ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (14)

Mihithah libey veyn Kalaa ah engey hey?

ކުރީގެ ޢަދަދާއިގުޅޭ،

" ތެދެއްތަ ނަދާ؟ ކިހިނެއްވީ ކުއްލިއަކަށް ދާން ބޭނުންވީ؟ އަނެއްކާ މަންމަމެން ގޯހީތަ؟ ނޫނީ މިގޭތެރެއިން ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ހިނގީތަ؟ "

އަވަސް އަވަހަށް އަމީރާ ސުވާލު ކުރަމުން ދިޔައިރު ފަހުމީވެސް އިނީ ޖަވާބު ބޭނުންވާފަދަ ގޮތަކަށް ނަދާއަށް ބަލަހައްޓައިގެންނެވެ.

" ނޫނޭ މަންމާ! އެއްވެސްކަމެއް ނުވޭ! އަހަރެން ހަމަ މަންމަމެން ދެކިލާހިތްވީ! ޒައިންވެސް ކޯސް ދޫކޮށްލީމަ، ދެމީހުންވެސް މިކޮޅުގައެއްނު އަބަދުވެސް އުޅޭނީ! އެހެންވެ، ކުޑަކޮށް ޝޮޕިންގ ކޮށްލާށާއެކު މަންމަމެން ގާތަށް ދާންވެގެން..."

ނަދާ އެހެން ބުނުމުން އަމީރާގެ ހިތަށް ހަމަޖެހުން ލިބުނު ކަހަލައެވެ. ހާސްކަން ވެރިވެފައިވާ އޭނާގެ މޫނުމަތި ކުއްލިއަކަށް އުޖާލާވެގެން ދިޔައެވެ.

" އެހެންދޯ! އާނ ނަދާވެސް މަންމަމެން ގާތަށް ދާންޖެހޭނެ އެއްނު! ޒައިންއާ ދެކުދިން ގޮސްލާފަ އާދޭ! "

ޒައިންއަށް ބަލާލަމުން އަމީރާ އެހެން ބުނުމާއެކު ޒައިން ނަދާއަށް ބަލާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" މިފަހަރު ދަނީ ނަދާ އެކަންޏޯދޯ! "

" އެކަންޏޭ! ސުބްޙާނަﷲ! އެހެން ހަދާކަށް ނުވާނެއެއްނު! ނަދާގެ ބައްޕަ ހިތްހަމައެއް ނުޖެހޭނެ! "

ދެލޯ ބޮޑުކޮށްފައި އަމީރާ ބުނެލިއެވެ. އޭރު ފަހުމީގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

" އެކަނިވެސް ދަތުރު ކުރެވޭނެ! އެއީ އެހާ ބޮޑުކަމެއްނޫނޭ! މަންމަމެން އެކަމާ ކަންބޮޑުނުވޭ! އަހަރެން އެކަން ހަމަޖައްސާލާނަން!"

ކައި ނިންމާލުމަށްފަހު އަވަސް އަވަހަށް ތަށި ހިފައިގެން ނަދާ ތެދުވީ އިތުރަށް އެވާހަކަތައް ދައްކަން ބޭނުން ނުވާތީއެވެ. އޭރުވެސް ރޮށިކޮޅެއް ހިފައިގެން ނުކެވިފައި އުޝާ އިނީ މަންޒަރު ބަލާށެވެ.

" ނަދާ އެހެން ބުންޏަސް ދަރިފުޅު ޖެހޭނެ ދާން! "

ނަދާ ދިޔުމާއެކު ސިއްރުސިއްރުން އަމީރާ ޒައިންގާތު ބުނެލިއެވެ. ޒައިންއަށް ބަލާލެވުނީ އުޝާގެ މޫނަށެވެ.

" ޕިސް! އެއީ ތަންދޮރު ނޭނގޭ ވަރުގެ ކުޑަކުއްޖެއް ނޫނެއްނު! އަހަރެން އެކޮޅަށް އޭނަ ބަލައިދާނަމޭ! ދެން އަބަދު ކިހިނެއްތަ ދެކޮޅަށް ދެމީހުން ބުރު ޖަހާނީ! އަހަރެން މިއުޅެނީ މިކޮޅުން ވަޒީފާއަކަށް ވަންނަން.. އެހެންނެއް ދެން ނުދެވޭނެ! "

ޒައިން އެހެން ބުނުމުން މިފަހަރު ވާހަކަ ދެއްކީ ފަހުމީއެވެ.

" ދަރިފުޅު ނުކިޔަވާ ވަޒީފާއަށް ވަންނަން ތިއުޅެނީ؟ ތީ ކަމުދާ ގޮތެއް ނޫން..."

" ގިނައިން ރުފިޔާ ލިބެންޏާ ރަނގަޅެއްނު! އެއްކަލަ މާނިޙްއާ ދެމީހުން ވައިރިން މަސައްކަތްތައް ކުރަން ކޮންޕެނީއެއް ހަދަން ވެގެން މިއުޅެނީ! ވަރަށް ރުފިޔާ ލިބޭ ކަމެއް އެއީ! މާނިޙް މިހާރު އެކަމުގެ ކޯހެއްވެސް ހަދައިފި! އަހަރެން ދެން އޭނަ ކައިރިން ދަސްކުރާނީ! ބައްޕަމެން ހާސްނުވޭ! އިންޝާﷲ ރަނގަޅުވާނެ!"

ބައްޕަމެން އެއްޗެއް ބުނަން ވާއިރަށް ޒައިންވެސް ތެދުވެގެން ހިނގައްޖެއެވެ.

" ކީކޭ ދެން ބުނާނީ؟ "

ދެފަރާތަށް ބޯ ހޫރާލަމުން ފަހުމީ ބުނެލީ އަމީރާއަށް ބަލާލަމުންނެވެ.

" އެއްޗެއް ބުނާނެ ކަމެއްނެތް! އެހުރީ ބޮޑެތިވެފަ! އެމީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަންނާނެ ކަމެއް ނެތް! އެކުދިން ބޭނުންވާ ކަމެއް ބޭނުން އިރަކު ބޭނުން ގޮތަކަށް ކުރަން ދޫކޮށްލީމަ ރަނގަޅުވާނެ! އަހަރެމެން އެއްޗެއް ބުނުމުގެ ބޭނުމެއް އެބައޮތްތަ؟ "

އަސަރާއެކު އަމީރާ އެހެން ބުނުމުން އުޝާއަށް އިސްޖަހާލެވުނީ ދެރަވެފައި އިން އަމީރާގެ މޫނަށް ބަލާލަން ނުކެރިގެންނެވެ. އެއީ އޭނާ ހިތުގައި ޖެހިފައިވާވަރު އެނގޭތީއެވެ.

***

" ކީއްކުރަން މަންމަ ގާތު އަހަރެން ލަންކާއަށް ދާވާހަކަ ބުނީ؟ "

ޒައިން ގޮސް ކޮޓަރިއަށް ވަނުމާއެކު އެނދުމަތީގައި އޮތް ނަދާ ހިތްހަމަނުޖެހޭ ރާގަކަށް ބުނެލިއެވެ. ނަދާގެ ރާގު ހުރި ގޮތުން ޒައިންވެސް ހިތްހަމަ ނުޖެހުނެވެ.

" އަހަންނަކަށް ކުރިއަކުން ނޭނގެ ނަދާ ފިލައިގެން ކަމެއް ދާން ތިއުޅުނީ "

ޒައިން އެނދުމަތީގައި އޮށޯވެލިއެވެ. އަދި ބްލޭންކެޓް ނަގާ ދެފައި ނިވާކޮށްލިއެވެ.

" އަހަރެން ތިހެންނެއް ނުބުނަމެއްނު! ޒައިން ބުނި ގޮތުން އަހަރެން ވަރަށް މޫޑުއޮފްވި! "

" ނަދާ މޫޑު އޮފް ނުވާ އިރެއް ނާދެ މިހާރަކު! އަބަދުވެސް އޮފް ވެފަ! ނަދާއާ އަނގައިން ބުނެލާނެ ގޮތެއްވެސް ނޭނގެ! "

ޒައިން ބޭނުންވީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާށެވެ. ޒައިން މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަން ފެށުމުން  ނަދާގެ މޫނުމަތީގައިވާ ނުރުހުންތެރިކަން މޮޅިވެރިކަމަށް ބަދަލްވެއްޖެއެވެ. އޭނާ މަޑުމަޑުން އައިސް ޒައިންގެ މޭމަތީގައި ބޯއަޅާލިއެވެ.

" އަސްލު ބުނަންތަ؟ މާލެ އައިފަހުން އަހަންނަށް ހީވަނީ ޒައިން ވަރަށް ބޮޑަށް ބަދަލް ވެއްޖެހެން! ވަރަށް ތަފާތު! އަހަންނަކަށްވެސް އެއްވެސް ސަމާލުކަމެއްނުދޭ! އަބަދުވެސް ހީވަނީ ވަރަށް ފުން ވިސްނުމެއްގައި އުޅޭހެން! ކަމަކާ ފިކުރު ކުރާހެން..! އަހަންނަކީ އަވަހަށް ސިނގު ރުޅި އަންނަ މީހެއްވީމަ އަހަންނަށް ރުޅި އާދެވެނީ! އެކަމަކު އަސްލު ރުޅިއަށްވުރެ ބޮޑަށް ދެރަވަނީ! ހިތުގައި ޖެހެނީ."

ނަދާ އޭނާގެ ހިތުގައިވާ އުދާސްތައް އެއްފަހަރާ ކަހަލަ ގޮތަކަށް ބަންޑުންކޮށްލިއެވެ. އެވާހަކަތައް އަޑުއަހަން ޒައިން އޮތީ މަޑުމަޑުންނެވެ. ނަދާ ވާހަކަ ދައްކާ ނިމުމުންވެސް އޭނާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

" ކިހިނެއްވީ؟ އެއްވެސް އެއްޗެއް ހަމަ ނުބުނާނަންތަ؟ "

ބޯހިއްލާލަމުން ނަދާ ޒައިންގެ މޫނަށް ބަލާލިއެވެ.

" ކީކޭ ދެން ބުނާނީ؟ އަހަރެން ނަދާއާމެދު ގޯސްކޮށް އެއްވެސް ކަމެއް ނުކުރަން! ސަމާލުކަން ނުދީއެއްވެސް ނުހުންނަން! ދެން ލަންކާގައި ދާނެ ތަނެއް ނެތިގެން ނޫނީ ރައްޓެހިން ނޫޅޭތީ އަބަދު ގޭގައެއްނު މަ އޮންނަނީ! އަނެއްކާ ނަދާވެސް އަބަދު ހުންނާނީ ގޭގަ! އެކަމު މިތާންގަ އަހަރެންގެ މައިންބަފައިންވެސް އުޅޭ! މާލޭގައި މަގޭ ބައިވަރު ރައްޓެހިން އުޅޭ.. ދެން އެކަހަލަ ކަންކަމާ ހިތްހަމަ ނުޖެހެންވީ؟ "

ޒައިން މާ ނޭވާއެއް ދޫކޮށްލާފައި އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަހަންނަށް ވަރަށް ކަމުނުދާ ސިފައެއް އެއީ އަވަހަށް ރުޅިއައުން.. އެއްޗެހި އުކާ ބާލީހުން ތަޅާ ހެދީމަ އަހަންނަށް ވަރަށް ހަޑި! ފިރިމީހާއަށް ޤަދަރުކުރަން ނޭނގުމަކީ ވަރަށް ދެރަކަމެއް! ދިރިއުޅުމުގައި ދިމާވާ ކަންތައްތަކަށް ކުރިމަތިލާންޖެހޭނީ ކެތްތެރިކަމާއެކު! އަދި ތިއަށްވުރެން ބޮޑެތި ކަންކަމާ ކުރިމަތިލާންޖެހިދާނެ! ކޮންމެ ކަމެއްގައި ރުޅި އައުމަކީ ޙައްލެއް ނޫން.."

ޒައިން އެހެން ބުނުމުން ނަދާ ޤަބޫލު ކުރުމުގެ ގޮތުން ބޯޖަހާލިއެެވެ. އެއާއެކު އޭނާގެ ވާހަކަ ދެއްކުމުގެ ރާގު ބަދަލު ވެގެން ދިޔައެވެ. އަދި ލޯބިވެތި ގޮތަކަށް ހީލަމުން މައުޟޫ ބަދަލުކޮށްލިއެވެ.

" ދާނަންދޯ އަހަންނާއެކު ލަންކާއަށް؟"

" ނޫނޭ! ނުދެވޭނޭ! މާނިޙްއާއެކު ކޮމްޕެނީއެއް އުފައްދައިގެން ވިޔަފާރިއެއް ފަށަން މިއުޅެނީ! މާނިޙް އަދިވީ މެލޭޝިޔާގަ! އޭނާ އަންނާނެ ކޯސް ނިންމާފަ ދެތިން މަހެއްގެ ތެރޭ! އޭގެ ކުރިން މާލޭން ކުރަން ޖެހޭ ހުރިހާކަމެއް އަހަރެން ކުރަންޖެހޭނެ! އަންޑަސްޓޭންޑްވޭ!"

މިފަހަރު ނަދާ ދެކޮޅެއް ނެހެދިއެވެ. ޒައިންގެ ވާހަކަތައް އަނެއްކާވެސް އޭނާ ޤަބޫލުކުރިއެވެ. އެހެންކަމުން އިތުރަށް ދެމީހުންގެ ދެމެދު ދެބަސްވާކަށް ނުޖެހުނެވެ.

***

ދެދުވަސް ފާއިތުވެގެން ދިޔައިރުގައިވެސް ޒަައިންއަށް އުޝާއެއް ނުފެނެއެވެ. ކާވަގުތު ތަކުގައިވެސް އޭނާ ކާކަށް ނާދެއެވެ. އެހެނަސް އުޝާގެ ވާހަކަ އަހާލާކަށް އޭނާއަކަށް ނުކެރެއެވެ. ޓީވީ އަޅުވައިގެން ޒައިން ސޯފާގައި އޮތް އިރުގައިވެސް ސިކުނޑީގައި އެނބުރެމުންދަނީ އުޝާގެ ޚިޔާލްތަކެވެ. އެހެން އޮއްވާ ކުއްލިއަކަށް އޭނާ ސިހުނީ މަންމަ އައިސް ޗެނަލް ބަދަލްކޮށްލުމުންނެވެ.

" މަންމަ ޚަބަރު ބަލާލަން ވެގެން.."

މަންމަ އައިސް އިށީނުމުން ޒައިން ތެދުވެ ހަމަޖެހިލިއެވެ. އަދި ޓީވީއަށް ގެއްލިފައި އިން މަންމައަށް ބަލަހައްޓައިގެން އިނދެވުނީ އުޝާގެ ވާހަކަ ފަށާނެ ގޮތެއް ނޭނގިގެންނެވެ.

" މަ..މަންމާ! ކޮބާތަ އުޝާ ؟ މި ދެދުވަހު ނުވެސް ފެނޭ! "

ވަރަށް އާދައިގެ ގޮތަކަށް އަހާލާކަމަށް ހަދާފައި ޒައިން އެހިއެވެ. އެއާއެކު ދެރަވެލާފައި މަންމަ ޖަވާބުދިނެވެ.

" ދަރިފުޅުމެން އަބަދު މަތީގައި އުޅޭއިރު އުޝާގެ ޙާލެއްވެސް ބަލައެއް ނުލަންތަ؟ ދަރިފުޅަކީ ފިރިހެން ކުއްޖަކަށްވީމަ އެތަނަށް ނުވަނަކަސް ނަދާއަށް ވަދެލެވޭނެދޯ! އޭނަ މި ދެދުވަހު އުޅެނީ ވަރަށް ބަލިކޮށް! ކުއްލި ކުއްލިއަށް އުނަގަނޑަށް ތަދެއް އަރަނީ!"

އަމީރާ އެހެން ބުނުމުން ޒައިންގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. އެހެންކަމުން އޭނާ އިތުރަށް ސުވާލުކުރަން ފެށިއެވެ.

" ބޭބީއަށް ގެއްލުންވާނެތަ؟ "

" ނޭނގެދޯ ކީއްވެ ރިއްސާ ރިއްސުމެއްކަމެއްވެސް.. ޑޮކްޓަރަށް ދައްކާލަން ހިނގާށޭވެސް ބުނެފިން.. އެކަމަކު ނޫޅޭ ދާކަށް!"

އަމީރާ އެހެން ބުނުމާއެކު ޒައިން ތެދުވިއެވެ. އަދި އުޝާގާތަށް ވަދެލާނަމޭ ބުނެ، ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

" ދަރިފުޅުވެސް ބުނެބަލަ ޑޮކްޓަރަށް ދައްކަންދާން.."

މަންމަ އެހެން ބުނުމުން ޒައިން ބޯޖަހާލިއެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އުޝާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ޚަބަރެއް ނުވުމުން ހާސްހިތަކައިގެން ހުރެ، ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. އަދި އެތެރެއަށް ބޯދިއްކޮށްލުމަށްފަހު އެނދާއި ދިމާލަށް ބަލާލިއެެވެ. އެވަގުތު އަރާމު ނިންޖަކުން، ނިދާލާފައި އޮތް އުޝާ އޭނާއަށް ފެނުނެވެ. ބޭއިޙްތިޔާރުގައި ޒައިންއަށް އެތެރެއަށް ވަދެވުނެވެ. އަދި ލަސް ފިޔަވަޅުތަކެއްގައި ގޮސް އުޝާގެ މަގަތުގައި އިށީނެވެ. އޭރު އުޝާގެ އޮމާން މޫނުމައްޗަށް އިސްތަށިކޮޅެއް ފައިބައިފައި އޮތެވެ. އިރުކޮޅަކު ޒައިން އުޝާއަށް ބަލަން އިނެވެ. ބަނޑުމަތީގައި އަތްބާއްވާލައިގެން އޮތް އުޝާގެ ބަނޑާ ދިމާލަށް ޒައިންއަށް ބަލާލެވުނެވެ. އެބަނޑުގައި އެވަނީ ޒައިންގެ ދަރިއެއްކަން އޭނާއަށް އެނގެއެވެ. އެއީ އޭނާގެ ލެޔޭ ހިތަށް އެރުމުން ބޭއިޙްތިޔާރުގައި އުޝާގެ އަތުގައި ހިފާލެވުނެވެ. އެއާއެކު ސިހިފައި އުޝާގެ ދެލޯ ހުޅުވާލެވުނެވެ.

" ޒައިން...؟" އުޝާ އުޅުނީ ކުއްލިއަކަށް ތެދުވާށެވެ. ނަމަވެސް އޭގެ ކުރިން ޒައިން އޭނާ ހުއްޓުވިއެވެ.

" މަޑުކޮށްބަލަ އުޝާ! "

" ޒައިން މިތާ ކީއްކުރަނީ؟"

ހައިރާންވެފައި އުޝާ އެހެން ބުނުމުން ޒައިން އުޝާގެ ގައިން ދޫކޮށްލިއެވެ. އަދި މަޑުމަޑުން އިނދެ ވާހަކަ ދައްކަން ފެށިއެވެ..

" ހިނގާ ޑޮކްޓަރަށްދާން! ބޭބީއަށްވެސް ގެއްލުމެއް ވެދާނެ! މިހާރު ޖެހޭނެ ކިރިޔާ ކަމެއްވާއިރަށް ދައްކަން،.."

ޒައިން ވާހަކަ ދެއްކިއިރުގައިވެސް އުޝާއިނީ އިސްޖަހާލައިގެންނެވެ.

" އަހަރެމެންނާ މެދު ޒައިން ކޮންމެހެން ވިސްނާނެ ކަމެއްނެތް! "

ބެދިފައި އަޑަކުން އުޝާ އެހެން ބުނުމުން ޒައިން ދެރަވިއެވެ. ވަރަށް އުނދަގުލުން ތެދުވެ އުޝާ ހަމަޖެހިލިއެވެ.

" އުޝާ ރުޅި ނާދެބަލަ! އަހަންނަށް ކަންތައް ކުރެވުނު ގޮތުން އަހަރެން މިހުންނަނީ ވަރަށް ދެރަވެފައޭ! "

ކުރިމަތީގައި ނުހަނު ގާތުގައި އިނދެގެން ޒައިން ވާހަކަދެއްކިއެވެ. ރައްދުގައި އެއްމިޔަކަނުން ހީލުން ފިޔަވާ އެއްވެސް އެއްޗެއް އުޝާ ނުބުނެއެވެ.

" ތި ދަރިފުޅަށް ދެރަގޮތެއް ވިޔަކަ ނުދޭނަން! ބަލައްޗޭ! "

އެހެން ބުނެލުމަށްފަހު ޒައިން ތެދުވިއެވެ. އަދި އުޝާއަށް ފުރަގަސްދެމުން އަނެއްކާވެސް ވާހަަކަ ދެއްކިއެވެ.

" ޑޮކްޓަރަށް ދާން ތައްޔާރުވޭ! "

" މިހާރު ރަނގަޅު! ހޮސްޕިޓަލަށް ދާވަރެއް ނޫނޭ މިހާރު!" އުޝާ ބުންޏެވެ. އިތުރަށް އެއްޗެއް ނުބުނެ، އެތަނުގައި މަޑުނުކޮށް ޒައިން އެނބުރި ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭރު ނަދާ އަވަދިނެތި އެއްޗެހި ފަތް ޖެހުމުގައި އުޅެއެވެ. ލަންކާއަށްދާން ނަދާ ދަތުުރު ހަދަނީއެވެ.

" ގޮތްދޫނުކޮށް ހަމަ ދަނީދޯ! "

ހިތްހަމަ ނުޖެހޭ ރާގަކަށް ޒައިންއަށް ބުނެވުނެވެ. އެއާއެކު ނަދާއަށް ކުދިކިޔެން ފެށުނެވެ.

" ދެން.. އަހަރެން ލަންކާއަށް ދަނީ ކީއްވެގެންކަން ޒައިންގާތު ބުނީމެއްނު! އަނެއްކާ އަހަރެން ރުޅިއަރުވަންތަ ތިއުޅެނީ؟ "

" ރުޅި ނޭރުވިޔަސް ނަދާ ރުޅި އަންނަމެއްނު! އަހަރެން ހީކުރީ އެގޮތަށް މަ ވާހަކަ ދެއްކީމަ ނަދާ މަޑުކުރާނެކަމަށް.. ހިއެއް ނުކުރަން މަ ނުދަނީސް ދާން އުޅޭނެ ކަމަކަށް.. އަންނަ ރުޅީގަ އެކަނިމާއެކަނި ތި ދަނީ! ނަދާގެ މަންމަމެން ނުބުންޏަސް އެނގޭނެ ކަމެއްވީމަކަން އެކަނި ދާނީ! އެމީހުންގެ ކުރިމަތީގައިވެސް އަހަރެންގެ އަގު ވައްޓާލީތި!"

ޒައިންގެ ވާހަކަތަކުން ނަދާގެ ހިތް ނުތަނަވަސްވިއެވެ.

" އަހަރެން މިދަނީ އަހަރެންގެ ހިތްހަމަޖެހުމަށް! ދެން މި ގޮތެއް ބަދަލެއް ނުވާނެ! އަހަރެން އަންނަންދެން އިންތިޒާރު ކުރޭ! "

ނަދާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ޒައިންގެ އަޑުވެސް ގަދަވިއެވެ.

" އަހަރެންދެކެ ރުޅިއައިސްގެން ދާ މީހަކަށް ކޮން އިންތިޒާރެއް ކުރަންވީ؟"

ޒައިން އެހެން ބުނުމުން އުޝާގެ ހިތް ތެޅިގަތެވެ.

( ނުނިމޭ)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (15)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (15)

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *