ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ އަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ހާއްސަކޮށް އެރަށުގެ ޒުވާނުންނަކީ ފުޓްބޯޅައިގައި ހުނަރުން ފުރިގެންވާ ބައެކެވެ.
އެހެންނަމަވެސް ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ފޮޓޯތަކުން ފެނި، ހާމަވެގެންދިޔައީ އެ ހުނަރުވެރިންގެ މުސްތަގުބަލެވެ. ފުޓްބޯޅައަށް މަރުދޭ، އެ ޒުވާނުންގެ ތަސައްވަރަށް ކުރާނެ ނޭދެވޭ އަސަރެވެ.
އެ ފޮޓޯތަކަށް ބަލައިލުމުން ސުވާލު އުފެދުނީ ހުނަރުވެރިން ތިބޭ މިފަދަ ރަށްރަށުގައި މިގޮތަށް ކަންކަން ހިނގަމުންދާއިރުވެސް، ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަމަށް ނާންނާތީ، ނުވަތަ ސަމާލުކަމަށް އައި ނަމަވެސް އަޅާނުލެވި ދޫކޮށްލެވެނީ ކީއްވެބާ އެވެ؟
ނައިވާދޫއަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ޗެމްޕިއަންކަން 4 ފަހަރެއްގެ މަތިން ހޯދާފައިވާ ރަށެކެވެ. އަދި މިހާރު އެދަނީ މި އަހަރު އެތަށި ދިފާއު ކުރުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ވަމުން ނެވެ.
ނައިވާދޫ ބޮޑު ދަނޑުގެ ހާލަތު
މީގެ އިތުރުން މި މުބާރާތުގެ ޒޯން ޗެމްޕިއަންގެ އިތުރުން މުޅި ރާއްޖޭގެ ގަދަ 8 ޓީމުގެ މަގާމު ވެސް ހޯދާފައިވާއިރު، ގައުމީ އަންހެން ޓީމުގައި ދެ ކުޅުންތެރިން އަދި ފިރިހެން ޓީމުގައި އެއް ކުޅުންތެރިއަކު ހިމެނެ އެވެ. އަދި މުޅި ރާއްޖޭގައި އެކިއެކި ފުޓްބޯލް މުބާރާތްތަކުގައި ނައިވާދޫއަށް ނިސްބަތްވާ ޖުމްލަ 16 ކުޅުންތެރިން އެކިއެކި ޓީމުތަކުގެ "ކިީ ޕްލޭޔަރ" ގެ ގޮތުގައި ހަރަކާތްތެރި ވަމުންދާ ކަމަކީ ނައިވާދޫއަށް ލިބޭ ވަރަށްބޮޑު ފަހުރެކެވެ.
ނައިވާދޫ ބޮޑު ދަނޑުގެ ހާލަތު
ނައިވާދޫ ގައި ފުޓްބޯޅަ އަދި ފުޓްސަލް ދަނޑެއް އޮވެއެވެ. ބޮޑު ފުޓްބޯޅަ ދަނޑު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ވަށާފާރު ރާނާ ފެންސު ޖަހާ ރީތިކޮށް ފަރުމާ ކުރެވިފަ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ފަސްގަނޑު އެއްވަރުކޮށް ޓާފް އެޅުމަށް 2021 ވަނަ އަހަރުގެ ބަޖެޓް ވެސް ވަނީ ކުރެވިފަ އެވެ.
އެހެންނަމަވެސް މަސައްކަތް ނުފެށި ލަސްވަމުންދާތީ، އެރަށުގެ ޒުވާނުން އަންނަނީ ޝަކުވާ ކުރަމުން ނެވެ.

'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުން ވިދާޅުވީ އެ ޖަމިއްޔާގެ އިސްނެގުމުގެ މަތިން، އެރަށު ޒުވާނުންނާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ތިން ފަހަރެއްގެ މަތިން މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ފެހި ސިގްނަލެއްގެ ގޮތުގައި ކޮންޓެރެކްޓަރެއް ހަމަޖެހި މީގެ ހަތަރު، ފަސް މަސް ކުރިން ބޮޑު ދަނޑު މަރާމާތަށް ބަންދުކޮށްފައިވާ ކަމަށެވެ.
ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކްލަބް އިން 2019 ވަނަ އަހަރު ޔޫތް މިނިސްޓަރާއި ބައްދަލުކުރުން..
އެކަމަކު މިއަދާއި ހަމައަށް ވެސް މަސައްކަތުގެ އަމަލީ މަސައްކަތް ނުފެށި އޮތްކަން ހިތާމައާއެކު ވަނީ ފާހަގަކޮށްފަ އެވެ.
ޒުވާނުން ނިކުމެ ފުޓްސަލް ދަނޑު މަރާމާތު ކުރަނީ
ފުޓްސަލް ދަނޑަކީ ވެސް ޔާމީންގެ ސަރުކާރުން ދެއްވާފައިވާ ދަނޑެއް ކަމަށާއި މި ދަނޑަކީ ފެށުނީއްސުރެ ވެސް ރަށުގެ ގިނަބަޔަކު ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑެއްކަން ފާހަގަކޮށް އެ ޖަމިއްޔާ އިން ވިދާޅުވީ ދަނޑުގެ ކުޑަކަމާއި ރަބަރު އެޅުމުގައި ވެސް މައްސަލަތަކެއް ހުރިކަން ރަށުގެ ޒުވާނުންގެ ފަރާތުން އެނގިފައިވާ ކަމަށެވެ.
" އަދިއަދަށް ދާންދެންވެސް ރަސްމީ ސިފައެއްގައި ހުޅުވައިފައި ނުވާ މިދަނޑަށް ޒުވާނުން އަރައި ކުޅެންފެށީ ފުޓްބޯޅަ ކުޅޭނެ އިތުރު ގޮތެއްނެތިގެން. ދަނޑަށް އެޅިފައިވާ ރަބަރު މަދުކަމުން ޓާފް ގަނޑަށް ލިބޭ ގެލުންތައް ދިޔައީ ދުވަހެއް ދުވަހެއް އިތުރުވަމުން. ނަތީޖާއަކަށްވީ މި ވޭތުވެދިޔަ 6 އަހަރު ތެރޭގައި މުބާރާތް ބާއްވާ ކޮންމެ ފަހަރަކުވެސް ދަނޑުގެ ހަލާކުވެފައިވާ ތަންތަނުގައި ޕެޗް އަޅަން ޖެހުން. ނަމަވެސް މިހާރު މި ދަނޑު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ."
އެ ޖަމިއްޔާ އިން ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ނައިވާދޫ ކައުންސިލުގެ ރައީސް އަލީ ރަޝީދަށް ގުޅުމުން 'ތިލަދުން' އަށް ވިދާޅުވީ އެ ރަށުގައި ފުޓްބޯޅަ، ފުޓްސަލް އަދި ވޮލީ ކުޅެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އެކަން ޔޫތް މިނިސްޓްރީގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.
ޒުވާނުން ނިކުމެ ފުޓްސަލް ދަނޑު މަރާމާތު ކުރަނީ
"އަޅުގަނޑުމެން ޔޫތް މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެންދިޔައިމަ، މިރަށަށް ބަޔަކު އައިސް ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރި. އެކަމަކު މިހާރު އޮތީ ހުއްޓިފަ. އެހެންވެ، އެ މަސައްކަތް ކުރަން އައި މީހުންނަށް ގުޅީމަ ބުނީ ފައިސާ ޖަމާ ނުވާތީ މަސައްކަތް ކުރިއަށް ނުގެންދެވިފަ އޮތީ ކަމަށް."
އަލީ ރަޝީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެއީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ މަސައްކަތެއް ކަމަށާއި މިއަހަރުގެ ބަޖެޓުގައި ނުހިމެނިވަނީ ކީއްވެ ކަމެއް ނެނގޭ ކަމަށެވެ.
މީގެ އިތުރުން އެރަށުގެ ޒުވާނުންނާއި ރައްޔިތުން މިހާރު އެންމެބޮޑަށް ބޭނުންވަނީ ރަށުގައި ބޮޑު ފުޓްބޯޅަ ދަނޑެއް ތަރައްގީކުރަން ކަމަށްވާތީ، އެރަށުގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކޮށް، ރޭގަނޑު ކުޅެވޭނެ ގޮތަށް ލައިޓް ހަރުކޮށްދެއްވާނެ ކަމަށް ރައީސް ސާލިހު އެރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް އެކަމުގެ އަމަލީ އެއްވެސް ކަަމެއް މިހައިތަނަށް ފެށިފައިނުވާތީ، އެރަށު ޒުވާނުންގެ ފުޓްބޯޅައިގެ ކުރިމަގާއި މެދު ސުވާލު އުފެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަނޑުގެ ހާލަތާއި މެދު ޒުވާނުން ރުލިގަދަވެ ބޮޑު ދަނޑުގައި ފަތްކެޔޮ އިންދާފައި
ދަނޑުގެ ހާލަތު މި މިންވަރަށް ގޮސްފައިވާތީ، މީގެ އަހަރުތަކެއްގެ ކުރިން ސުކޫލް ކުދިންނަށް ހާއްސަކޮށްގެން ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކްލަބް އިން ހިންގަމުން ދިޔަ ފުޓްބޯޅަ އެކަޑަމީ ވެސް މިހާރުވަނީ މެދުކެނޑިފަ އެވެ. އެ އެކަޑަމީގައި 67 ދަރިވަރުން ދަނީ ތަމްރީނު ހާސިލް ކުރަމުން ނެވެ.
ކުޅޭނެ ތަނެއް ނެތުމުން މިހާރު ޒުވާނުން ކުޅެން ބޭނުންކުރާ ސަރަހައްދު
މިހާރު ޒުވާނުންނާއި ސުކޫލު ކުދިން ކުޅެން ޖެހިފައިވަނީ އެރަށު އުތުރު ކޮޅު ރުއްގަނޑު ސަރަހައްދުގައިވާ ވެލި ގަނޑެކެވެ.
އެހެންކަމުން އެ ރަށުގެ ރައްޔިތުންނާއި ޒުވާނުން އަދި ޖަމިއްޔާގެ ވެސް އެންމެބޮޑު އެދުމަކީ ވީހާވެސް އަވަހަކަށް، ދަނޑުގެ މަސައްކަތް ނިމި، ބޭނުން ކުރެވެން ފެށުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!