ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކަނބަލުންނަށް ހާއްސަ ކޮށްގެން އެ ރަށުގައި ބާއްވާ ވޮލީ މުބާރާތް އަންނަ މަހު ފެށުމަށް ތާވަލުކޮށްފިއެވެ.

މި މުބާރާތާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ހުސެއިން ވަހީދު ބުނެފައި ވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހު މެދުތެރޭ ހުޅުވާލާނެ ކަމަށާއި، މުބާރާތް އަންނަ މަހުގެ ކުރީކޮޅު ފަށާނެ ކަމަށެވެ. ކަންކަން ފައިނަލް ކުރެވުމުން ތާރީޚުތައް މާ ލަސްތަކެއް ނުވެ އާންމުކުރާނެ ކަމަށެވެ.

Ad
rt

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ކަނބަލުންގެ މެދުގައި ގުޅުން ބަދަހި ކުރުމާއި، ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ އިތުރުން އެ ރަށުގެ ކަނބަލުންގެ ވޮލީގެ ހުނަރު އިތުރުކޮށް ވާދަވެރި މާހައުލެއްގައި ވޮލީ ކުޅުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި ދިގު މާޒީގައި ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަށް ވަނީ 2015 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ލިބިފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ.

މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ. މިއީ އެ ޖަމިއްޔާ ހުއްޓުމެއްނެތި ހިނގަމުން އަންނަތާ 30 ވަނަ އަހަރެވެ.