ރާއްޖޭގައި އެކި ދާއިރާތަކުން ފެންނަ ކުރިއެރުމުގެ އަސްލަކީ ސަރުކާރުގެ ކާމިޔާބު ޚާރިޖީ ސިޔާސަތުކަމަށް ނައިބު ރައީސް ފައިޞަލް ނަޞީމް، ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހުނަރާއި ޚިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާމް އިފްޠިތާޙުކޮށްދެއްވުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވިވާހަކަފުޅުގައެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރ، ކަނބިލި ބިލްޑިންގގައި ކުރިއަށްދިޔަ މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ރައީސް ޞާލިޙްގެ އިރުޝާދާއި ހަރުދަނާ ލީޑަރޝިޕްގެ ދަށުން ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައެވެ.
މިގޮތުން އދ.ގެ މެމްބަރު ޤައުމުތަކުގެ 94 އިންސައްތަ ޤައުމުތަކާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާއިރު، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ކާމިޔާބީއެއްގެ ގޮތުގައި ނައިބު ރައީސް ވަނީ ސިފަކުރައްވާފައެވެ.
ރޭގެ ހަފްލާގައި ނައިބު ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން، މާލެ ސިޓީއަށް ޞިއްޙީ ޚިދްމަތް ސެންޓްރަލައިޒް ކުރުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް މި ސަރުކާރުން ލާމަރުކަޒީ އުސޫލުން ހިންގުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ބޭސްފަރުވާގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެވެރިކަންކުރާ ރަށަށް ކޮންމެހެން ދާން ޖެހޭގޮތަށް ހުރި ކަންކަން ބަދަލުކުރުމަކީ މި ސަރުކާރުގެ ވަޢުދެއްކަމުގައި ފާހަގަކުރައްވާފައެވެ.
މި ވަޢުދު ފުއްދުމަށް ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކާއި ޙާއްޞަކޮށް ސަރަޙައްދީ ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރެއްވުމަށް ސަރުކާރުން ރާއްވަވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި ރޭ އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ރީޖަނަލް ޓާޝަރީ ހޮސްޕިޓަލްތަކުން ދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ފެންވަރު ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެ ވިސްނުން ހަޤީޤަތަކަށް ގެނައުމުގެ ޕްލޭންތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މިދިޔަ އަހަރު މި ސަރުކާރުން ތަޢާރަފުކުރި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ހައިސްޕީޑް ފެރީގެ ޚިދުމަތުން އެކަމަށް އިތުރު ފުރިހަމަކަމެއް ލިބެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރަކީ 2020 ވަނަ އަހަރު ޗައިނާ ސަރުކާރުގެ ދީލަތި އެހީގައި ހުޅުވި ސެންޓަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!