ތިލަފުށިން ސިނާއީ ބޭނުމަށް ފިޔަވަހިތަކަށް ބަހާލައިގެން ބީލަމުގެ އުސޫލުން ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.
ސިނާއީ މައި މަރުކަޒަށް ތިލަފުށި ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލާ މިއީ ފުރަތަމަ ފަހަރެވެ. ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި 'ޒޯން އޭ'ގެ ބިންތައް ކަމަށް އެޗްޑީސީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.
ސިނާޢީ ބޭނުންތަކަށް ބިން ވިއްކާނެ އުސޫލުތައް
* އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށައެޅުން (ދިވެހިން އަދި ބޭރު ފަރާތްތައް ހިމެނޭހެން)
* ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެހި ފަރުދެއް / ދިވެހި ކުންފުންޏެއްނަމަ ބިން މިލްކުވުން
* ބީލަން ކާމިޔާބުކުރާ ފަރާތަކީ ބޭރުގެ ފަރުދެއް / ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރުން
* ބީލަން ހުށައެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700ރ
އެޗްޑީސީން ބުނެފައިވާ ގޮތުގައި ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާއަކީ ޝަޢުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން ކަމަށާއި ދެވަނަ މަރުހަލާއަކީ އީއޯއައި ހުށަހަޅާފައިވާ ބިމަށް ބިޑްކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެޗްޑީސީން ބުނީ ޝަޢުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށްކަމަށެވެ. މި ޕޯޓަލް ޢާންމުންމަށް ހުޅުވާލާނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ ތާރީހުގައި ޕޯޓަލާ ގުޅޭ އިތުރު މައުލޫމާތާއި ބީލަމާ ގުޅޭ އިތުރު މައުލޫމާތު ވެސް އާއްމުކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!