2020 ބަޖެޓަށް ކަނޑައަޅާފައިވާ އަދަދުތައް ތިރީގައިވާ ފިނޭންސް މިނިސްޓްރީގެ ޗާޓުން އެފެންނަނީއެވެ. ބަޖެޓަށް ސީދާ ބަލައިލުމުގެ ކުރިން އަތޮޅުތަކުގައި ފަގީރުކަމާ، އިގްތިސާދީ މަސައްކަތްކުރާ މީހުންގެ އަދަދާ، ވަޒީފާގައި އުޅޭ މީހުންގެ އަދަދާ އަދި ރާއްޖޭގެ ރަށްވެހި އާބާދީ އަތޮޅުތަކަށް ބެހިފައިވާ ގޮތް ބަލައިލަމާ ހިނގާށެވެ. ފަގީރުކަން ނައްތާލުމާ، އިގްތިސާދީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ގިނަ ރައްޔިތުންނަށް ފަހިކޮށްދިނުމާ، ދުޅަހެޔޮ ދިރިއުޅުމެއް ހޯދައި ދިނުމާ އަދި ކޮންމެ ރަށްޔިތަކަށްވެސް އަސާސީ ޚިދުމަތްތައް ހަމަހަމަ ކަމާއެކު ލިބޭނެގޮތް ހެދުމަކީ ބަޖެޓް ހެދުމުގައި ގެންގުޅޭ މުހިއްމު މަގްސަދު ތަކެކެވެ. މައުލޫމާތުގެ އަލީގައި މިމަގްސަދުތައް 2020 ގެ ބަޖެޓުން ހާސިލްވޭތޯ ނިންމަވާނީ ތިޔަ ބޭފުުޅުންނެވެ.

ފަގީރުކަން
ޕަވަރޓީ ލައިން ނުވަތަ ފަގީރުކަން ދައްކައިދޭ ރޮގުގައި ބަލަނީ ދުވާލަކަށް ބޮލަކަށް ޖެހޭ ޚަރަދު ނުލިބޭ ރައްޔިތުންގެ ނިސްބަތެވެ. މީގެ ތެރޭގައި 3 ދަރަޖައެއް ގެންގުޅެއެވެ. އެއީ މަތީ ރޮގަނކާ (148 ރުފިޔާ ދުވާލަކަށް) އަދި ފަގީރުކަމުގެ ގައުމީ ރޮނގު (74 ރުފިޔާ ދުވާލަކަށް) އާއި އަދި ފަގީރުކަން ދައްކުވައިދޭ ބައިނަލް އަގްވާމީ ރޮނގެކެވެ. ބަޖެޓެއް ހަދާނަމަ ވިސްނަން ޖެހޭ ކަންކަމުގެ ތެރޭގައި ފަގީރުކަމުގެ ރޮނގުން އަރައިގަންނަން އިތުރަށް އެފަދަ ރަށްތަކުގައި އުޅޭ ރައްޔިތަކަށް ބޭނުންވާ ފައިސާ (ޕަވަރޓީގެޕް) ލިބިދެވޭނެ ގޮތެއް ފަހިކޮށްދިނު ހިމެނެއެވެ.
ރާއްޖޭގެ ފަގީރު ކަމުގެ ނިސްބަތަށް ބަލާއިރު އެ ނިސްބަތް ޑަބަލް ޖިޖިޓް ތަކުގައި އުޅޭ އަތޮޅުތަކަކީ ހުވަދު އަތޮޅު (ގއ، ގދ) އައްޑު އަތޮޅު (ސ)، މާޅޮސް މަޑުލު (ރ، ބ)، ތިލަދުންމަތީ ދެކުނު ބުރި (ހދ) ، މާލެ އަތޮޅު (ކ. އަތޮޅުގައި އޮތް މާލެ ފިޔަވާ) އަދި ކޮޅުމަޑުލު (ތ) އަތޮޅެވެ. ފަގީރުކަމުގެ މަތީ ރޮނގަށް ބަލާއިރު (މެދު ކޮލަމް) އެންމެ ފަގީރު އަތޮޅަކީ ރިސޯޓްތައްވެސް ގިނަ ދ. އަތޮޅެވެ.

ސުވާލަކީ ފަގީރުން ގިނަ އަތޮޅުތަކުގެ ރައްޔިތުންނަށް، ކުރިމަތިކުރުވާފައިވާ ފަގީރުކަން (ފަގީރުކަމަކީ ތަބީއީ ކަމަކަށްވުރެ ދައުލަތުގެ ސިޔާސަތުން އުފައްދާ ކަމެކޭ ބުނެވެއެވެ.) ކުޑަކުރުމަށް މާލެއަށް ވުރެ ބޮޑު އިސްކަމެއް ބަޖެޓުން ދޭތޯއެވެ؟
އިގްތިސާދީ ގޮތުން ރައްޔިތުން ހަރަކާތްތެރިވާ މިންވަރާއި ވަޒީފާނެތް މީހުން
އިގްތިސާދީ ގޮތުން ހަރަކާތްތެރި މީހުންގެ ނިސްބަތަށް ބަލާއިރު އެންމެ ދަށުގައި އުޅެނީ އައްޑު އަތޮޅު، ހުވަދޫ، ފުވައްމުލައް، މާޅޮސް މަޑުލު އުތުރުުބުރި، ފާދިއްޕޮޅު، މިލަދުން މަޑުލު ދެކުނުބުރި، އަދި ތިލަދުންމަތީ ދެކުނުބުރި ފަދަ އަތޮޅުތަކެވެ. ވަޒީފާ ނެތް މީހުންގެ ނިސްބަތަށް ބަލާއިރު، ވަޒީފާނެތް ރައްޔިތުން އެންމެ ގިނަ އަތޮޅުތަކުގެ ތެރޭގައި، ކޮޅުމަޑުލު، ފުވައްމަލައް، އައްޑޫ، ފާދިއްޕޮޅު، މާލެ އަދި މާޅޮސް މަޑުލު ދެކުނުބުރި ފަދަ އަތޮޅުތައް ހިމެނެއެވެ.

ވަޒީފާ ނެތް މީހުންގެ ނިސްބަތް ގިނަ އަތޮޅުތަކަށް ބަލާއިރު ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓްތައް އަދި އެންމެ ގިނަ ރިސޯޓްތައް ހިމެނޭ އަތޮޅުތަކުގެ ހާލު ދައްކަން ފާހަގަ ކުރެވެއެވެ.
ސުވާލަކީ މިއަތޮޅުތަކުގައި ކުރެވޭ އިގްތިސާދީ މަސައްކަތްތަކުގައި ދިވެހި ރައްޔިތުންގެ ޝާމިލްވުން އިތުރު ކުރުމަށް ބަޖެޓުންނާއި ފާސްކުރެވޭ އިގްތިސާދީ ޤާނޫނުތަކުން ކިހާވަރަކަށް ސަމާލުކަން ދެވިފައިވޭތޯއެވެ؟
ވިޔަފާރިއެއް އަތޮޅެއްގައި ފެށުނަސް އެވިޔަފާރީގައި ރައްޔިތުންގެ ހިއްސާ ނެތްނަމަ އަދި އެކުރާ މަސައްކަތެއްގައި ރައްޔިތުންގެ ބައިވެރިވުން ނެތްނަމަ އަތޮޅަށް އިގްތިސާދީ ގޮތުން ގިނަ ލާރި ވަނަސް ރައްޔިތުން ފަގީރުވެ ބިކަ ވެދާނެކަން މި ޗާޓުން ވަރަށް ބޮޑަށް ހާމަކޮށްދެއެވެ. މިކަމުން އިބްރަތް ހާސިލްކޮށް ރާއްޖޭގެ އެންމެ ބައިބޯ އަތޮޅުތަކުގައި އިގްތިސާދީ މަސައްކަތްތައް، ގިނަ ރައްޔިތުން، ޝާމިލްވާގޮތަށް ފެށުމާއި ބަޖެޓްގައި މިފަދަ އަތޮޅުތަކަށް އިސްކަން ދިނުމުގެ މުހިންމުކަންވެސް ހާމަކޮށްދެއެވެ. ސުވާލަކީ ބަޖެޓުން މިކަމަށް އިސްކަން ދެވިފައިވޭތޯއެވެ؟
އަތޮޅުތަކުގެ ރަށްވެހި އާބާދީ ބެހިފައިވާ ގޮތް
ދެން އޮތީ އާބާދީއެވެ. ރަށްވެހި އާބާދީތައް (2018) އެކި އަތޮޅުތަކަށް ބެހިފައިވާ ގޮތް ތިރީގައިވާ ޗާޓުން އެފެންނަނީނެވެ. ރަށްވެހިވެފައިވާ އާބާދީ އަށްވެސް ރިޢާއަތްކޮށް ބަޖެޓް ބެހުން މުހިންމީ އައްޑު އަތޮޅަށް ނިސްބަތްވާ މީހާ ނުވަތަ ތިލަދުންމައްޗަށް ނިސްބަތްވާ މީހާ ދާ އިސްކޫލާ އާންމު ދިރިއުޅުމުގައި ދިމާވާ ސިއްހީ މައްސަލަތަކުގައި ދާންޖެހޭ ހަސްފަތާލުގެ ބަޖެޓް މާލެއަށް ޚަރަދު ކުރުމުން ކޮންމެ ރައްޔިތަކަށްވެސް އަސާސީ ޚިދުމަތްތައް، ނިސްބަތްވާ އަތޮޅާއި ރަށަށް ތަފާތު ކުރުމެއް ނެތި ލިބިދެވެންވާނެ ކަމަށް ޤާނޫނު އަސާސީގައި ބުނާ މާއްދާއާ ޚިލާފު ނުވުމަށެވެ. އާދައިގެ ބަލިތަކުގައި ގިނަގިނައިން މާލެ އަންނަން ޖެހުމުން ރައްޔިތަކު ސިއްހީ ޚިދުމަތަށް ކުރާ ޚަރަދު 2 ތިން މަހުގެ މުސާރަ ހުސްވާ ވަރު ވުމުން ނިޒާމީ ގޮތުން އެއޮތީ ތަފާތުކުރެވި ފަގީރުކަން އެއަތޮޅުތަކަށް ނިސްބަތްވާ ރަށްތަކުގައި އިތުރު ވުމަށް މަގުފަހި ކޮށްފައެވެ.
ބަޖެޓުން އާސަންދައިން ސީދާ ޓެސްޓްގެ އަގު ހަމަހަމަ ކޮށް ދިންކަމުގައި ވީނަމަވެސް ޚިދުމަތަށް ވާސިލްވުމުގެ ތެރޭގައި ފަގީރުކަމަށް އާއިލާތައް ހުށަހެޅޭނެ ގޮތް އެއޮތީ ހަދާފައެވެ. އަތޮޅުތަކުގެ ދަރިން ދާންޖެހޭ އިސްކޫލު މާލޭގައި އަޅައިފިނަމަ މުޅިއާއިލާ މާލެއަށް ހިޖުރަކުރަން ޖެހި ފަގީރުކަމަށް ހުށަހެޅޭނެ ގޮތް އެއޮތީ ހަދާފައެވެ. ތަފާތު ކުރެވިފައެވެ. ﷲ ގަންދީ ހުވާކޮށްގެން ތިބި މެމްބަރުންގެ އަތްތަކުންނެވެ.
ބޮލަކަށް ޖެހޭ ބަޖެޓުން އަތޮޅަށް ޖެހޭ މިންވަރު
އާބާދީއަށް ބަލައި ބޮލަކަށް ޖެހޭ ބަޖެޓުން އަތޮޅުތަކަށް ވާ އަދަތުތައް ތިރީގައިވާ ޓޭބަލުން އެފެންނަނީއެވެ.
ވިސްނާލަން ޖެހޭ ކަމަކީ ބައެއްފަހަރު ހަމަހަމަ ކުރުމުން ތަފާތު ކުރެވިދާނެ ކަމެވެ. މިސާލަކަށް ފަގީރުންގެ ނިސްބަތް މާލެއަށް ވުރެ ތިލަދުންމަތީ ދެކުނު ބުރި (ހދ) އަތޮޅުގައި މައްޗެވެ. ވީމާ ބޮލަކަށް ޖެހޭ ނިސްބަތުން ލިބޭ ބަޖެޓަށް ވުރެ އިތުރު ބަޖެޓް ހދ އަތޮޅަށް އެކަށައަޅައި ފަގީރުކަން ކުޑަކުރުމަށް މާލޭ ރައްޔިތުންވެސް ސަރުކާރަށް ބާރު އަޅާނެކަމާމެދު ޝައްކެއް ނެތެވެ. މުދަލުގެ ޒަކާތް މުއްސަނދިގެ އަތުން ނަގައި ފަގީރުންނަށް ބެހުން ވާޖިބްވަނީވެސް މި ބީދައިންނެވެ. އަނެއްކާވެސް ސުވާލަކީ ބޮލަކަށް ޖެހޭ ބަޖެޓަށް ބަލައި ބަޖެޓް އިތުރުވެފައިވަނީ ރާއްޖޭގެ ފަގީރުން ގިނަ އަތޮޅުތަކަށް ތޯއެވެ؟ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ބެލިއަސް ބޮލަކަށް ޖެހޭ ބަޖެޓުން ލިބޭނެ މިންވަރަށްވުރެ މަދުވާއިރު މިއަދަދު އެތައް ތަނެއް ގިނައީ ހަމައެކަނި މާލެއަށެވެ!
ޕީއެސްއައިޕީ
ދައުލަތުގެ ބަޖެޓް 2020 ގެ ޕަބްލިކް ސެކްޓަރ އިންވެސްޓް މެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓްގައި އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މާލެއަށެވެ. އެއީ މާލޭގެ ރަށްވެހިން (67742) ގެ ބޮލަކަށް ޖެހޭ ބަޖެޓަށްވުރެ %82 އިތުރު އަދަދެކެވެ. ހދ. އަތޮޅު ހިމެނޭ ސަރަހައްދަށް (ހއ، ހދ، ށ) ޕީއެސްއައިޕީގެ 10 ބިލިއަނުން ކަނޑައަޅާފައިވާ ކަމަށް ތިރީގައިވާ ޗާޓުން އެފެންނަ އަދަދު ތަކުގެ ޖުމްލައަކީ ބޮލަކަށް ޖެހޭ ވަރުން ލިބޭނެކަމަށް އަންދާޒާކުރާ އަދަދަށްވުރެ %52 މަދު އަދެދެކެވެ. ފަގީރުކަމާ ވަޒީފާއާ އިގްތިސާދީ މަސައްކަތް ހދ. އަތޮޅުގައި އޮތް ދަށް މިންވަރަށް ބަލާއިރު ބޮލަކަށް ޖެހޭ އަދަދަށްވުރެވެސް އިތުރުކުރުން އެދެވިގެން ވާކަން ނަންބަރު ތަކުން އަންގައިދެއެވެ. އެގޮތަށް އެކަން ކުރެވިފައި ނުވަނީ ކީއްވެތޯއެވެ؟

2020 ބަޖެޓް ބަހުސްތެރޭ އިވޭ އެންމެ މުހިއްމު އެއް ވާހަކައަކީ އަތޮޅުތަކަށް ބަޖެޓުން ސީދާ ފައިސާ ދޭވާހަކައެވެ. މާލީ ގޮތުން ލާމަރުކަޒު ކުރުމަށްޓަކައި ބަޖެޓުން އަތޮޅުތަކަށް (ކައުންސިލްތަކަށް) ސީދާ ފައިސާތަކެއް ދިނަސް އެދެއްވާ ފައިސާއާއި މާލޭ ސަރަހައްދަށް މައި ސަރުކާރުން ކުރާ ޚަރަދާ ނުބައްދަލުނަމަ މާލެ ތޮއްޖެހުމާއި، އަތޮޅުތައް ފަގީރުވުމާއި އަތޮޅުތައް ފަޅުވުމަށް ފާއިތުވި އަހަރުތަކުގެ ބަޖެޓު ތަކުން ކޮށަމުން އައި މަގު ބަންދު ކުރެވޭނެތޯއެވެ؟ ކުރިއަތް އޮތްތާނގައި ބަންދުވާކަމަށް (ނުވާ ކަމަށް) ހެކިދޭނީ މާލެއަށް އަތޮޅުތަކުން ހިޖުރަކުރާ މީހުންގެ ނިސްބަތެވެ. ވޭތުވެ ދިޔަ އަހަރުގައި މިއަދަދަށް ރަށާ އަތޮޅުން އެދެވޭ ބަދަލެއް އައިތޯއެވެ؟
މިހާރަށް ބަލާއިރު ހުށަހަޅާލެވިފައިވާ މަޢުލޫމާތުގެ އަލީގައި ބަޖެޓް ހުރީ ކޮން މިސްރާބަަކަށްތޯއެވެ؟ މާލެއަށް ހިޖުރަކުރުން ކުޑަކުުރުމަށް ތޯއެވެ؟ ނުވަތަ ފަގީރު އަތޮޅުތަކުން ފަގީރުކަން ކުޑަކުރުމަށް ތޯއެވެ؟ އަތޮޅުތަކުގައި ވަޒީފާއާ އިގްތިސާދީ މަސައްކަތް އިތުރުކުރުމަށްތޯއެވެ؟ ނަންބަރުތައް އެކަމަށް ހެކިދޭތޯއެވެ؟ މައުލޫމާތަށް ބައްލަވާ ގޮތެއް ނިންމަވާނީ ތިޔަބޭފުޅުންނެވެ. އަދި އެނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް ހެޔޮ މިސްރާބަކަށް ބަޖެޓް އެޅުވުމަށް މަސައްކަތް ކުރައްވާނީވެސް ހަމަ ތިބެފުޅުންނެވެ.
މައުލޫމަތު: ބަޖެޓް 2020 ، ސްޓިޓިސްޓިކަލް އިއަރ ބުކް 2019 ، ގޭބިސީ އާމްދަނީއާ ޚަރަދުގެ ސާރވޭ 2016
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!