ދިވެހި ހުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކުރާ ހައްގުތައް ރައްޔިތުންނަށް ލިބިދިނުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ފަދަ އިޚްލާސްތެރި ވެރިއެެއް ބޭނުންވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ސައްލެ މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުގާއި ވާދަކުރުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙަށް އެރުވުމަށް އެ ޕާޓީން ރޭ މާލޭގެ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސައްލެ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙް ހޯއްދެވި ކާމިޔާބުގެ ސިއްރަކީ ބަހުސެއް ނެތި، ރައްޔިތުންގެ އާބާދީގެ ކުޑަބޮޑު މިނަށް ބެލުމެއްނެތި މުޅި ރައްޔިތުން ޝާމިލްވާ ގޮތެއްގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ރައްޔިތު މީހާ ބަލައިގަތުން ކަމަށެވެ.
ރައީސް ޞާލިޙް ޕްރައިމަރީގައި ހޯއްދެވި ކާމިޔާބާއެކު އެކިއެކި ރަށްރަށުންއިވޭ އަޑަކީ، ކުޑަރަށެެއް، ބޮޑުރަށެއް ތަފާތުކުރެއްވުމެއް ނެތި ރައީސް ގެނެސްދެއްވަމުން ގެންދަވާ ތަރައްގީގެ ވާހަކަ ކަމަށް ވެސް ސައްލެ ވިދާޅުވިއެވެ.
''ރައީސް ސާލިޙް ވެރިކަމަށް ވަޑައިގަތްއިރު، އާބާދީ ކުޑަކަމުންނޭ ބުނެ، ނަރުދަމާ އާއި ފެނާއި، ބަނދަރާއި އަދި ދޫލަ އެޅި ފުޓްބޯޅަ ދަނޑެއް ހުވަފެނުން ވެސް ނުފެންނަ ކިތައްމެ ރަށެއް މި ރާއްޖޭގައި އޮތް، ދިގު ޒަމާންތަކަކަށް ކުދި އާބާދީތަކަށް އޮތް އަލިކަމަކީ ރައްޔިތުން ގުލާނުކޮށްގެން ހޯދި ޖަނަރޭޓަރު، ފެނަކީ ވަޅުފެނާއި، ގޭ ފުރާޅު ގުޅާފައި ހުރިކަޅު ހަމާއި، ނަރު ދަމާއަކީ ގައިބޮލުން ތާހިރުވާން ބަހައްޓާފައި ހުރި ޓޭންކް، ބަނދަރަކީ ގާފާލަމުގެ ކޮޅުގައި އޮންނަ ލަކުޑި ވަޑާންގަނޑު'' ސައްލެ ވިދާޅުވިއެވެ.
ސައްލެ ވިދާޅުވީ، ކޮންމެ އަހަރަކު ބަޖެޓްގައި އެ އަހަރެއްގެ ބަޖެޓް ފާސްވާއިރުގައި އެރަށްރަށަށް ހައްގު މިންވަރު ނުލިބި ދުވަސްތައް މާޒީވެ ދިޔައީ ރާއްޖޭގެ ޒައާމަތުގައި ވެރިން ނެތިގެންނެއްނޫން ކަމަށެވެ.
''ދިގުލީ ބަހަނާއަކުން ގައުމުގެ ތަނަވަސްކަން މިވަގުތުނެތޭ ބުނެ ވެރިން ދެއްކި ހުއްޖަތު ރައްޔިތުން ގަބޫލު ކުރުން ނޫން އެހެން އެއްވެސް ރައްޔިތުންނަކަށް ގޮތެއްނެތް، ބައްލަވާ މަންޒަރު ބަދަލުވެގެން ދިޔަގޮތް، މިއަދު އެތައް ރަށެއްގައި ނޭޅޭނޭބުނި ފާހާނާތަކާއި ފެންހޮޅި އަޅަމުން އެބަދޭ، ކިތައްމެ ރަށެއްގައި ހައިވޯޓޭޖް ކޭބަލް އަޅައި، ޒަމާނީ ޓްރާންސްފޯމަރުތައް ބަހައްޓައި ދެމުން އެދަނީ އެންމެ ޒަމާނީ ކަރަންޓް'' ސައްލެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، ޤާނޫނުއަސާސީގައި ހައްގުތައް ބަޔާންކޮށް ލިޔެ، އެކަށަހެޅުމާއެކު، އެ ޙައްޤުތައް ލިބި ދިނުމަށް ރައީސް ޞާލިޙް ފަދަ އިސް ބޭނުންވާކަމީ މިއަދު ރަށްޔިތުން ޤަބޫލުކުރާ ހަގީގަތެއް ކަމަށެވެ.
''މިއަދު ރަށްޔިތުން ޤަބޫލުކުރާ ހަގީގަތަކީ ޤާނޫނުއަސާސީގައި ފަލައަކުރުން ހައްގުތައް ލިޔެފައި އޮތެއްކަމަކު އެއީ ވާނެކަންކަމެއްނޫންކަން، އެ ހައްގުތައް ލިޔުމާއެކު ގައުމުގެ ޒައާމަތާއި ހަވާލުވާނެ އިޚްލާސްތެރި ވެރިއެެއް ބޭނުންވޭ، އެކަން މިއަދު ރާއްޖެއިން ފެނިގެން މިދިޔައީ،'' ސައްލެ ވިދާޅުވިއެވެ.
ސައްލެ ވިދާޅުވީ، ރައީސް ޞާލިޙްގެ ޒައާމަތުގައި ރާއްޖެތެރެއަށް އަންނަމުން ދަނީ ހަގީގަތުގައި ވެސް ފާގަތި ރަބީއެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!