މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިަމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުމަށް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ނިންމަވައިފިއެވެ.

އަމްރުއަކީ އަބަދުވެސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅަކަށްވާއިރު، އަމްރު މިހާރުވަނީ ނަޝީދާއެކު ހުވަދު އަތޮޅަށް ވަޑައިގެންފައެވެ.

Ad
rt

ނަޝީދުގެ ކެމްޕެއިން ޓީމުން ވިދާޅުވެފައިވަނީ މިއީ ތިން ދުވަހަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި ގއ އަދި ގދ ގައި ކެމްޕޭން ކުރިއަށް ގެންދާނެ ކަމަށެވެ.

ހުވަދު އަތޮޅަށް ނިސްބަތްވާ އަމަރު ވަނީ ނަޝީދުގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަން ވެސް ކުރައްވާފަ އެވެ. އަދި އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޗެއާރ ގެ މަގާމު ވެސް ވަނީ އަދާކުރައްވާފަ އެވެ.

ސިޔާސީ މައިދާނުގައިި ނަޝީދާ އެކު އުޅުއްވާ އަމްރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2014 ގައި ތިނަދޫ ދާއިރާ އަށް ވެސް ވާދަ ކުރައްވާފައެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި ޖެނުއަރީ މަހުގެ 28 ގަ އެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ނަޝީދުގެ އިތުރުން މިހާރުގެ ރައީސް ސާލިހެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.