ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސަރުކާރުގައި ލާމަރުކަޒީ ޤާނޫނުން ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބާރުތައް އަތުލައި، ހަތް ފަހަރު އެ ޤާނޫނު ''އުލު ބޭންދި'' ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ނާޒިލް ހުށަހަޅުއްވާފައިވާ ''ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު'' އަށް އިސްލާޙް ގެނައުމުގެ ބިލަށް މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ބަހުސް ކުރައްވަމުން އެ ބިލަށް ތާއީދު ކުރައްވަމުން ޝިފާއު ވިދާޅުވީ، ކަންކަންކުރާ މީހުންނަށް ފަސޭހަކޮށް ދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މަޖިލީހުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި އެ ބިލުގައި ވަނީ މުހިންމު އިސްލާހެއް ކަމަށެވެ. މިގޮތުން ކެންޑިޑޭޓެއްގެ ކެންޑިޑެންސީއާއިމެދު އިލެކްޝަން ކޮމިޝަން (އީސީ)އިން ގޮތެއް ނިންމުމަށް މިހާރު ގާނޫނުގައި ބުނާ 48 ގަޑި އިރަކީ އެންމެ އެކަށޭނަ މުއްދަތެއްނޫން ކަމަށް ވިދާޅުވިއެވެ. އަދި އެ ހުށެހުޅުމުގައިވާގޮތައް އެ މުއްދަތު 5 ދުވަހަށް އިތުރުކުރަން ތާއީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޝިފާޢު ވިދާޅުވީ، އިންތިޚާބުތަކާބެހޭ ވާހަކަ ދައްކާއިރު ރާއްޖޭގައި ލާމަރުކަޒީ އުސޫލުން ކަންކަންވާންފެށީ މިހާރު ޢަމަލުކުރެވެމުންދާ ފެހި ޤާނޫނުއަސާސީއަށް ޢަމަލު ކުރަންފެށިފަހުންކަން ފާހަގަ ކޮށްލަންޖެހޭ ކަމަށެވެ. އަދި އޭގެފަހުން މިހިނގާ މުއްދަތުގައި ލާމަރުކަޒު ކުރުމުގައި އެކި ސަރުކާރުތަކުން ގެންގުޅިފައި ހުރީ އެކި އުސޫލުތައް ކަމަށާއި، ލާމަރުކަޒު ކުރަން ބޭނުންވާ ސަރުކާރުތަކާއި ލާމަރުކަޒީ ނިޒާމު އެއީ އެހާކަމުނުދާ ނިޒާމެއްނޫންކަމަށް ދުށްސަރުކާރުތައް ތަޖުރިބާ ކުރެވިއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެނަމަވެސް ކޮންމެ ސަރުކާރެއްގައި ވެސް ރައްޔިތުން އިންތިޚާބުކުރާ މީހުންނަކީ ރައްޔިތުން ހަވާލުކުރި ޒިންމާއާއި ހަވާލުވެގެން އަންނަ ބައެއް ކަމަށާއި، އެހެންކަމަށްވާނަމަ އެ އިންތިޚާބު ކުރެވިފައިވާ މަންދޫބުން ރައްޔިތުންނަށް ލުއިފަސޭހަވާނެގޮތައް ކަންކުރުމަކީ މުހިންމުކަމެއް ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެފަދަ ވަކިރަށްތަކުގައި މީހުން ދިރިއުޅޭ ޤައުމެއްގައި ލާމަރުކަޒީނިޒާމު ރަނގަޅަށް ހިންގައިގެން ނޫނީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދީ، ރައްޔިތުންގެ ހައްގުތައް ހޯދައިނުދެވޭނެ ކަމަށް ވިދާޅުވިއެވެ.
ޝިފާޢު ވިދާޅުވިގޮތުގައި، މި ސަރުކާރާއި 19 ވަނަ މަޖިލީހުން އެންމެ ފުރަތަމަ ކުރި އެންމެ ބޮޑު މަސައްކަތަކީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާޙްތަކެއް ގެނެސް ރަށްރަށުގެ ކައުންސިލްތަކަށް ބޮޑެތި އިޚްތިޔާރުތަކަކާއި ބާރުތަކެއް ދިނުން ކަމަށެވެ. އަދި ރަށްރަށަށް މާލީ މިނިވަންކަމާއި، އަމިއްލަ އިޚްތިޔާރުގައި އެރަށެއްގެ އިހްތިސާސްތެރޭގައި މާލީ ހަރަކާތް ހިންގުމުގެ ފުރިހަމަ މިނިވަންކަން ސަރުކާރުން ލޯކަލް ކައުންސިލްތަކަށް ދޫކޮށްލުން ކަމަށެވެ.
''ތަފާތު ވެރިކަންތަކުގައި ސިޔާސީ ބާރު މުށުތެރޭގައި ހިފެހެއްޓުމަށްޓަކައި ތަފާތުގޮތްގޮތައް އެ ބާރުގެ ބޭނުންކުރި، އޭރުވެސް ދެއްކި ވާހަކައަކީ ހަނދާން އައުކުރަންޖެހޭ ވާހަކައެއް، ލާމަރުކަޒީ ގާނޫނު ހަތްފަހަރު އުލު ބޭންދުނު ވާހަކަ، ލާމަރުކަޒީ ގާނޫނުން ރައްޔިތުންނަށް ދީފައި ހުރި ބާރުތައް ޕީޕީއެމް ސަރުކާރުން ގާނޫނަށް ގެނައި ކޮންމެ ބަދަލަކުން ވެރިކަމުގެ މުށުތެރެއަށް ގެނެސް، ވެރިކަމުގެ ބާރުގެ ތެރެއަށް ރަށްރަށުގެ ކައުންސިލްތައް ވެއްދިވާހަކަ،'' ޝިފާޢު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް އޭރު އޮތް ޕީޕީއެމްގެ ސަރުކާރުން އައީ ސަރުކާރުގެ ބާރުގެ ދަށަށް ގެންނަމުން ކަމަށެވެ. އެހެންމަވެސް މިހާރުގެ އެމްޑީޕީ ސަރުކާރުން ވަނީ އެ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލައި، ކައުންސިލްތައް ބާރުވެރިކޮށްފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!