ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާއާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ.

މިރޭ ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ވެސް ފެނިގެންދިޔައީ ލިބޭ ބޯޅަ ހިފަހައްޓައިގެން ގޭމް ޑޮމިނޭޓް ކުރަން މަސައްކަތް ކުރި ތަނެވެ. މިގޮތުން ފުރަތަމަ ހާފުގެ ބޮޑުބައި ކުޅެވުނު އިރު ވެސް ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ލަނޑުޖަހާނެ މާ އެކަށޭނަ ފުރުޞަތެއް ފަހި ކުރެވިފައި ނުވެއެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު 35 ވަނަ މިނެޓުގައި އޮޓަމެންޑީ ދިން ޕާހަކުން ތަނަވަސްވީ ފުރުޞަތެއްގައި ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ މެސީއެވެ. މިރޭގެ މެޗަކީ މެސީގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއާގައި ކުޅުނު 1000 ވަނަ މެޗެވެ.

ރަނގަޅު ފޯމެއްގައި އޮތް އާޖެންޓީނާއިން މެޗުގައި ލީޑު ފުޅާކޮށްފައި ވަނީ 57 ވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އޮސްޓްރޭލިއާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މުޅި މެޗުގައި ވެސް ބުރަކޮށް މަސައްކަތްކުރި އޮސްޓްރޭލިއާއަށް މެޗުގައި އުންމީދެއް ލިބިގެން ދިޔައީ 77 ވަނަ މިނެޓުގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑުންނެވެ. މި ލަނޑަކީ އޮސްޓްރޭލިއާގެ ގޫޑްވިން ފޮނުވާލި ބާރު ހަމަލާއެއް ބްލޮކް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ފެނާންޑޭޒްގެ ގައިގައި ޖެހިފައި ބޯޅައިގެ މިސްރާބް ބަދަލުވެގެނެ ގޮސް ވަދެފައިވާ ލަނޑެކެވެ.

މެޗުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އާޖެންޓީނާގެ ފޯވާޑް މާޓިނޭޒްއަށް ވަނީ މެޗުގެ ފަހު ވަގުތުގައި ލީޑު ފުޅާކުރާނެ ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗިގެ އިތުރު ވަގުތުގެ ހަތް މިނެޓްގެ ފަހު ވަގުތު ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުޞަތެއް އޮސްޓްރޭލިއާއަށް ވަނީ ލިބިގެން ގޮސްފައެވެ. އާޖެންޓީނާގެ އޭރިއާތެރެއިން އޮސްޓްރޭލިއާގެ ކޯލްއަށް ހުސްކޮށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ކުއާޓާ ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ މިރޭ އެމެރިކާ ބަލިކޮށް ކުއާޓާގެ ޖާގަ ކަށަވަރުކުރި ނެދަލެންޑްސްއާއެވެ.