ކަނޑަށް ކުރާ ޤަދަރާއި ލޯބި އާލާކުރުމަށް ބ. އަތޮޅު ދޮންފަނުގައި ހަރަކާތްތަކެއްް ފަށައިގެން ކުރިއަށް އެބަދެއެވެ.
މިއީ ދޮންފަނު ކައުންސިލާއި، ސޮނެވާ ނަމޫނާ އާއި އަދި މޯލްޑިވްސް ސްވިމިން އެންޑް ލައިފް ސްކިލް ސްކޫލް ގުޅިގެން "ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.
އިއްޔެ ފެށި މިހަރަކާތްތަކުގެ ތެރެއިން އިއްޔެ އާއި މިއަދު ވަނީ ދޮންފަނުގެ ބަނދަރު އިރުމަތީ ކޮޅުގައި މޫދުކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަޙްމަދެވެ.
މި ހަރަކާތުގެ ތެރެއިން ކުރިއަށް ދިޔަ "އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ގެ ވޯޓަރ ޕޯލޯ މުބާރާތުގެ ފައިނަލް މެޗު ފަށްޓަވައިދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދެވެ. މި މުބާރާތަކީ އެކުވެރި ވާދަވެރި މާހައުލެއްގައި ރަށްފުށުގެ މުޖްތަމަޢުތަކުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދެވޭ "ޝޯ ޓު އޯޕަން ވޯޓަރ" ގެ ތެރެއިން ހިންގި ހަރަކާތެކެވެ. އަދި ފަސްޓް ލޭޑީ ފަޒްނާ ވަނީ މި ފެސްޓިވަލްގެ ތެރެއިން ތަމްރީނުވި ސްވިމިންގ އިންސްޓްރަކްޓަރުންގެ ހުނަރު ދައްކާލުމަށް ދޮންފަނު ބަނދަރު ސަރަޙައްދުގައި ބޭއްވި ސިމިއުލޭޝަން ޑްރިލް ބައްލަވާލައްވާފައެވެ.
ފަސްޓް ލޭޑީ ފަޒްނާ ދޮންފަނުގައި، ފޮޓޯ: ރައީސް އޮފީސް
މި ފެސްޓިވަލުގައި، ސޮނެވާ ނަމޫނާގެ އިންސްޕަޔަރ ޕްރޮގްރާމްގެ ދަށުން ދަސްވެނިވި ނަމޫނާ ފަސް ރަށެއްގެ 11 ސްވިމިން އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދަސްވެނިވި އިންސްޓްރަކްޓަރުންނަށް މެޑަލް ދެއްވީ ވެސް ފަސްޓް ލޭޑީ ފަޒްނާ އެވެ. މި ފެސްޓިވަލްގައި އިންސްޓަރަކްޓަރުން ވަނީ ބ. އަތޮޅު ދަރަވަންދޫ، ދޮންފަނު، ކިހާދޫގެ އިތުރުން ކަމަދޫ އަދި ނ. އަތޮޅު ކުޑަފަރީގެ ބައިވެރިވުމާއެކު 200 ޒުވާނަކަށް ތަމްރީނު ދީފައެވެ.
މި ފެސްޓިވަލަކީ ކަނޑުތަކާއި ތިމާވެށްޓަށް ކުރާ ޤަދަރާއި ލޯބި އާލާކުރުމުގެ މަޤްޞަދާއެކު ސޮނެވާ ނަމޫނާއިން ކޮންމެ އަހަރަކު "އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ގެ ނަމުގައި ބާއްވާ ފެސްޓިވަލެކެވެ. މިއީ މި ފެސްޓިވަލް ބޭއްވި ދެވަނަ ފަހަރެވެ.
އިއްޔެ ފެށި މި ފެސްޓިވަލް އަކީ ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ފެސްޓިވަލްއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!