ކެންސަރަށް ހޭލުންތެރި ކުރުމުގެ ހަރަކާތެއް ހަނިމާދޫގައި ކުރިއަށް ގެންގޮސްފި

photo_2023-02-06_09-38-28

ހަނިމާދޫ ސިއްހީ މަރުކަޒުން އިސްނަގައިގެން އެ ރަށުގައި ކެންސަރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހަރަކާތެއް ހިންގައިފިއެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ބޭއްވި ސެޝަންގައި ވަނީ ކެންސަރު ބައްޔާއި ގުޅޭގޮތުން ވަރަށް ތަފްސީލީ މަޢުލޫމާތު ފޯރުކޮށް ދީފައެވެ.

މި ސެޝަންގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރުގެ އިތުރުން ލޫކެމިއާ ކެންސަރާއި ގުޅޭ މަޢުލޫމާތި ވަނީ ފޯރުކޮށްދީފައެވެ.

މީގެއިތުރުން ތަފާތު ވައްތަރުގެ ކެންސަރު ޖެހެން މެދުވެރިވާ ސަބަބުތަކާއި، އެފަދަ ކެންސަރެއް ޖެހިއްޖެނަމަ ފެންނާނެ އަލާމާތްތަކާއި ގުޅޭގޮތުން ވެސް މި ސެޝަންގައި ވަނީ ތަފްސީލީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހެވެ. މި އަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" މިއެވެ.

ކެންސަރަކީ އާދަޔާ ޚިލާފު ސެލްތަކެއް ކޮންޓްރޯލެއް ނެތި އިތުރުވަމުން ގޮސް ވަށައިގެންވާ ސެލްތަކަށް ނުވަތަ ގުނަވަންތަކުގެ ތެރެޔަށްވެސް ވެރިވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ކިޔާ ނަމެކެވެ. ކެންސަރުގެ ސަތޭކަ އެތައް ވައްތަރެއް ހުރެއެވެ. ކެންސަރަށް ނަންދެވެނީ މިމައްސަލަ ދިމާވާ ސެލްގެ ބާވަތަށް ނުވަތަ ގުނަވަނަށް ނިސްބަތްކޮށެވެ.

ހަށިގަނޑުގައި އެކުލެވިފައިވާ ސެލްތަކަކީ ޢާންމު އުސޫލުން އަބަދުވެސް އާވެ އާލާވަމުންދާ އެއްޗެކެވެ. ކޮންމެ ސެލްއަކަށްވެސް އެސެލްއަކަށް ޚާއްޞަ ސިފަތަކަކާއި މަސައްކަތްތަކެއް ކަނޑައެޅިފައިވެއެވެ. ގުނަވަންތައް އުފެދިފައިވަނީ އެއްކަހަލަ އެއް މަސައްކަތަކަށް މަގުފަހިކޮށްދޭ ސެލްތައް އެކުވެގެންނެވެ. އުފެދޭ ސެލްތަކުގެ އަޖަލު ހަމަވާންވާއިރަށް އެ ގުނަވަނެއްގެ މަސައްކަތަށް ބުރޫއެރިޔަނުދީ އާސެލްތައް އުފައްދަމުންނެވެ. ގުދުރަތީ ރޭވުމުގެ ދަށުން މިކަން ހިނގަމުންދެއެވެ.

ނަމަވެސް، އެއްވެސް ސަބަބަކާހުރެ މިސެލްތައް އުފެދި ވަކިވުމުގައި ތަފާތެއް އައިސް، ސެލްތައް އުފެދުން ކޮންޓްރޯލުން ނެއްޓިއްޖެކަމުގައި ވާނަމަ، އާދަޔާ ޚިލާފު ސެލްތަކެއް އުފެދިގެންދެއެވެ. އެއީ ކެންސަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި