ރާއްޖޭގައި ފެރީގެ ޚިދުމަތް ޤާއިމު ކުރުމަށް 10 ފަޅުރަށާއި ހަތަރު އޮޑި ހަރުގެއެއް މިސަރުކާރުންނެއް ނުދޭނެކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުއްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ގަޕޯ މިހެން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ރޭ ހަނިމާދޫގައި ބޭއްވި ޖަލްސާ ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރޭ ދެއްކި ވާހަކާގައި ގަޕޯ ވިދާޅުވީ، ރައްޔިތުންނަށްޓަކައި މި ސަރުކާރާއެއްވަރަށް ޚިދުމަތް ކުރެވުނު ސަރުކާރެއްނެތް ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި ނުވެސް އޮންނާނެ ކަމަށެވެ.

ކޯވިޑްގެ ހާލަތުގައި މި ސަރުކާރުން ޢަމަލުކުރިގޮތް ވަރަށް ސާފުކޮށް ފެންނާނެ ކަމަށާއި، މުޅި ދުނިޔޭގެ ރަށްޔިތުން ފާހަގަ ކުރަމުން ދިޔައީ މި ސަރުކާރުން ކޯވިޑްގެ ތެރޭގައި ކަންކުރި ގޮތާއި، ކޯވިޑް ތެރޭގައި މެނޭޖް ކުރަމުން ދިޔަ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

''ރެސްޓޯރެންޓަކަށް ދިޔައީމަ މެނޫ ގެންނަ އުސޫލުން ކޯވިޑް ޖެހުނީމާ ދާން ބޭނުން ރިސޯޓެއް ބުނީމާ ރިސޯޓަށް ފޮނުވައިގެން މީހުން ބެލެހެއްޓި ސަރުކާރެއް މީ، ފައިވްސްޓާ ރިސޯޓަށް މީހުން ފޮނުވައިގެން ކޯވިޑްގައި ޚިދުމަތް ދިނީ މި ސަރުކާރުން، އެހެންވީމަ މި ސަރުކާރާ ދޭތެރޭ ރައްޔިތުންގެ އުއްމީދުތަކެއް، ކުރާ އިތުބާރެއް ކުޑައެއްނުވާނެ'' ގަޕޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ބަނގުރޫޓް ވަމުން އަންނަކަމަށާއި، ރާއްޖެ ބަނޑަށް ޖެހެމުން އަންނަ ކަމަށް ކިޔަމުން ދިޔަ އަޑުތައް ވަރަށް ބޮޑަށް އެއްސެވި ކަމަށެވެ. އަދި ބަޖެޓް ހުށަހެޅީމުން ވެސް ސަރުކާރުގެ ބައެއް މުއައްސަސާތަކުން ވެސް ރާއްޖެ ދަރަނިވެރިވާނެއޭ ކިޔާ ވާހަކަތަކެއް ދައްކަމުން ދިޔަ ކަމަށް ވިދާޅުވިއެވެ. އެހެންނަމވެސް އެންމެފަހުން އެމްއެމްއޭ އިން ނެރުނު ލިޔުންތަކުން އެނގޭގޮތުގައި ރާއްޖޭގެ ރިޒާވްގައި މިއަދު ވެސް 800 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި، މި ސަރުކާރުން ދަނީ ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑުމެނެއް ފެރީ ސާވިސަސްއެއް ގާއިމު ކުރާކަށް ދިހަ ފަޅުރަށާއި ހަތަރު އޮޑި ހަރުގެއެއް ނުދޭނެ، މި ސަރުކާރުން އެއޮތީ ފެރީގެ ހިދުމަތް މުޅި ރާއްޖޭގައި ގާއިމުކޮށްފައި ބޭނުންވާ ފައިސާ ދީގެން ބާރަށް ކުރިއަށް އެދަނީ، މިގާއިމު ކުރެވުނު އާރުޓީއެލް ފެރީގެ ޚިދުމަތާއެކު ރައްޔިތުން އެތިބީ ރައްޔިތުންނަށް ލިބިގެން ދިޔަ ފަސޭހަކަމާއެކު ސަރުކާރަށް ޝުކުރު ދަންނަވާ ހާލު'' ގަޕޯ ވިދާޅުވިއެވެ.