އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓްތަކުކުގެ ގޮތުގައި ޝަކުވާ ހުށަހެޅިފައިވާ 49 ރިސޯޓެއްގެ މައްސަލަ ބަލައިދީ ހައްލު ހޯދައިދިނުމަށް ތުވެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ، އެ ސިނާއަތުގެ މަސައްކަތްތެރިންގެ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން (ޓީމް)އިން ފަތުރުވެރިކަމާބެހޭ ވުޒާރާގައި އެދިއްޖެއެވެ.

ބައެއް ރިސޯޓްތަކުގައި އުސޫލާ އެއްގޮތަށް އިތުރު ގަޑި ނުދީ މަސައްކަތްކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖަށް ލިބެމުން ދިޔުމާއެކު އެ ޕޭޖުން ވަނީ އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓްތަކުގެ ނަންތައް ލިސްޓް ކުރަން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހުޅުވާލާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖަކީ ރިސޯޓު މަސައްކަތްތެރިންގެ ކަންބޮޑުވުންތައް އާންމުކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރާ ޕޭޖެކެވެ. 51 ހާސް މީހުނަށްވުރެ ގިނަ މީހުން ފްލޯކޮށްފައިވާ މި ޕޭޖުގައި ރިސޯޓުތަކުގައި ހިންގާ ތަފާތު ކުރުމުގެ ޢަމަލުތަކުން ފެށިގެން ޤާނޫނީ ގޮތުން ގެއްލުވާލާ ޙައްޤުތަކުގެ ވާހަކަ އާންމުކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރެެއެވެ.

Ad
rt

މިގޮތުން އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓުތަކުގެ ނަންތައް ލިސްޓް ކުރަން އެ ޕޭޖުން ހުޅުވާލުމުން އެންމެ ގިނަ ފަހަރު ނަން ޖެހި ރިސޯޓުތަކުގެ ގޮތުގައި 49 ރިސޯޓެއް ފާހަގަކޮށް އެ ރިސޯޓުތަކުގެ މައްސަލަ ބަލައިދޭން އެ ޕޭޖުގެ ފަރާތުން ވަނީ ޓީމްގެ އެހީތެރިކަމަށް އެދިފައެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިން ފްލޯކޮށްފައިވާ ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުން މިކަމުގައި ޓީމްގެ އެހީތެރިކަމަށް އެދުމުން އެ ޖަމިއްޔާއިން ވަނީ އެ ރިސޯޓުތަކުގެ މައްސަލަ ބަލައިދީ ހައްލު ހޯދައި ދިނުމަށް މިއަދު ފަތުރުވެރިކަމާބެހޭ ވުޒާރާގައި އެދިފައެވެ.

މި މައްސަލަ ބަލައިދިނުމަށް އެދި ޓީމް އިން މިއަދު ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. ޢަބުދުﷲ މައުސޫމަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، ވަޒީފާއާއިބެހޭ ޤާނޫނުގެ 37 ވަަނަ މާއްދާގެ (ށ)ގައި ''މުވައްޒަފަކުލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން ¼1 ބަޔަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތްކުރުވީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން ½1 ބަޔަށްވާ ފައިސާ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި، އެމުވައްޒަފަކަށް، ވަޒީފާދޭފަރާތުން ދޭންވާނެ'' ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިމާއްދާއާއި އެއްގޮތަށް ވަޒީފާއަދާކުރާ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާއަކީ ދޭންޖެހޭ އެއްޗެއްކަމަށް ޓީމުން ބުނެފަވެއެވެ.

''ތިރީގައި މިވާ، ރިސޯޓުތަކުގެ މުވައްޒަފުން އިތުރު ގަޑި ނުލިބޭކަމަށް މިޖަމިއްޔާއަށް ވަނީ ޝަކުވާ ހުށަހަޅާފައެވެ. އެހެންކަމުން މިއީ ޤާނޫނާއި ޚިލާފް ޢަމަލަކަށްވެފައި، މި ދަންނަވާ ރިސޯޓުތަކުން ޤާނޫނާއި ޚިލާފަށް މި ޢަމަލުކުރަމުންދާތީ ލޭބާ ރިލޭޝަން އޮތޯރިޓީ މެދުވެރިކޮށް އިންސްޕެކްޓްކޮށް ދެއްވާ، އިތުރު ގަޑީގެ ފައިސާ ނުދައްކާ ރިސޯޓުތަކަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް އަންގައި، އަދި އިތުރުގަޑި ނުދީ މަސައްކަތް ކުރުވާނަމަ ފިޔަވަޅުއަޅުއްވައި ދެއްވުން އެދި ދަންނަވަމެވެ.'' ޓީމްގެ ސިޓީގައި ބުނެފަވެއެވެ.

ޓީމުގެ ސިޓީގައި ބަޔާންކޮށްފައިވާ ރިސޯޓުތައް:

    1. ރެސިޑެންސް މޯލްޑިވްސް
    2. ލިލީ ބީޗު ރިސޯޓު
    3. ސެންޓަރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
    4. ރިހިވެލި މޯލްޑިވްސް ރިސޯޓް
    5. ޑައިމަންޑްސް އަތުރުގާ އެންޑް ވޯޓާ ވިލާސް
    6. ރޮބިންޝަން ނޫނު
    7. ސަން ޝިޔާމް އިރުފުށި މޯލްޑިވްސް
    8. އައުޓްރިގަރ މޯލްޑިވްސް މާފުށިވަރު
    9. ޕެރެޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ
    10. ހުރުވަޅި އައިލެންޑް ރިސޯޓް
    11. ޕުލްމަން މޯލްޑިވްސް މާމުޓާ ރިސޯޓް
    12. ފިހާޅޮހި އައިލެންޑް ރިސޯޓް
    13. ރިއު އެޓޯލްސް އެންޑް ރިއު ޕެލަސް މޯލްޑިވްސް
    14. ޕަޓިނާ މޯލްޑިވްސް ފަރި އައިލެންޑް
    15. ސައި ލެގޫން މޯލްޑިވްސް
    16. ޖުމޭރާ މޯލްޑިވްސް އޮޅަހަލި މޯލްޑިވްސް
    17. ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
    18. ހައިޑްއަވޭ ބީޗް އެންޑް ސްޕާ މޯލްޑިވްސް
    19. ސިނަމަން ވެލިފުށި މޯލްޑިވްސް
    20. އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި
    21. ކަނޑިންމަ މޯލްޑިވްސް
    22. ކޮކޫން މޯލްޑިވްސް
    23. ޕާކް ހަޔަޓް މޯލްޑިވްސް
    24. ތާޖް ކޮރަލް ރީފް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
    25. ހެރިޓެންސް އާރަށް
    26. މާކުއާ ހޮޓެލް
    27. ގްރޭންޑް ޕާކު ކޮށްދިއްޕަރު
    28. ޔޫ އެންޑް މީ ބައި ކޮކޯން
    29. ސޮނެވާފުށި ރިސޯޓް
    30. ބަރޮސް މޯލްޑިވްސް
    31. އެމަރަލްޑް ފަސްމެންދޫ
    32. އެމަރަލްޑް ފާރުފުށި
    33. އެޓްމޮސްފިއާ ކަނިފުށި
    34. ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ
    35. އޮބްލޫ ސަންގެލި
    36. ނައުޓިލަސް މޯލްޑިވްސް
    37. ނޯކު މޯލްޑިވްސް
    38. ޖޭއޭ މަނަފަރު ޕްރައިވެޓް އައިލެންޑް
    39. ފުށިފަރު މޯލްޑިވްސް
    40. ކުރެއްދޫ މޯލްޑިވްސް އެންޑް ސްޕާ
    41. ސިނަމަން ދޮންވެލި
    42. ހޮނޑާފުށި އައިލެންޑް ރިސޯޓް
    43. ކިހާ މޯލްޑިވްސް
    44. ފަން އައިލެންޑް މޯލްޑިވްސް
    45. ދަ ބެއާ ފޫޓް އެކޯ ހޮޓެލްސް
    46. ކުޑަވިލިގިލި ރިސޯޓް މޯލްޑިވްސް
    47. ވައްކަރު މޯލްޑިވްސް
    48. ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް
    49. ސަން ޝިޔާމް އޮޅުވެލި

ފަތުރުވެރިކަމާބެހޭ ވުޒާރާއިން މި ޑިސެމްބަރުމަހު ޢާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު 168 ރިސޯޓެއް އޮޕަރޭޓް ކުރެއެވެ. އަދި ރާއްޖޭގައި 875 ހޮޓާ/ގެސްޓް ހައުސް އޮޕަރޭޓް ކުރަމުން އަންނައިރު 158 ސަފާރީ އެއް ވެސް ރާއްޖޭގައި އޮޕަރޭޓް ކުރަމުންދެއެވެ. ރާއްޖޭގައި އޮޕަރޭޓް ކުރާ ތަންތަނުގައި ޖުމްލަ 59،715 އެނދު އެބަހުއްޓެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު އެ ސިނާއަތުގައި މަސައްކަތްކުރާ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތެވެ.