''މުދަލު ޒަކާތް ނުދައްކާނަމަ، އެމީހެއްގެ ދީން ފުރިހަމައެއް ނުވާނެ''

zakat-fitrah

މުދަލު ޒަކާތް ނުދައްކާނަމަ، އެމީހެއްގެ ދީން ފުރިހަމައެއް ނުވާނެކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދުމަކޮށްދީފިއެވެ.

'ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެކެވެ.' މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި މުދަލު ޒަކާތަކީ އިސްލާމީ އިގްތިސާދު ހަރުދަނާކުރުމަށް އެޅިފައިވާ ފިޔަވަޅުތަކުގެ ތެރެއިން މުހިންމުކަންބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި ކަމުގެ މުހިންމުކަން ބޮޑުކަމުން އެއީ ދީނުގެ ރުކުނެއް ކަމުގައި ﷲ ކަނޑައަޅުއްވާފައިވާ ކަމަށެވެ.

"މުދަލު ޒަކާތް ދިނުން އިސްލާމް ދީނުގެ ރުކުނެއް ކަމުގައި ކަނޑައެޅިފައި ވީހިނދު، ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެއެވެ. ނޫންނަމަ، އެމީހެއްގެ ދީން ފުރިހަމައެއް ނުވާނެއެވެ." ހުތުބާގައި ހަނދާން ކޮށްދީފައި ވެއެވެ.

މީގެ އިތުރުން މުދަލަކީ ﷲ، އަހަރުމެންނާ ހަވާލުކުރައްވާފައިވާ އަމާނާތެއްކަން އެއްވެސް މުސްލިމަކު އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި މުދަލުގެ ހަގީގީ ވެރިޔަކީ ﷲ ކަމަށާއި އެހެންކަމުން އެކަލާނގެ އަހަރުމެންނާ ހަވާލުކުރައްވާފައިވާ މި އަމާނާތުން އެކަލާނގެ އަންގަވާފައިވާ ކަންކަމުގައި ހޭދަކުރަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހުތުބާގައި ބުނީ ތަނަވަސްކަމާއި ރޯދި ބަރަކާތް މާތްﷲ ދެއްވާފައިވަނީ އެކި މީހުންނަށް އެކި މިންވަރަށް ކަމަށާއި މިކަމުގައި ވެސް މަތުވެރިވެގެންވާ އިލާހީ ހިކުމަތްތަކެއް ވާކަމަށެވެ. އަދި އިސްލާމް ދީނުގެ ނަޒަރުގައި މުދަލަކީ އެއާއި ހަވާލުކުރެވިފައިވާ ބައެއްގެ އަތްމަތީގައިވާ މުޅި އިސްލާމީ އުންމަތުގެ ހިއްސާއެއް އޭގައިވާ އެއްޗެއް ކަމަށެވެ.

މާތްﷲ ގެ ވަހީ ބަސްފުޅުތަކާއި ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން ދަލީލު ދައްކަމުން ހުތުބާގައި ބުނީ ތަނަވަސްކަމުގެ އަހުލުވެރިން އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރަމުންދާނަމަ، އިސްލާމީ މުޖުތަމައުގެ ވަރަށްގިނަ އިޖުތިމާއީ މައްސަލަތައް ހައްލުވާނެކަން ކަށަވަރު ކަމަށެވެ. ހަސަދަވެރިކަމާއި ރުޅިވެރިކަން އެބައިމީހުންގެ ކިބައިން ފިލައިދާނެ ކަމަށެވެ.

ހަމަމިއާއެކު ކަނޑައެޅިފައިހުރި ޝަރުތުތަކެއް ހަމަވުމުން އަހަރަކު އެއްފަހަރު މުދަލު ޒަކާތް ދިނުމާއި އަހަރަކު އެއްފަހަރު ފިތުރު ޒަކާތް ދިނުމަކީ އިސްލާމީ ޝަރީއަތުގައި ވާޖިބުވެގެންވާ ކަމެއްކަން ވެސް ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި