އިދިކޮޅުން ފަރާތްތަކުން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަނީ ނާޖާއިޒު ގޮތުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފުތާއެެއްގެ ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެހެންނަމަވެސް އަހްލާގީ މިންގަނޑުން ބޭރުން، އިދިކޮޅު ފަރާތްތަކުން ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށް ހަޑިހުތުރު ބަސްމަގު ބޭނުންކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ރަށްރަށުގައި ރައީސް ސާލިހު ބާއްވާ ޖަލްސާތަކުގައި ޤުރްއާން ކިޔަވާއިރުވެސް އިދިކޮޅު އަޑުގަދަކޮށް ލަވަޖަހައި، ހަޅޭއްލަވާ ކަމަށް ވިދާޅުވިއެވެ.
"ކުޑަކުދިންވެސް ތިބޭ ތަންތާންގައި، ޓީވީތަކުން ދައްކައިފިނަމަ ފިޔަވަޅު އަޅާފަދަ ބަސްމަގު ބޭނުންކޮށް ވަރަށް އަޚްލާޤުދަށް ކަންކަން އިދިކޮޅުން ދަނީ ކުރަމުން."
މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ މިސަރުކާރުން އޮންނާނީ ޚިޔާލު ފާޅުކުރުމުގެ މިނިވަން ތައްމިނަށް ދީފައި ކަމަށެވެ.
މިއުވާން މިފަދައިން ވިދާޅުވެފައިވާއިރު، މަނީ ލޯންޑްރިން އަދި ރިޝްވަތުގެ ކުށުގައި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާތީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން އަންނަނީ ކޮންމެ ރެއަކު މާލޭގައި މުޒާހަރާކޮށް އަޑުއުފުލަމުންނެވެ.
މިމުޒާހަރާތަކުގައި ޔާމީންގެ މައްޗަށް ކޮށްފައިވަނީ ހަރާން ޙުކުމެއްކަމަށާއި އެޙުކުމް ބާތިލު ކުރުމަށް އަންނަނީ ގޮވަމުންނެވެ. އަދި ސަރުކާރުގެތެރެއިން ކޮރަޕްޝަނާއި ފަސާދައިގެ އެތައްކަމެއް ހިނގާކަމަށް ވެސް އަންނަނީ ތުހުމަތުކޮށް އަޑުއުފުލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!