ދިވެރާއްޖެއަށް ޕާޓީ ސިސްޓަމް އުފެދި ޕާޓީތައް ވާދަކުރާ ގިނަ އިންތިހާބުތަކެއް ފާއިތުވި ފަނަރަވަރަކަށް އަހަރު ބޭއްވިގެން ގޮސްފައިވާއިރު، އެ ކޮންމެ އިންތިހާބެއްގެ ކެމްޕެއިންގައި ހދ. ނައިވާދޫއަށް ވަޑައިގެން އިދިކޮޅުންނާއި އެއްކޮޅުން އެންމެ ގިނައިންވީ ވަޢުދަކީ އެ ރަށުގައި ޒުވާނުން ކުޅުމަށް އެކަށޭނަ ޒަމާނީ ފުޓްބޯޅަ ދަނޑެއް އަޅުއްވައި ދެއްވާނެ ކަމަށް ވީ ވަޢުދެވެ.

މި ވަޢުދު ވުމުގައި ރައީސް މުޙައްމަދު ނަޝީދެއް، ރައީސް ޑޮކްޓަރ މުޙައްމަދު ވަހީދެއް، ރައީސް އަބްދުﷲ ޔާމީނެއް، އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެއް ތަފާތެއް ނެތޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.

Ad
rt

ނަމަވެސް ފާއިތުވި މި ދަޢުރުތަކުގައި ނައިވާދޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް ގޮސްފައި ވަނީ ކިހާ މިންވަރަކަށްތޯ މިއީ ކޮށްލަން ޖެހޭ ސުވާލެކެވެ.

ނައިވާދޫގައި ފުޓްބޯޅަ ކުޅުމަށް އެކަށީގެންވާ ދަނޑެއް ނެތުމުގެ މައްސަލަ އެ ރަށުގެ ޒުވާނުން ވަނީ ކޮންމެ ސަރުކާރެއްގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. މިގޮތުން ފުރަތަމަ މި ދަނޑާއި ގުޅިގެން ޒުވާނުންގެ ހިތުގައި އޮތް ޝަކުވާއަށް ތަސައްލީއެއް ލިބިގެން ގޮސްފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ނައިވާދޫގެ ދަނޑު ހެދުމަށް ބަޖެޓްކޮށް އެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވުނު ހިސާބުންނެވެ.

ނައިވާދޫ ފުޓްބޯޅަ ދަނޑުތައް ވީރާނާވެ، ޒުވާނުން ކުޅެން ރުއްގަނޑަށް!

ބަޖެޓް ކުރެވުނު ނަމަވެސް ނައިވާދޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްނުގޮސް ހުއްޓިފައި އޮތުމުން އެކަން ރަށު ކައުންސިލާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ ރަށުގެ ޒުވާނުން ވަނީ އެތައް ފަހަރެއްގެ މަތީން މަސައްކަތް ކޮށްފައެވެ. މިގޮތުން ޒުވާނުން ރަށުކައުންސިލާއި ބައްދަލުވުންތައް ބާއްވައި ކައުންސިލު މެދުވެރިކޮށް ވެސް މިކަން ސަރުކާރުގެ ސަމާލުކަމަށް ވަނީ ތަކުރާރުކޮށް ގެނެސްފައެވެ.

މި ފަހުން ނައިވާދޫގެ ދަނޑުގެ މައްސަލައާއި ގުޅިގެން އެ ރަށުގެ ޒުވާނުން ރުޅި ފަޅައިގެން ދިޔައީ ދާދި މިދާކަށް ދުވަހު ނިމިގެންދިޔަ ވެރިކަންކުރާ ޕާޓީ، އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގެ އިންތިހާބުގެ ވޯޓްލުމާއި ދިމާކޮށް ދަނޑުގެ މަސައްކަތް ފަށަންކަމަށް ބުނެ އެ ރަށަށް އެރުވި ވެހިކަލްތަކާއި ގުޅިގެންނެވެ.

ދަނޑު ހަދާ ސާމާނާއެކު ކޮޅުވެއްޓި ނައިވާދޫ ބަނަދަރުގައި، ފޮޓޯ: ނައިވާދޫ ޒުވާނެއް

ނައިވާދޫގެ ޒުވާނުންގެ ކަންކަމާއި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު ދަނޑުގެ މައްސަލައާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ ދަނޑުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައި ވަނިކޮށް ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް، ކުރިއަށް އޮތް ހަފްތާގައި ނައިވާދޫގެ ޒުވާނުންނަށް އުފާވެރި ޚަބަރެއް އޮތްކަމަށް ވިދާޅުވި ކަމަށާއި، ކަންތައްތައް ވެގެންދިޔައީ ވެސް އެފަދަ ގޮތަކަށް ގޮތަކަށް ކަމަށެވެ.

ވައިބަރ ގްރޫޕް އަޕްލޯޑުވާން ފެށީ ދަނޑު ހެދުމަށް ބޭނުންކުރާ ބައެއް ސާމާނާއި އެކަމަށް ބޭނުންވާ ހާއްސަ ވެހިކަލްތައް ތިލަފުށިން ކޮޅުވެއްޓި އަކަށް ބަރުކުރެވިފައިވާ ފޮޓޯއެއް ކަމަށާއި، މީގެ އިތުރުން ކޮޅުވެއްޓި ދަތުރު ކުރަމުންދާ ޖީޕީއެސް ލޮކޭޝަން ފޮޓޯތަކާއި ނައިވާދޫއަށް ކޮޅުވެއްޓި ބަނދަރު ކުރި ފޮޓޯ ކަމަށެވެ.

ދަނޑު ހަދާ ސާމާނު ރަށަށް ފޮނުވާކަން އެންގުމަށް ޒުވާނުންނަށް އުފާވެރިކަން ގެނުވި ފޮޓޯ: ފޮޓޯ: ނައިވާދޫ ޒުވާނެއް

އެ ޒުވާނާ އިތުރަށް ބުނެފައި ވަނީ އިންތިހާބު ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް ރަށަށް އެރުވި ވެހިކަލްތަކުގެ ސަބަބުން އުންމީދުތަކެއް އާވި ނަމަވެސް، އެ ޕްރޮޖެކްޓު ހަވާލުކޮށްފައިވާ "ސީއެމްއޭ ފައިވް ސްޓާ ޕްރައިވެޓް ލިމިޓެޑް" އިން އެ ރަށަށް އެރުވި ވެހިކަލްތަކުގެ ހާލަތު ހުރި ގޮތުން ބައެއް ފަރާތްތަކުން އެއީ ސަރުކާރުން އިންތިހާބަށް ޖަހާލި ޒަމާނީ ކަޑައެއް ގޮތުގައި ސިފަކުރަމުން އަންނަ ކަމަށެވެ.

ދަނޑުގެ މަސައްކަތަށް ގެންގޮސްފައި އޮތް ޕިކަޕެއް، ފޮޓޯ: ނައިވާދޫ ޒުވާނެއް

އެ ޒުވާނާ އިތުރަށް ބުނެފައި ވަނީ ދަނޑުގެ މަސައްކަތަށް ގެނައި ޕިކަޕްގެ ބްރަކި ނުޖެހޭ ކަމަށާއި ގެނައި ހައިމާކުން ތެޔޮ ލީކުވާވަރުން ބޭނުންކުރެވޭ ވަރު ނުވާކަމަށެވެ. އަދި އެ މަސައްކަތާއި ހަވާލުވެފައިވާ ކުންފުނީގެ އެއްވެސް މުވައްޒަފަކު ވެސް އެ ވެހިކަލްތަކާއި އެކު މަސައްކަތަށް އެ ރަށަށް އައިސްފައި ނުވާކަމަށެވެ. ވެހިކަލްތަކުގެ ހާލަތު ދައްވެ މަސައްކަތްކުރެވޭވަރު ނުވާއިރު އެފަދަ ބަޔަކު ހަދާ ދަނޑެއްގެ ފެންވަރާއި މެދު ވެސް ގިނަބަޔަކު ސުވާލު އުފައްދަމުން އަންނަ ކަމުގައި އެ ޒުވާނާ ވަނީ ބުނެފައެވެ.

ދަނޑުގެ މަސައްކަތަށް ގެންގޮސްފައި އޮތް ހައިމާކު، ފޮޓޯ: ނައިވާދޫ ޒުވާނެއް

ނައިވާދޫގައި ހަދާފައިވާ ފުޓްސަލް ދަނޑު ވެސް މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މިވަގުތު އެ ރަށުގެ ޒުވާނުން ކުޅޭނެ ފުޓްބޯޅަ ދަނޑެއް ނެތުމުން އެ ޒުވާނުން ކުޅެމުން އަންނަނީ ވެސް ރަށުގެ ރުއްގަނޑުގެ ތެރޭގައެވެ.