ޕެނަލްޓީގައި ޖަޕާން ބަލިކޮށް ކްރޮއޭޝިއާ ކުއާޓާއަށް

E0B1A506-AF31-4128-8E47-D62C39F76CFC

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ކްރޮއޭޝިއާއާއި ޖަޕާން ބައްދަލުކުރި މެޗު ޕެނަލްޓީގައި ޖަޕާން ބަލިކޮށް ކްރޮއޭޝިއާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިރޭ ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެހާފް ކުޅެ ނިމުނު އިރު ވެސް ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ވުމާއެކު މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ މޮޅުވީ 3-1 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހަން ފުރުޞަތު ލިބިގެން ގޮސްފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ޖަޕާނުންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމުމަކާއި ގާތްވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ މައޭޑާއެވެ. މިއީ ރިޓްސޫ ޑޯން ނަގައިދިން ހުރަހެއް އޭރިއާ ތެރޭގައި ހުރި މަޔާ ޔޮޝިންޑާއަށް ލިބުނު ވަގުތު އޭނާ ދިން ޕާހަކުން މައެޑާ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ކްރޮއޭޝިއާގެ ފަރާތުން އެޓޭކިން ކުޅުމެއް ފެނުނުއިރު، ނަތީޖާއެއްގެ ގޮތުން މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓްތެރޭ އެ ޓީމުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ލަވްރެން ނަގައިދިން ހުރަހަކުން އިވާން ޕެރިސިޗެވެ.

މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުމުން އިތުރު ވަގުތުގެ ދެހާފް ކުޅެން ޖެހުނުއިރު، މިއީ މި މުބާރާތުގައި އެކްސްޓާ ޓައިމްކުޅެ ޕެނަލްޓީއަށް ދިޔަ ފުރަތަމަ މެޗެވެ.

މެޗު އެއްވަރު ވެގެން ނިމުމާއިއެކު ނަތީޖާ ނެރެން ޖެހި ޕެނަލްޓީގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ޖަޕާނުންނެވެ. ޖަޕާނުގެ ފޯވާޑް މިނަމީނޯ ފޮނުވާލި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް ވަނީ ދިފާއުކޮށްފައެވެ. ކްރޮއޭޝިއާގެ ފުރަތަމަ ޕެނަލްޓީ ވްލަސިޗް ފޮނުވާލިއިރު އެ ޕެނަލްޓީ ވަނީ ކާމިޔާބު ވެފައެވެ. ޖަޕާނުގެ ދެވަނ ޕެނަލްޓީ ވެސް ލިވާކޮވިޗް ވަނީ މަތަކޮށްފައެވެ. ކްރޮއޭޝިއާގެ ދެވަނަ ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މި ޕެނަލްޓީ ފޮނުވާލާފައި ވަނީ ބްރޮޒޮވިޗެވެ. ޖަޕާނުގެ ތިން ވަނަ ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ ޓަކޫމާ އަސާނޯއެވެ. ކްރޮއޭޝިއާގެ ތިން ވަނަ ޕެނަލްޓީ ދިފާއުކުރިއިރު ޖަޕާނުގެ މަޔާ ޔޮޝިންޑާ ފޮނުވާލި އެޓީމުގެ ހަތަރުވަނަ ޕެނަލްޓީ ވަނީ ދިފާއުކޮށްފައެވެ. ކްރޮއޭޝިއާއަށް ހަތަރު ވަނަ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމު މޮޅުކޮށްދިނީ މާރިއޯ ޕަސަލިޗެވެ.

ކްރޭޝިއާ ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ، މުބާރާތުގެ ދެވަނަ ބުރުގައި މިރޭ 00:00 ގައި ދެކުނު ކޮރެއާއާއި ބްރެޒިލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *