މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ކުރިއަށްދާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓާސް ލިސްޓުގައި ނަން ނެތް ބަޔަކު ވޯޓު ލާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ގއ. ވިލިނގިލީގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮށްޓަކަށެވެ.

Ad
rt

މި މައްސަލައާ ގުޅިގެން އެޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބްރޭ) ވިދާޅުވީ އެ ފޮށްޓަށް ލިސްޓްގައި ނަން ނެތް މީހަކަށް ވޯޓު ލާން ފުރުސަތު ލިބުނީ، އެ ފޮށްޓަށް ވޯޓުލާ މީހުންގެ ލިސްޓްގައި ވޯޓުލީ މީހާގެ ދަރިއެއްގެ ނަން އޮވެފައި، އެ ދެމީހުންގެ ނަން އެއްގޮތް ކަމުން އެރި އޮޅުމަކުން ކަމަށެވެ.

އެ މައްސަލައިގައި ހައްލުނުކޮށް ވޯޓުލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވޯޓުލާ މަރުކަޒުގައި އަޑުގަދަ ކުރެއްވި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރުވަނީ ސޯޝަލް މީޑިއާއަށް ހާމަވެފައެވެ.

މި މައްސަލަ ފެންމަތުވެފައިވާއިރު، ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ގއ. ހޯޑެއްދޫ މީހުން ވޯޓުލާން ބަހައްޓާފައި ހުރި ފޮށްޓަކަށް ވެސް ލިސްޓްގައި ނަން ނެތް މީހަކު ވޯޓުލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން ގައްދޫ ވޯޓްލާ މަރުކަޒުގެ ތެރޭގައި ހަމަނުޖެހުން ހިންގައި ވޯޓު ކަރުދާސްތައް ވެސް ވަނީ ވީދާލާފައެވެ.