ހއ. އަތޮޅު ކައުންސިލުން އެއަތޮޅުގެ ހަތް ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެކައުންސިލުން ވިދާޅުވީ، މާލީ އެހީގެ ގޮތުގައި ކޮންމެ ރަށަކަށް -/100،000ރ (އެއްލައްކަ ރުފިޔާ) ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

މާލީ އެހީދިނުމުގެ އެއްބަސްވުމުގައި، މިއަދު ސޮއިކުރެވުނު ހަތްރަށަކީ، ތުރާކުނު، އިހަވަންދޫ، ވަށަފަރު، ދިއްދޫ، މާރަންދޫ، އުތީމު، އަދި ބާރަށެވެ.

އެކައުންސިލުން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެމަތިން، އަތޮޅު ކައުންސިލުގެ 4 ދައުރުގެ 64 ވަނަ އާއްމު ބައްދަލުވުމުން ނިންމައިގެން، މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވާލި ފުރުޞަތުގައި ޕްރޮޕޯސަލް ހުށަހެޅި ރަށްރަށުގެ ތެރެއިން މި ބުރުގައި މާލީ އެހީތެރިކަން ދޫކުރުމަށް ހޮވުނު 7 ރަށަށް ކަމުގަ އެވެ.

އެފުރުޝަތު ހުޅުވާލާފައިވަނީ، ހއ. އަތޮޅު ރަށުކައުންސިލްތަކާއި، ހއ. އަތޮޅު ރަށްރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ހއ. އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، އަދި ހއ. އަތޮޅު ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބު ޖަމްޢިއްޔާތަކަށެވެ.

މީގެ ދެވަނަ ބުރެއްގައި މާލީ އެހީތެރިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް އަތޮޅުގެ އެހެން ރަށްރަށަށް މި ހިނގާ 2023 ވަނަ އަހަރުގެ ތެރޭގައި ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވާކަމުގައި އެކައުންސިލުން ވިދާޅުވި އެވެ.