މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފަ އެވެ.
ދޮގު ބަޔާން ދިނުމުގެ ދައުވާ މުއިއްޒުގެ މައްޗަށް ދައުލަތުން ކުރަނީ ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް އޭނާ ދެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި މުއިއްޒުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަތުމަށް ދައުލަތުން އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ކުރިން ކޯޓަށް ހުށަހެޅީ ތަހުގީގުގައި މުއިއްޒު ހަނު ހުރެފައިވާތީ ކަމަށް ބުނެ އެވެ.
ނަމަވެސް މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ދިފާއީ ހެކިތައް ބަލައިނުގަނެވޭނެ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ.
އެ މައްސަލާގައި ދެން އޮންނާނީ ޝަރީއަތުގެ އަޑުއެހުންތައް ފަށައި، ހެކިންގެ ހެކިބަސް ނެގުމެވެ. އަދި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށްޓަކައި މިމަހުގެ 20 ވަނަ ދުވަހާއި 22 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ދައުލަތުގެ ހެކިންތަކެއް ތަހުގީގަށް ބަޔާން ދިނަސް، ކޯޓަށް ހެކިބަސް ދޭން ބޭނުންނުވާ ފަދަ ގޮތަކަށް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މީހުން ހެކިންގެ ގޮތުގައި ދައުލަތުން ކޯޓަށް ހުށަހަޅާފައިވާތީ އެ މީހުން ކޯޓަށް ހާޒިރު ކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!