ހދ. ނޭކުރެންދޫ ކައުންސިލްއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލް ގެ ތިންވަނަ ދުވަހު ކުޅުނު ހޭންޑްބޯލް މެޗް އެންއެޗްސީ ކާމިޔާބު ކުރުމުން މުބާރާތުގެ ފޯރި ގަދަވެއްޖެއެވެ.

މި މެޗުން މޮޅުވެގެން ފައިނަލްގެ ޖާގައެއް ކަށަވަރު ކުރެވެން އޮތް ފެލްކަންސް ގެ މައްޗަށް އެންއެޗްސީ ކުރިހޯދީ 4-3 ގެ ނަތީޖާއިންނެވެ.

Ad
rt

ޝަފާގެ ގޯލުން މެޗުގެ ހަތަރުވަނަ މިނެޓުގައި ފެލްކަންސްއިން ވަނީ މެޗުގެ ލީޑް ނަގާފައެވެ. އޭގެ ދެ މިނެޓް ފަހުން މެޗުގެ 6 ވަނަ މިނެޓްގައި އެންއެޗްސީ އިން ވަނީ ނަތީޖާ ހަމަ ހަަމަ ކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝަހުލާ އެވެ.

މެޗުގެ ފުރަތަމަ ފަހަރަށް އެންޗްސީ އިން ލީޑް ނެގި ގޯލު މެޗުގެ 9 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސަމާ އެވެ. ދެންވެސް ފެނިގެން ދިޔައީ އެންއެޗްސީ ގެ ގޯލެކެވެ. ބެންޗުން ކުޅެން އަރާ މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ތޭރަވަނަ މިނެޓުގައި އިބާ އެވެ.
ފުރަތަމަ ހާފް ނިމުނީ 3-1 ގެ ނަތީޖާއިން އެންއެޗްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެލްކަންސްއިން ފެށީ ވަރުގަދަކޮށްނެވެ. ދެވަނަ ހާފް ފަށައިގެން ފެލްކަންސް އިން ދިޔައީ ކައިރި ކައިރީގައި ހަމަލާތަށް އުފައްދަމުންނެވެ. ހަމަލާތަށް ހުއްޓުވުމުގައި އެންއެޗްސީ ގެ ކީޕަރު ފަރުޒާނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ދެވަނަ ހާފްގެ ފަސްވަނަ މިނެޓުގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ޝަޒްފާ ވަނީ ގޯލެއްޖަހައި ފެލްކަންސް އަށް އުންމީދު އާކޮށްދީފައެވެ.

ފެލްކަންސްގެ ގޯލަށްފަހު އެންއެޗްސީ އިން ވަނީ އަބުރާ މެޗުތެރެއަށް އައިސް ފަހުހާފުގެ 9 ވަނަ މިނެޓްގައި ގޯލެއްޖަހާފައެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ ޝިޒްމާ އެވެ.

ކައިރި ކައިރީ ފެލްކަންސްއިން އުފެއްދި ހަމަލާތަކުން މެޗުގެ ފަހުހާފުގެ ތޭރަވަނަ މިނެޓްގައި ވަނީ ގޯލެއް ޖަހާފައެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ ޔުމްނާ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ މެޗުގައި ގިނަ ހަމަލާތަކެއް ދިފާއުކުރި އެންއެޗްސީގެ ކީޕަރު ފާތިމަތު ފަރުޒާނާއެވެ.
ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބެނީ މަކުނުދޫ އަށްށެވެ.

އެންއެޗްސީ އަދި ފެލްކަންސް ކޮންމެ ޓީމަކަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ގޯލުގެ ތަފާތުން ތާވަލުގެ ދެވަނަ މަގާމު ލިބެނީ ފެލްކަންސް އަށްށެވެ.

މިވަގުތު ތާވަލު އޮތްގޮތުން ކޮންމެ ޓީމަކަށްވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންނަމަވެސް ކަސަބް ޓީމަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ.

ތިންވަނަ ދުވަހު ވަނީ ފުޓްސަލް ދެމެޗެއް ކުޅެފައެވެ. ފުަރަތަމަ މެޗުަގައި ބައްދަލުކުރީ މާޒިންސް އަދި ކުލަބް ސިވިކް އެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރީ މާޒިންސް އެވެ.

މެޗުގެ ފުރަތަމަ ގޯލު 15 ވަނަ މިނެޓުގައި މާޒިންސް އަށް ކާމިޔާބު ކޮށްދިނީ އަހްމަދު ނިޔާޒް އެވެ. ފުަރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއިން މާޒިންސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން އަށްވަނަ މިނެޓްގައި މާޒިންސްއިން ވަނީ ދެވަނަ ގޯލެއް ކާމިޔާބު ކޮށްފައެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އައިހަމް އެވެ. ތޭރަ ވަނަ މިނެޓުގައި ޝަވީލު ވަނީ މާޒިންސްއަށް ގޯލެއް ކާމިޔާބު ކޮށްދީފައެވެ. މާޒިންސް ގެ ފަހު ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝިޔާހް އެވެ.

ސިވިކް އިން ޖެހި ހަމަ އެކަނި ގޯލު މެޗުނިމެންދަނިކޮށް އެެޓީމަށް ކާމިޔާބު ކޮށްދިނީ އަބާން އެވެ.

މި މެޗުގެ މޮޅު ކުޅުން ތެރިޔާއަށް ހޮވިފައިވަނީ މާޒިންސްގެ ޖާރޒީ ނަމްބަރ 2 އަހްމަދު އައިހަމް އެވެ.

ދެވަނަ މެޗުގައި ބައްދަލު ކުރީ ސެނޯން އަދި ހާމަނަސް އެވެ. 10-1 ގެ ނަތީޖާއިން މެޗު ކާމިޔާބުކުރީ ސެނޯން އެވެ.

މެޗުގައި އަހްމަދު ހަލީމް ވަނީ ހަތަރު ގޯލު ޖަހާފައެވެ. އަދި ޝުއިބް ޒާހިރު ވަނީ ތިންގޯލު ޖަހާފައެވެ. މަމްދޫހު އަބްދުއްޝަކޫރު، އަހްމަދު ފަޔާޒް އަދި ސެނޯންގެ ކީޕަރ މުހައްމަދު ޒުހަލް ކޮންމެ ކުޅުންތެރިއެއްވަނީ 1 ގޯލު ކާމިޔާބު ކޮށްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ސެނޯން ގެ ޖާޒީ ނަމްބަރ 7 އަހްމަދު ހަލީމް އެވެ.