ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ނޯންޓެސް ބައްދަލުކުރި މެޗުގައި އެމްބާޕޭ ޖެހި ލަނޑާއިއެކު، ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ޝަރަފް އޭނާއަށް ލިބިއްޖެއެވެ.

ރޭ ނޯންޓެސްގެ ދަނޑުގައި ޕީއެސްޖީ މޮޅުވެފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ.

Ad
rt

މިދިޔަ ޑިސެމްބަރ މަހު 24 އަހަރު ފުރުނު ފްރާންސްގެ ފޯވާޑް އެމްބާޕޭ ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައި މިވަނީ އޭނާ އެ ޓީމަށް ކުޅެދިން 247 މެޗުގައި ޖެހި 201 ލަނޑާއި އެކުގައެވެ. ކުރިން މި ރެކޯޑް އޮތީ 301 މެޗުން 200 ލަނޑު ޖެހި އެ ޓީމްގެ ކުރީގެ ފޯވާޑް އެޑިސަން ކަވާނީގެ އަތުގައެވެ.

ރޭ ނޯންޓެސްއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖަހާފައި ވަނީ ޕީއެސްޖީންނެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ނޯންޓެސްގެ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ކާމިޔާބު ކޮށްދީފައި ވަނީ މެސީއެވެ. ޕީއެސްޖީގެ ދެވަނަ ލަނޑަކީ މެޗުގެ 17 ވަނަ މިނެޓުގައި ނޯންޓެސްގެ ޖޯއެން ހަޖާމްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ޕީއެސްޖީއަށް ދެ ލަނޑުގެ ލީޑެއް ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިމުމާއި ހިސާބަށް ވެސް އެ ޓީމަށް ލީޑު ހިފެހެއްޓިފައި ނުވެއެވެ. މެޗުގެ 31 ވަނަ މިނެޓުގައި ނޯންޓެސްއަށް ފުރަތަމަ ލަނޑު ޖަހައިދީފައި ވަނީ ލުޑޮވިކް ބްލާސް އެވެ. އޭގެ ހަތް މިނެޓް ފަހުން ނޯންޓެސްގެ ގަނާގޯ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފއެވެ.

މެޗުން ޕީއެސްޖީ މޮޅުވެފައި ވަނީ ދެވަނަ ހާފުގައި ކާމިޔާބުކުރި ދެ ލަނޑުންނެވެ. މިގޮތުން ޕީއެސްޖީގެ ތިންވަނަ ލަނޑު 60 ވަނަ މިނެޓުގައި އެމްބާޕޭ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޑަނީލޯ ޕެރޭރާއެވެ. މެޗުގެ އިތުރު ވަގުތުގައި އެމްބާޕޭ ވަނީ ޕީއެސްޖީއަށް ހަތަރުވަނަ ލަނޑުޖަހައި ދީފައެވެ.

މި ނަތީޖާއާއިއެކު ޕީއެސްޖީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 63 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް މާސޭއަށް ލިބިފައި ވަނީ 25 މެޗުން 52 ޕޮއިންޓެވެ. މެޗުން ބަލިވި ނޯންޓެސް މިވަގުތު އޮތީ ތާވަލުގެ 13 ވަނާގައެވެ. އެ ޓީމަށް 26 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ.