" ޒައިންއަށް އަހަރެންގެ ކިބައިގަ ހިތްހަމަޖެހޭ އެއްވެސް ސިފައެއް ހުރޭތަ؟ "
ރޮވޭފަދަ ގޮތަކަށް ރުޅިއައިސްހުރެ، ނަދާ އެހެން ބުނެ ދުވެފައި ސިޑިން އެރިއެވެ. ޒައިންއަށް ދެއަތުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތްކޮއްޕާލެވުނެވެ.
***
ސިޓިންގރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒައިންއަށް ބޭއިޙްތިޔާރުގައި އުޝާއަށް އިންތިޒާރުކުރެވެން ފެށުނެވެ. އުޝާއާ މަންމަ ނައިސްގެން ހިތް އަވަސްވާން ފެށިއެވެ. ޖީބުގައި އޮތް ފޯން ދެތިން ފަހަރެއްގެ މަތިން ނެގުނީ ގުޅާލަން ބޭނުންވެގެންނެވެ. ނަމަވެސް އެހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އިރުއިރުކޮޅުން ގަޑި ބެލުން ފިޔަވާ އިތުރުކަމެއް ޒައިންއަކަށް ނުކުރެވުނެވެ. އެންމެ ފަހުން އަނެއްކާވެސް އޭނާ ގޮސް ސޯފާގައި އިށީނެވެ. ހަމަ އެވަގުތެވެ. ސިޓިންގރޫމްގެ ދޮރު ހުޅުވުނު އަޑަށް ޒައިންއަށް ތެދުވެވުނެވެ. އަދި ދޮރާއިދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އެތެރެއަށް ވަދެގެން އައި އުޝާއާ މަންމަ ފެނުމުންނެވެ.
" ކިހިނެއްތަ ސްކޭން؟ ރަނގަޅުތަ؟ ބޭބީގެ ހާޓްބީޓް އުޝާއަށް އަޑު އިވުނުތަ؟ "
ސޯފާ ކައިރީގައި ހުރެ، އުޝާއާ ދިމާލަށް ހިނގައިގަންނަމުން ޒައިންއަށް ވާހަކަ ދެއްކުނީވެސް އަވަސް އަވަހަށެވެ. ޒައިންގެ އެ ޢަމަލުތަކުން އުޝާއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާ އެކަމަށް އެހާ ޝައުޤުވެރިވެދާނެކަމަށް ފަހަރެއްގައިވެސް އުޝާ ހިއެއް ނުކުރެއެވެ.
" އަލްޙަމްދުލިﷲ! ހުރިހާ ކަމެއްވެސް ރަނގަޅު! "
އުޝާ އަނގައިން ނުބުނެ ހުރުމުން ޒައިންގެ ސުވާލުތަކަށް ޖަވާބުދިނީ އަމީރާއެވެ.
" އުޝާ ދޭ އަރާމްކޮއްލަން! މިހާރު ހުންނާނީ ވަރަށް ވަރުބަލި ވެފައެއްނު! "
އުޝާގެ ގައިގައި އަތް ޖައްސާލަމުން އަމީރާ އަނެއްކާވެސް ވާހަކަދެއްކިއެވެ. ފުންނަޒަރަކުން ޒައިންގެ މޫނަށް ބަލާލަމުން އުޝާ ސިޑިއާ ދިމާއަަށް ހިނގައިގަތެވެ. އޭރު ނަދާ ތިރިއަށް ފައިބަނީއެވެ. ނަދާ ފޭބުމާއެކު އަމީރާގެ އެދުމުގެ މަތިން ޒައިންވެސް ކާމޭޒު ކައިރިއަށް އައެވެ.
" ކާން އުޅޭ! ބައްޕަ މިރޭ އަންނާނީ ތަންކޮޅެއް ލަހުން! ދެކުދިން ކާންވީނު! "
އުނދުންމަތީގައި ހުރި ރިހަ ތެލި މަތި ނަގަމުން އަމީރާ ބުނެލިއެވެ. އޭރު ނަދާ އުޅެނީ ތަށިތައް އެތުރުމުގައެވެ.
" މިއަދު އުޝާ އަސްލު ވަރަށް ދެރަވާނެ! ކްލިނިކްގައި މާބަނޑު މީހުންނާއެކު އައިސް ތިބީ މުޅިންވެސް އެމީހުންގެ ފިރިން! ދެމަފިރިން އެއްކޮށް ސްކޭނަށް ވަންނަނީވެސް! މަންމަގެ ހިތަށް ހާދަ އަސަރެއްކުރިއޭ! އުޝާ އަސްލު ވަރަށް ކެތްތެރި އިނގޭ! ކީއްކުރާނީ؟ ކިތަންމެ ރަނގަޅު ކުއްޖެއްވެސް ގޯސް މަގަކަށް އެޅިދާނެ! "
ރިހަ ބޯތަށި ގެނެސް މޭޒުމަތީގައި ބަހައްޓަމުން އަމީރާ ބުންޏެވެ. އަމީރާ އެމައުޟޫއަށް ވާހަކަ ދައްކަން ފެށުމުން ނަދާ އިތުރަށް ޝައުޤުވެރިވިއެވެ. ނަމަވެސް ޒައިންގެ މޫނުމަތިން އަދިވެސް ފެންނަނީ އުދާސްކަމެވެ.
" މަންމަގާތުވެސް އުޝާ ނުބުނޭތަ އެކުއްޖާގެ ބައްޕައަކީ ކާކުކަމެއް؟"
ގޮނޑި ދަމާލަމުން ނަދާ ބުނެލިއެވެ. އޭރު އާމިރާވެސް އައިސް އިށީންނަނީއެވެ.
" ހޫމް.. ނުބުނެޔޭ! މަންމަވެސް އެހިން ކާކުތޯ! އެކަމަކު އުޝާ ބޭނުމެއްނުވޭ އެމީހެއްގެ ވާހަކަ ދައްކާކަށް! މުޅިންވެސް ބުނަނީ ކުށެއް ކުރެވުނު ވާހަކަ! ދެން އުޝާ ބުނަން ބޭނުން ނުވަންޏާ މަންމަމެން ކީއްކުރާނީ؟ އުޝާއަށް ދެރަގޮތެއްވާން ނޭދޭތީ މަންމަމެން އުޝާ އަލުން މިގެއަށް ގެނައީ! ކޮންމެވެސް ދުވަހަކުން އަދި އެދަރިފުޅު ބޭނުން ވެގެން އެކުއްޖާގެ ބައްޕަ އަންނާނެ! "
ޔަޤީންކަމާއެކު އަމީރާ އެހެން ބުނެލީ ފެންތައްޓެއް އަޅަމުންނެވެ. މަންމައާ ނަދާގެ ވާހަކަތައް އަޑުއަހަން ޒައިންއަށް އުނދަގޫވަމުންދިޔައެވެ. އަދި އުޝާއާމެދު ވިސްނެން ފެށުނެވެ.
" އުޝާއަށް އެ ލަނޑު ލިބުނީމަ ވެދާނެ އެމީހާ އުޝާ ދޫކޮށްލީކަމަށް! ނޫނީ ބިރު ދެއްކީކަމަށްވެސް ވެދާނެ އެއްނު! "
އަމީރާގެ ވާހަކައަށް ނަދާ އިތުރުކޮށްލިއެވެ. ނަދާ ވާހަކަ ދައްކަންފެށުމުން ޒައިންގާތަށް ރުޅިއައެވެ.
" ދެން ހަމަ ކޮންމެ ކަމެއްގަ ތިހާވަރަށް ވިސްނަން ޖެހޭތަ؟ ވެދާނެ ވެދާނެ ކިޔައިގެން ވާހަކަ ދައްކާއިރު، އެންމެންނަށް އެބަ ފެނޭ އުޝާ އުޅޭ ޙާލު! އޭނަ ބުނަން ބޭނުން ނުވަންޏާ ނުބުނާނެއެއްނު! އެއީދެން މާ ބޮޑު ކަމަކަށް ހަދައިގެން ދައްކާވަރުގެ ކަމެއްތަ؟ "
ކޮށާފައިހުރި ރޮށިތަށި ދުރަށް ޖައްސާލަމުން ޒައިން ބާރުބާރަށް ތެދުވިއެވެ. އަދި ރުޅިއައިސްހުރެ، ގެއިން ނިކުމެގެން ދިޔައެވެ. އަމީރާއާ ނަދާއަށްވެސް ތިބެވުނީ ހިމޭންވެފައެވެ.
" ޒައިން ހާދަ ރުޅިއައީ ؟"
ހައިރާންކަމާއެކު ނަދާއަށް ބުނެވުނެވެ. ނަދާގެ މޫޑު ގޯސްވިކަން އެނގުމުން އަމީރާ ބޭނުންވީ ނަދާ ހަމައަކަށް އަޅުވާލާށެވެ. އެހެންކަމުން އޭނާ ގަދަކަމުން ހިނިގަނޑެއްޖަހާލުމަށްފަހު ވާހަކަ ދައްކަންފެށިއެވެ.
" އެކަހަލަ ވާހަކަ ދައްކަންޏާ ވަރަށް ރުޅި އަންނާނެ ޒައިން އަަބަދުވެސް! މަންމަދެކެވެސް ރުޅި އައިސްގެން އެދިޔައީ! އަޅާނުލާ! ގެއަށް އަންނައިރު ހުންނާނީ ހަމަޖެހިފަ! "
އަމީރާ އެހެން ބުނުމުން ބޯޖަހާލަމުން ނަދާވެސް ގަދަކަމުން ހިނިތުންވެލިއެވެ. ނަމަވެސް އޭރު ރުޅި އައިސްގެން އޭނާގެ އެތެރެހަށި ފިހެމުންދާކަމުގެ އިޙްސާސް ކުރެވެމުންދެއެވެ.
***
ޒައިން އިށީނދެލައިގެން އިނީ ހުޅުމާލޭގެ ހަމަހިމޭން އަތިރިމަތީގައެވެ. ރޭގަނޑުގެ އެވަގުތު، އޭނާ ބޭނުންވީ މީހުން މަދު އަމާން ތަނެއްގައި މަޑުކޮށްލުމަށެވެ. އޭނާ މިރޭ ހުޅުމާލެ އެއައީ ހަމައެކަނި އެ ސަަބަބަށްޓަކައެވެ. ދޮންވެލި ފަސްގަނޑުމަތީގައި އިށީނދެލައިގެން އިން އިރު ހަނދުގެ ފަނޑު އަލިން އެސަރަޙައްދު އެހާ އަނދިރިއެއް ނޫނެވެ. ދެކަކުލުގައި އަތް އަޅުވާލައިގެން ޒައިން އިނީ ފުން ވިސްނުމެއްގައެވެ. މިރޭ މަންމަ ދެއްކި ހުރިހާ ވާހަކައެއް އަލުން އޭނާއަށް އިވެމުންދާކަހަލައެވެ. އުޝާ ޒައިންއަށްޓަކައި އެވީ ޤުރުބާނީއަކީ ބޭވަފާތެރިއަކަށްޓަކައި އެއްވެސް މީހަކު ވާނެފަދަ ޤުރުބާނީއެއްނޫނޭ ހިތަށް އެރުމުން އޭނާގެ ހިތަށް ތަދުވިއެވެ. ޒައިންގެ އުފަލަށްޓަކައި އުޝާ، ޒައިން ފަޟީޙަތްކޮށްނުލީ ޒައިންދެކެ ހާދަ ލޯބިވާތީއޭ ހިތަށް އެރުމުން ޒައިން ދެރަވިއެވެ. އަދި ކުރިންވެސް އެކަނިވެރި ދުނިޔެއެއްގައި އުޅެމުންދިޔަ އުޝާއަށް އިތުރު ހިތްދަތިކަމަކާ ވޭން ތަޙައްމަލް ކުރަން ޖެހުމުގެ އަސްލަކީ ޚުދު ޒައިންކަން ޤަބޫލުކުރެވުމުން އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށުނެވެ.
" އަހަންނަކަށް ނުކެރޭނެ ދެން މަޢާފަށް އެދޭކަށްވެސް! އެކަމަކު އަދިވެސް ބޭނުން މަޢާފަށް އެދެން..."
ޒައިންއަށް ބުނެލެވުނެވެ. ހިތުގައި ބޮނޑިބޮނޑިވެފައިވާ އުދާސްތައް އެއްފަހަރާ ބޭރު ކޮށްލެވުމުން ޒައިންއަށް ކުޑަ ހަމަޖެހުމެއްލިބުނެވެ. އުޝާއާމެދު ހަމްދަރުދީ ވެވެން ފެށުނެވެ. އުޝާއާ ދޭތެރޭ ކަންތައް ކުރެވުނުގޮތް ހިތަށް އެރުމުން އޭނާ ލަދުގަނެ ދެރަވިއެވެ. އެދުވަހު އުޝާއަކީ އޭނާއަށް އެއްވެސް މީހެއް ނޫނެވެ. އެންމެ ކުޑަމިނުން އޭރު އުޝާ އޭނާދެކެ ފުންމިނުންވީ ލޯތްބަށްވެސް ޤަދަރެއް ނުކުރެވުނެވެ. ސީރިއަސްއެއް ނުވެވުނެވެ.
އެކި ކުލަތަކުން ދިއްލާލައިގެން ދުރުން ދުއްވާފައިދާ ސަފާރީއަކަށް ބަލަހައްޓައިގެން އިން ޒައިން ސިހުނީ ފަޓްލޫންގެ ޖީބުން ފޯން ވައިބްރޭޓްވާ އަޑަށެވެ. ފޯންނަގާ ބަލާލިއިރު ގުޅަނީ ނަދާއެވެ. ފޯން ނަގާ ޚިޔާލެއް އޭނާގެ ނެތްކަހަލައެވެ. އިންތަނުން ތެދުވުމަށްފަހު، ގައިން ވެލި ފޮޅާލިއެވެ. އަދި ސައިކަލާ ދިމާލަށްދާން ހިނގައިގަތެވެ. އޭރުވެސް ފުލުފުލުން ނަދާ ގުޅަމުންދެއެވެ. ފޯނަށް ޖަވާބު ދިނުމެއްނެތި ޒައިން މިސްރާބުޖެހީ މާލެ ދިޔުމަށެވެ.
***
ކޮޓަރި ދޮރު ހުޅުވާލުމާއެކު މޫނުމަތީގައި ފުރަތަމަވެސް ޖެހުނީ ބާލީހެވެ. މޫނުގައި ޖެހިފައި ތިރިއަށް ވެއްޓުނު ބާލީސް ނެގުމަށްފަހު ޒައިން އެތެރެއަށްވަދެ ތަޅުލިއެވެ. އޭރު އެނދުގެ މެދުގައި ފައިވަށްކޮށްގެން އިން ނަދާ ހީވާނީ ފުއްޕި ކުކުޅެއް ހެންނެވެ. ނަދާ އިން ގޮތް ފެނި، ޒައިންގާތަށް ހިނިއައެވެ. ޒައިން ހިނިއައުމުން ނަދާ އިތުރަށް ރުޅިއައެވެ.
" ޒައިން ބޭނުންވީމަ ޒައިން ހޭންވީ! ޒައިން ބޭނުންވީމަ އަހަރެން ބަވާވެސް ލާންވީ! "
ރުޅިއައިސް ލޯއަޅާލަމުން ނަދާ ބުނެލިއެވެ. އެއާއެކު ޒައިން އެނދުމަތީގައި އިށީނދެލިއެވެ.
" ހާދަ ރުޅި އައިސް؟ "
" އަހަރެންވާ ރުޅި މަޑު! ޒައިންއަށް ހެޔޮ މީހުންގެ ކުރިމަތީގަ އަހަންނާދިމާލަށް ކޮންމެ އެއްޗެއް ކިޔަންވެސް! އަހަރެން ކިރިޔާ އެއްޗެއް ބުނެލާއިރަށް ބަވާލާފަ ދިޔައީ ރުޅިއައިސްގެން! އަހަރެން ވަކި ރުޅިއެއް ނާންނާނެތަ ތިހެން ކަންތައް ކުރީމަ! ދެން އަހަރެން އެއްޗެއް ބުނާއިރަށް އަނެއްކާ ޒައިން ވާނެ ރުޅި އަންނަން! އަބަދުވެސް މިކަހަލަ ހަމަނުޖެހުމެއްގަ އުޅެން މިޖެހެނީ! "
ނަދާ ޒައިންއަށް ބަލާލިއެވެ. އޭރުވެސް އޭނާގެ މޫނުމަތީގައި ހުރީ ރުޅިވެރިކަމުގެ އަސަރުތަކެވެ. ހެޑްބޯޑުގައި ބޯ ޖައްސާލައިގެން ދެފައި ދަމާލައިގެން ޒައިން އިނީ ނަދާއަށް ބަލަހައްޓައިގެންނެވެ.
" އަހަރެން ބުނީ ދޮގު ވާހަކައެއް ނޫނޭ! އަބަދުވެސް ކޮންމެވެސް މީހެއްގެ ވާހަކަ ދައްކާނީ! ނޭނގޭ ވާހަކަ ނުދެއްކީމަ ނިމުނީނު! ހީވާ ހީވުމަށް ކީއްކުރަން ވާހަކަ ފަތުރަންވީ ؟ "
ޒައިން އެހެން ބުނުމުން ނަދާ އިތުރަށް އެއްޗެއް ނުބުނެ ތެދުވެގެން ފާޚާނާއަށް ވަނެވެ. އޭރުވެސް ޒައިން އިނީ ދެލޯމަރާލައިގެން ކޮންމެވެސް ފިކުރެއްގައެވެ.
" އަހަންނަށް ހީވޭ ޒައިން ކޮންމެވެސް ކަމަކާ ވަރަށް ފިކުރު ކުރާހެން! މާލެ އައިފަހުން ޒައިން ވަރަށް ބަދަލް ވެއްޖެ! "
ނަދާ ފާޚާނާއިން ނިކުތް އިރުވެސް ޒައިން އިނީ އެ އިން ގޮތަށެވެ. ޒައިން އެއްޗެއް ބުނުމުގެ ކުރިން މިފަހަރުވެސް ވާހަކަ ދެއްކީ ނަދާއެވެ.
" ލަންކާއަށް ދާންވީތަ؟"
ނަދާގެ ކުރު ސުވާލުން ޒައިން ލޯ ހުޅުވާލިއެވެ.
" ނަދާ ބުނާ ކޮންމެ ގޮތަކަށް އަހަރެން އުޅެންޖެހެނީ! ނަދާ ބޭނުންވާ އެއްޗެއް ބުނަން ޖެހެނީ! މަށަށް މިނިވަން ކަމެއް އެބައޮތްތަ؟"
ޒައިން އެހެން ބުނުމުން ނަދާ ދެރަވެއްޖެއެވެ. އެހެނަސް އަދިވެސް އޭނާ ހުރީ ގޮތްދޫ ކުރާ ގޮތަކަށް ނޫނެވެ.
" ނޭނގެ ދެން! މިކޮޅަށް އައިފަހުން ޒައިންއެކޭ ބުދެކޭ އެއްގޮތް! ދެން މިހެން ބުނީމަވެސް ރުޅި އަންނަންވީ މަދެކެ! ތީ ކުރިން ޒައިން އުޅުނު ގޮތެއް ނޫން!"
އެކަކު އަނެކަކަށް ދޫނުކޮށް ދެމީހުން ކުދި ކިޔަމުންދިޔައެވެ. އެންމެ ފަހުން ޒައިން ރުޅިއައިސްގެން ބޭރަށް ނިކުންނަން ހިނގައިގަތެވެ.
" މަ ރުޅިއަރުވާލާފަ ކޮންމެ ފަހަރަކު ތިހެންނެއް ނުދެވޭނެ! މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސަންޖެހޭނީ!" ބާރުބާރަށް އައިސް ޒައިންގެ އަތުގައި ހިފަމުން ނަދާ ބުނެލިއެވެ. އޭރު އެއް އަތުން ކޮޓަރީގެ ދޮރު ހުޅުވައިފިއެވެ. އެއާއެކު އުޝާވެސް ކޮޓަރިން ނިކުންނަތަން ޒައިންއަށް ފެނުނެވެ.
" އަހަރެން ބުނެފީމެއްނު ނުދެވޭނެޔޭ! "
ތަންކޮޅެއް ބާރަށް ނަދާ ބުނި އަޑަށް ސިހިފައި އުޝާއަށްވެސް ބަލާލެވުނެވެ. އެހިނދު އޭނާއަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. ހުއްޓުން އަރާފައި ހުރި ޒައިންގެ އަތުގައި ހިފައިގެން ހުރި ނަދާ ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ.
" ޒައިން ކީއްވެތަ ތިހެން ތި ހަދަނީ؟ ރަނގަޅުވާން އަހަރެން ކިތަންމެ މަސައްކަތެއް ކުރިޔަސް ޒައިންގެ ތި ހުންނަ ރޫޑް ގޮތަކުން އަހަންނަށްވެސް ރުޅި އާދެވެނީ!"
އުޝާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ޒައިންއަށް ކޮޓަރި ތެރެއަށް ވަންނަން މަޖުބޫރުވީ ނަދާ އޭނާގެ އަތުގައި ހިފާ އެތެރެއަށް ދަމައިގަތުމުންނެވެ.
ޒައިންއާ ނަދާގެ ގުޅުން ރަނގަޅު ނޫންކަން އުޝާއަށް އެނގެއެވެ. އެއީ އުފާވެރި ދިރިއުޅުމެއް ނޫންކަންވެސް އުޝާއަށް އެނގެއެވެ. ނަމަވެސް އެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް އުޝާ ބޭނުމެއް ނޫނެވެ. ލަސްލަހުން ސިޑިން ފައިބަމުން އައި އިރުގައިވެސް އުޝާގެ ޚިޔާލުތައްވަނީ ޒައިންއާއެކުއެވެ. އޭނާ ޒައިންއާއެކު އުޅުނުއިރު ދުވަހަކުވެސް ޒައިންދެކެ ރުޅިއެއް ނާދެއެވެ. ދެމީހުން ދުވަހަކުވެސް މައްސަލައެއްވެސް ނުޖެހެއެވެ. ހޭދަވި ކޮންމެ ދުވަހަކީވެސް ލޯބިން ފުރިފައިވީ ދުވަހެކެވެ. އެ ދުވަސްތައް ހަނދާނަށް އަންނަން ފެށުމުން އުޝާއަށް ހިނިތުންވެލެވުނެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނުހެންވެސް ހީވިއެވެ. އައިސްފެން ފުޅިއަކާއި ބިއްލޫރިތައްޓެއް ހިފައިގެން އުޝާ މޭޒުކައިރީ އިށީނީ ހަމަޖެހިލާށެވެ. އިރުކޮޅަކު އެހެން އިންދާ އޭނާ ސިހުނީ އެތެރެއަށް ވަތް ނަދާއާ ޒައިން ފެނުމުންނެވެ. މިހާރު އެދެމީހުންގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ފެންނަން ހުރި ކަހަލައެވެ.
" އުޝާ ވެއްޖެ އަހަންނަށް ވަރަށް ބޮޑު ކަމެއް ކޮއްދޭން! "
އުޝާ ފެނުމާާއެކު އަވަސް އަވަހަށް ނަދާ ބުނެލިއެވެ. އެއާއެކު ސުވާލުގެ ނަޒަރަކުން އުޝާ ބަލާލީ ނަދާގެ މޫނަށެވެ. އޭރު ޒައިންވެސް އައިސް މޭޒުކައިރީގައި އިށީނދެއްޖެއެވެ.
" ތިހެން މަޑުން ހުންނަން އަހަންނަށް ދަސްކޮށްދީބަލަ! ބޭކާރު ވާހަކަ ދެއްކުމާ، މާ ވާހަކަ ގިނަވުމާ، ސިނގު ރުޅި އައުމާ މިހެން ގޮސް މިބާވަތުގެ ހުރިހާ ސިފައެއް އަހަރެންގެ ހުރެޔޭ! ބުނެދީބަލަ އަހަންނަށް މަޑުމައިތިރިވާނެ ގޮތެއް! "
މަޖާ ރާގަކަށް ނަދާ އެހެން ބުނެލީ ޒައިންއަށް ބަލާލަމުންނެވެ. ނަމަވެސް ފޯނާކުޅެން އިން ޒައިން ނަދާގެ ވާހަކަތަކަށް މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ.
" އަހަރެންވެސް ކުރީގަ އުޅުނީ ވަރަށް އުފާވެރިކޮށް! އެކަމަކު މިހާރު، އަހަރެންލާ ކޮންމެ ނޭވާއަކާއެކު ދިރިހުރުމާމެދު ވިސްނަން ޖެހޭ! ބަނޑުގައި މިވާ ދަރިފުޅަށްޓަކައި ހިތްވަރު ކުރަންޖެހޭ! ކޮންމެ ދުވަހަކުވެސް އަހަންނަށް އަހަރެންގެ ނިކަމެތިކަން އިޙްސާސްވޭ! އަދި މިއަދުވެސް މިގެއިން ނިކުންނަން ޖެހިއްޖެ ހިނދެއްގައި ބިކަވާނީ ހަމައެކަނި އަހަންނެއްނޫނޭ ހިތަށް އަރަނީ! ކުރިން އެކަނިމާއެކަނިވެސް އުޅުނީ! އެކަމަކުދެން އަހަރެން ވިސްނަންޖެހޭ އިތުރު ޒިންމާއެއްވެސް އެބައޮތް! ދެން ނަދާ ބުނެބަލަ! އަހަރެންނަށް މިހާރު އުފަލުގައި ހުރެވިދާނެތަ؟ އަހަރެންގެ އުފަލާއި ހިނިތުންވުން މާކުރިން އަހަރެން އެހެން މީހަކަށް ހިބަކޮށްދިނިން! އެކަމަކު އޭނަ، އަހަރެންގެ އެ އުފާވެރިކަމާ ހިނިތުންވުން ދާއިމަށް މި ދުނިޔެއިން ނައްތާލައިފި! "
ކުރިމަތީގައި އިން ޒައިންއަށް ބަލާލަމުން އުޝާ ބުނެލިއެވެ. އުޝާގެ ޖުމްލަތައް ޒައިންގެ ކަންފަތާއި ހަމައަށް ފޯރީ ވަރަށްވެސް ތޫނުކޮށެވެ.
" ސޮރީ އުޝާ! ފަހަރެއްގައިވެސް އުޝާ ދެރަކޮށްލާކަށްނޫން އެހެން މިބުނީ! ދެރަނުވޭ! އަދި އިރާދަކުރެއްވިއްޔާ އުޝާއަށް އުޝާގެ ލޯބި ލިބޭނެ!"
ނަދާ އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު އުޝާއަށް އެއްމިޔަކަނުން ހީލެވުނެވެ.
" އަހަރެންގެ ލޯބި ދުވަހަކުވެސް އަހަންނަކަށް ނުލިބޭނެ! އެއީ މިހާރު އެހެން މީހެއްގެ ޙައްޤެއް! "
މަޑުމަޑުން އުޝާ އެހެން ބުނެލުމާއެކު އުޝާގެ މޫނަށް ޒައިންއަށް ބަލާލެވުނެވެ. އޭރު ނަދާއަށް އިނދެވުނީ ޒައިންގެ މޫނަށް ބަލަހައްޓައިގެންނެވެ.
" އޭނަ އެއް އިރަކުވެސް އަހަރެންދެކެ ލޯތްބެއް ނުވޭ! "
އަނެއްކާވެސް އުޝާ ބުނެލިއެވެ. އެއާއެކު ޒައިންއަކަށް މަޑަކުން ނީނދެވުނެވެ.
" ލޯތްބަކީ ވެވޭ އެއްޗެއް ! ކޮންމެ ފަދަ އިރެއްގައިވެސް ލޯބި ވެވިދާނެ!"
ޒައިން އެހެން ބުނުމުން ނަދާއަށް ލިބުނީ ހައިރާންކަމެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (13)
*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!