބޮޑަށް އުޝާއާމެދު ވިސްނެނީކަން ޚުދު އޭނާއަށްވެސް އެނގެއެވެ.
" އެހެންވިއްޔާ އަހަންނާ އެހާ ވަރަށް ދުރުވަނީ ކީއްވެ؟ އަހަރެން ޒައިންއަށް ގޯހީތަ؟ "
މަޑުމަޑުން އައިސް ނަދާ، އިށީނީ ޒައިންއާ ދާދި ގާތުގައެވެ. ނަދާ އެސުވާލު ކުރުމުން ޒައިން ބޭނުންވީ ނަދާއަށް ވިސްނައިދޭށެވެ.
" ނަދާ އަހަންނަށް ގޯހެއްނޫން! އެކަމަކު.. އިޙްތިރާމް...! އެކަކު އަނެކަކަށް އިޙްތިރާމްކުރަން ދަސްކުރަން ޖެހޭނެ! ނަދާއަށް އެއްވެސް ވަރަކަށް އަހަންނަށް އިޙްތިރާމެއް ނުކުރެވޭ! އަހަންނާ ވާހަކަ ދައްކަނީ ވަރަށް ހަރުކަށިކޮށް! ގަދަބަހުން ވާހަކަ ދައްކާތީ ބައެއް ފަހަރު އަހަރެން ފޫހިވާގޮތްވޭ! އަހަރެން ވިސްނައިދޭން ވާހަކަ ދެއްކިޔަސް ނަދާ އަންނަނީ ރުޅި! މި ލައިފްގަ އަހަންނަށް އިޙްސާސެއްނުވޭ އަހަންނަކީ ފިރިމީހާކަމެއްވެސް! އަހަންނަށް ފީލްވަނީ ހުރިހާ ބާރެއް އޮންނަނީ ނަދާގެ އަތުގައޭ! އަހަރެން މިއުޅެނީ ނަދާގެ ދަށު ވެގެންނޭ! "
ޒައިން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ. އެވާހަކަތައް އަޑުއަހަން ނަދާއިނީ ކޮންމެވެސް ވަރަކަށް ލަދުވެސް ގަނެފައެވެ.
" ތީތަ ޒައިން އަހަންނާމެދު ދެކޭގޮތް؟ އަހަރެން ދުވަހަކުވެސް ޒައިން ދަށުކުރަން މަސައްކަތެއް ނުކުރަން! "
އިންކާރު ކުރުމުގެ ގޮތުން ނަދާ ބުނެލިއެވެ. އެހެނަސް ޒައިން ދެފަރާތަށް ބޯހޫރާލިއެވެ.
" ނޫން! ކިތަންމެ ފަހަރަކު އެބަހުރި އަހަރެން ދަށުކޮށްލާފަ! ނަދާ ބުނާގޮތަކަށް ކަންތައް ނުކުރިއްޔާ ނަދާގެ މަންމަމެންނާ ހަމައަށްވެސް މައްސަަލަ ދާނެ! ކިތަންމެ ފަހަރަކު އެހެންވެސް ވެފަހުރީ! "
" އަހަރެން ބޭނުންވަނީ ލަންކާއަށް ދާން. "
ކުއްލިއަކަށް ޒައިންއަށް ސިހުންލިބުނީ ނަދާ ބުނެލި ޖުމްލައިންނެވެ.
" ތީއޭ މައްސަލައަކީ! ހަމަ ކަމެއްވާއިރަށް މާ އަވަހަށް ގޮތް ނިންމަނީ! ވިސްނާލުމެއްވެސް ނެތި އަންނަ ރުޅީގަ ގޮތް ކަނޑައަޅަނީ! "
ޒައިން ހިތްހަމަ ނުޖެހޭ ރާގަކަށް ބުނެލިއެވެ. އެއާއެކު ނަދާގެ އަޑު ތަންކޮޅެއް ގަދަވިއެވެ.
" ބުނެފީމެއްނު އަހަރެން ބޭނުމީ އެކޮޅަށް ދާށޭ! އަހަރެން ބޭނުން ޒައިން ބޭނުންވާ ކަހަލަ އަނތްބަކަށްވެސް ވާން! "
" އެކަމަކު.. ނަދާއަށް އެކަންޏެއް ނުދެވޭނެއެއްނު! "
ޒައިން އެހެން ބުނުމުން ނަދާއަށް ލިބުނީ ހައިރާންކަމެވެ.
" އަހަރެން މިބުނީ އަހަރެން އެކަނި ދާ ވާހަކައެއްނޫނޭ! އެކޮޅަށްގޮސް ދެމީހުން ޗުއްޓީއެއް ހަދާލަން ބޭނުންވަނީ! މީހުންނާ ވަކިން.. މީހުންނާ ދުރުން.... ރައްޓެހިވެގެން އުޅުނު އިރު އަހަރެމެން އުޅުނީ ކިހާ ލޯބިން؟ ޒައިން އެދުވަސްތައް ހަނދާންކޮށްބަލަ! "
ނަދާގެ ވިސްނުން މިހާރު ހުރީ ހީނަރުވެފައިވާ ދެމީހުންގެ ގުޅުން ރަނގަޅުކުރުމަށެވެ. ނަމަވެސް ޒައިން އެކަމާ ދެކޮޅުހެދިއެވެ.
" އެދުވަސްތައް ހަނދާން ކުރުމުން ކޮބާ ލިބޭ މޮޅެއް؟ ލޯބިން އުޅެން ޖެހޭނީ މިހާރު ދޯ! "
ޒައިން ފޫހި ރާގަކަށް ބުނެލިއެވެ. ޒައިންގެ އެއްވެސް ވިސްނުމެއް އެކަމުގައި ނެތުމުން ނަދާ ދެރަވިއެވެ.
" ޒައިން އަހަންނާއެކު ނުދާނަންތަ؟ "
" އަހަރެން ކޯސް ދޫކޮށްލައިފިން! "
ޒައިން އެހެން ބުނުމުން މިފަހަރުވެސް ނަދާއަށް ލިބުނީ ހައިރާންކަމެވެ. ކޯސްދޫކޮށްލާ މާލޭގައި އުޅެން ގަސްތުކޮށްގެން އުޅޭ ވާހަކަ ޒައިން ނުބުނީމަ ނަދާ ހިތްހަމަ ނުޖެހުނެވެ.
" ގޮތް ނިންމާއިރު ޒައިންވެސް އަހަންނާ ޝެއަރއެއް ނުކުރަމެއްނު! "
" ޝެއަރ ކުރާނީ ލޯބިން ވާހަކަ ދައްކާ މީހުންނާ! ސައްވީސްގަޑިއިރު ރުޅި އައިސް ހުންނަ މީހުންގާތު އަހަރެން ކޮން ވާހަކައެއް ދައްކާނީ ؟"
ޒައިން އެހެން ބުނުމުން ނަދާއަށް އިސްޖަހާލެވުނެވެ. ޙަޤީޤަތުގައިވެސް ޒައިން އޭނާދެކެ ނުރުހުން ވެފައިވާވަރު އިޙްސާސްކުރެވުނެވެ. ފޫހިވެފައިހުރިވަރު އެނގުނެވެ. އެހެންކަމުން ނަދާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ.
" އަހަރެން އެކަނިވެސް ހިނގައިދާނަން! އަހަރެން ލަންކާއަށް ފޮނުވައިދީ! އަހަރެން ބޭނުން ޒައިން ބޭނުންވާ ކަހަލަ އަނތްބަކަށް ވާން..."
ނަދާ އެހެން ބުނުމުން މަލާމާތުގެ ގޮތަކަށް ޒައިން ހީލިއެވެ.
" ލަންކާއަށް ފޮނުވީމަ ނަދާއަށް ހެޔޮ ބަދަލެއް އަންނަނީތަ؟ "
" މިވަގުތު ބޭނުންވަނީ ޒައިންގާތުން ދުރަށް ދާން.. ކުޑަ ދުވަސްކޮޅަކަށްވިޔަސް... "
ނަދާގެ ނިންމުން ބަދަލު ނުވުމުން ޒަައިން އެކަމަށް އެއްބަސްވިއެވެ.
" އެންމެ ރަނގަޅު! ދާން ތައްޔާރުވޭ! އެކަމަކު ދިޔުމަށްފަހު ހަނދާން ކުރާތި ބަލާ އަންނާށޭ ނުބުނަނީސް އަހަރެން ނަދާ ބަލައެއް ނުދާނަން! "
ޒައިން އެހެން ބުނުމުންވެސް ނަދާގެ ވިސްނުން ބަދަލެއް ނުކުރިއެވެ.
" އެންމެ ރަނގަޅު! އަހަރެން މިދަނީ އަހަރެން ދާން ބޭނުންވެގެން... އެއްވެސް ޙާލެއްގައި ޒައިންގެ ޙަޔާތުން ދުރަށް ދަނީކީ ނޫން.. އެކަން ހަނދާންނައްތާނުލާތި!"
އަސަރާއެކު ނަދާ ބުނެލިއެވެ. އިތުރަށް ނަދާއާ ވާހަކަ ދައްކަން ބޭނުން ނުވެގެން ޒައިން ހިތްހަމަ ނުޖެހިފައި ހުރެ، ބޭރަށް ނިކުތެވެ.
***
ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމުގައި އެންމެން ތިއްބެވެ. އެންމެންވެސް ތިބީ އެހާ މޫޑުގައި ނޫންކަން ފާހަގަކުރީ އަމީރާއެވެ.
" ފަހުމީ! މިއަދު މިކުދިންގެ އެއްވެސް ޖޯޝެއް ފޯރިއެއް ނެތްދޯ! މަންމަ މިއަދު އެހާ މީރުކޮށް ބަށި ހަނާކުރީމަވެސް އެއްވެސް ކުއްޖެއް ނުބުނޭ މީރެކޭވެސް.."
އަމީރާ ބޭނުންވީ ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ގެއްލުވާލާށެވެ.
" މަންމަ ކައްކާ އެއްވެސް އެއްޗެއް ނުބައެއް ނުވާނެ އެއްނު! "
ރޮށިކޮޅެއް ކާލަމުން އުޝާ ބުނެލީ ހީލަމުންނެވެ. ނަމަވެސް އޭރުވެސް ނަދާއާ ޒައިންގެ މޫނުމަތިން އުޖާލާކަންވަނީ ގެއްލިފައެވެ.
" ދަރިފުޅުމެންނަށް އެހެން އެއްޗެއް ހަދައިދޭންވީތަ؟ މާ ނޫންގޮތަކަށް ތިބެގެން ކާހެން ހީވަނީ"
ލޯތްބާއެކު އަމީރާ އެހެން ބުނުމުން ނަދާ ހީލަމުން ބޯހޫރާލިއެވެ.
" ނަދާ ލަންކާއަށް ދާން ބޭނުންވަނިއްޔޯ! "
ކުއްލިއަކަށް ހިތްހަމަ ނުޖެހުމުގެ ރާގަކަށް ޒައިން އެހެން ބުނުމުން ނަދާ ދިޔައީ ސިއްސައިގެންނެވެ. ޒައިންގެ މައިންބަފައިންގެ ކުރިމަތީގައި އޭނާ އެފަދަ ގޮތަކަށް ނަދާ ބޭޒާރުކޮށްލަފާނެކަމަކަށް ނަދާ ހިއެއްވެސް ނުކުރެއެވެ. ނަދާ ލަންކާއަށް ދާން ބޭނުންވާ ސަބަބު އިނގި ހުރެ ޒައިން އެހެން ބުނެފާނެ ކަމަކަށް ނަދާ ހިއެއްވެސް ނުކުރެއެވެ. ޒައިންގެ މައިންބަފައިން އެކަމު ތަފްސީލް ބޭނުން ވާނެކަން އެނގޭތީ ނަދާ އިނީ ވަރަށް ޖެހިލުންވެފައެވެ.
" ތެދެއްތަ ނަދާ؟ ކިހިނެއްވީ ކުއްލިއަކަށް ދާން ބޭނުންވީ؟ އަނެއްކާ މަންމަމެން ގޯހީތަ؟ ނޫނީ މިގޭތެރެއިން ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ހިނގީތަ؟ "
އަވަސް އަވަހަށް އަމީރާ ސުވާލު ކުރަމުން ދިޔައިރު ފަހުމީވެސް އިނީ ޖަވާބު ބޭނުންވާފަދަ ގޮތަކަށް ނަދާއަށް ބަލަހައްޓައިގެންނެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (14)
*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!