ސާކަސްޕޮރާ ލީފް ސްޕޮޓަކީ ފަންގަސްއެއްގެ ސަބަބުން ފަތުގައާއި ގޮފިތަކުގައި އަދި ގަހުގައި އަޅާ ތަކެތީގަައި ލައްޖަހާ ބައްޔެކެވެ.

މި ފަންގަސްގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިރުސް ގަހަށް މިބަލި ޖެހިފައި ހުއްޓާ ރާއްޖެއިން ވަރަށް ގިނައިން ފެނެއެވެ.

Ad
rt

މިއީ ވަށްކޮށް ހުންނަ މުށި ކުލައިގެ ލައްތަކެކެވެ. ލައްޖެހުމުގެ ކުރިން ފަތުގެ މައި ނާރު މަތިން އުފުލިލާފައި ހުރެއެވެ. އަދި ހަމައެގޮތަށް ލައް ޖަހަން އުޅޭ ދިމާވެސް އުފުލިފައި ހުރެއެވެ.

ލަކުގެ ވަށައިގެން ރީނދޫ ކުލައިގެ ބުރެއް ހުރެއެވެ. އަދި ބައެއް ފަހަރު ލަކުގެ ވަށައިގެން ހުދު ކުލައިގެ ތިއްކެއް ހުރެއެވެ. ނުވަތަ ތިކީގެ ބަދަލުގައި ލޯވަޅެއް ހުރެއެވެ.

މި ބަލި މާބޮޑަށް ގަހަށް ޖެހުމުން ގަހުން ގިނައިން ފަތް ފައިބާނެއެވެ. އަދި އަޅާތަކެތީގެ ސިފަގެއްލުމާއި ތަކެތި ކުދިވުމުގެ މައްސަލަކުރިމަތި ވެއެވެ.

މި ފަންގަސް އަކީ ވެށީގައި (ފަސްގަނޑުގައާއި، ފީވަމުން އަންނަ ލަކުޑީގައި އަދި ވިނަައިގައި) އުޅޭ، ތެތްކަން ބޮޑުވުމުން އޭގެ އޮށްތަކުން ހެދިގަންނަ ފަންގަސް އެކެވެ. ސައިޒުން ކުޑަވުމުން ލޮލަށް ނުފެންނަ މިފަންގަސް ފަތްތަކަށް ވަންނަނީ ހަމަ އެގޮތަށް ލޮލަށް ފެންނަ ވަރަށް ވުރެ މާ ކުޑަ، ގަހަށް ކާބަންޑައިއޮކްސައިޑް ނަގައި އޮކްސިޖަން ބޭރުކުރުމަށް ފަތުގައި ހުންނަ 'ސްޓޮމެޓާ' އޭ ކިޔާ ލޯވަޅުތަކުންނެވެ. ބަލިޖެހިފައި ހުންނަ ފަތާއި ގަހުގެ އެހެން ބައިތަކުގައި ހުންނަ މި ފަންގަސްއިން ވެސް ބަލި ފަތުރައެވެ.

މި ބަލިން ދުރުވުމަށް ގްރީންހައުސްގައި ގަސް ހެއްދުމާއި، ގަހުގެ ބުޑަށް އެކަނި ފެންދިނުމާއި ވިއްސާރަވެ އަލިވެލުމުން ގަހުން ފެންތައް ފޮޅައިލުމަށް ގަސް ތަޅުވައިލުމާއި، ދަނޑުބިން ސާފުކޮށް ބޭއްވުން ފަދަ ކަންކަން ކުރެވިދާނެއެވެ. އަދި މުޑުވަށް ފަންގިސައިޑަކުން ތެއްމައިލުމާއި، ބަލި ޖެހޭ ފަތްތައް ގަހުން ވަކިކޮށް ލޮނުފެނަށް ލުމާއި ބަލި ޖެހިފައި ހުންނަ ގަސްތައް ކައިރީގައި އުޅެފައި ބަލި ނުޖެހި ހުންނަ ގަސްތައް ކައިރިއަށް ދާއިރު އަތާއި ފައި ދޮވެ ހެދުން ބަދަލުކުރުންފަދަ ބަލި ފެތުރުން ހުއްޓުވުމުގެ ހުރިހާ އާދަތަކެއްގައި ހިފަންޖެހެއެވެ.

ފޮޓޯތަކުން އެފެންނަނީ ބަލީގެ އަސަރު ބޮޑަށް ޖެހި ހަލާކުވަމުންދާ މިރުސް ގަސްތަކެކެވެ.

ބަލި ރަނގަޅުކުރުމަށް ފަރުވާއެއްގެ ގޮތުގައި ފަންގިސައިޑެއް ބޭނުންކުރެވިދާނެ އެވެ. މިސާލަކަށް ޑައިތޭން، ޕްރޮފިނެބް ނުވަތަ ކޮޕާއޮކްސިކްލޮރައިޑް (ކޯބޮސް) ސްޕްރޭކުރެވިދާނެއެވެ.

5 ލިޓަރު ފެނަށް ގުރާމެއްގެ ނިސްބަތުން ހަފުތާއަކު 1 ދުވަހު 2 ހަފުތާ ނުވަތަ 3 ހަފުތާ ސްޕްރޭކުރެވިދާނެއެވެ. ފަންގިސައިޑް ޖަހާފައި ތަކެތި ބިނދެގެން ބޭނުންކުރުން އެންމެ ރަނގަޅީ 10 ދުވަހާއި 14 ދުވަހުގެ މުއްދަތަކަށް ފަހުގައެވެ.

ރިފަރެންސް

ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.

ހުބާ ޕްލާންޓްސް ފޭސްބުކް

ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް