މާލޭ ސިޓީގެ އަމީނީ މަގުގައި އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް އެ މަސައްކަތުގެ ކޮންޓެކްޓަރު، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން އެގޮތައް ކުރިއަށްދާކަން ހާމަކުރައްވާފައެވެ.

Ad
rt

އަކްރަމް ވިދާޅުވީ، އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް އާރުޑީސީން ވަނީ އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ކަމަށެވެ.

''މިކަން މި ގޮތަށް ކުރީ އާރުޑީސީ ގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައިނުވާތީ. ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައިގެން، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ.'' އަކްރަމް ވިދާޅުވިއެވެ.

3 ޖުލައި 2022 ގައި އަމީނީމަގުގައި ތާރުއަޅަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރުއަޅާން ހަވާލުކޮށްފައިވާއިރު، އެ މަގުގައި ފެންހިންދާ ނިޒާމަކާއި އަދި މަގުބައްތި ޖަހަން ވެސް ވަނީ ހަވާލުކޮށްފައެވެ.