ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބްރެޒިލާއި ކެމަރޫން ބައްދަލުކުރި މެޗު ކެމަރޫނުން ކާމިޔާބު ކުރި ނަމަވެސް، ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ބްރެޒިލް އަދި ދެވަނަ ޓީމްގެ ގޮތުގައި ސްވިޒަލޭންޑް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކެމަރޫނުން ބްރެޒިލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގައި ސްވިޒަލޭންޑާއި ސާބިއާ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސްވިޒަލޭންޑެވެ.

Ad
rt

ރޭގެ މެޗަށް ނުކުތްއިރު ވެސް ބްރެޒިލް އޮތީ ފުރަތަމަ ދެ މެޗް ކާމިޔާބު ކުރުމުން ދެ ވަނަ ބުރުގެ ޖާގަ ޔަގީންވެފައެވެ. ވުމާއެކު ބްރެޒިލުން ރޭގެ މެޗަށް ނުކުމެފައި ވަނީ ފުރަތަމަ އެގާރައަށް މުޅިންހެން ބަދަލު ގެނެސްގެންނެވެ.

މި ގްރޫޕްގެ އެއްވަނަ ބްރެޒިލަށް ލިބެނީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި އެކުގައެވެ. ދެވަނަ ހޯދި ސްވިޒަލޭންޑަށް ވެސް ތިން މެޗުން ހަ ޕޮއިންޓް ވަނީ ލިބިފައެވެ. ނަމަވެސް ބްރެޒިލަށް އެއްވަނަ ލިބެނީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ. މި ގްރޫޕްގެ ތިންވަނަ ލިބުނީ ރޭ ބްރެޒިލް ބަލިކުރި ކެމަރޫނަށެވެ. ފުލުގައި އޮތީ ސާބިއާއެވެ.

ރޭގެ މެޗުގައި ބްރެޒިލުން މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ނަމަވެސް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެމަރޫންގެ ކީޕަރު ޑޭވިސް އެޕަސީ ވަނީ ހުޝިޔާރު ކަމާއިއެކު ބްރެޒިލްގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ކާމިޔާބު ކޮށްދީފައި ވަނީ ކެމަރޫންގެ ކެޕްޓަން ވިސެންޓް އަބޫބަކަރްއެވެ. އޭނާ މި ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރުމުގެ ގޮތުން ޖޯޒީ ބޭލުމުން ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދައްކާފައެވެ.

ސާބިއާއާއި ސްވިޒަލޭންޑް ކުޅުނު މެޗުގައި ދެ ޓީމްގެ ފަރާތުން ފެނިފައި ވަނީ ފޯރިގަދަ ވާދަވެރި ކުޅުމެކެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ސްވިޒަލޭންޑުންނެވެ. މި ލަނޑު 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޝަކީރީއެވެ. އޭގެ ހަ މިނެޓް ފަހުން ސާބިއާގެ މިޓްރޮވިޗް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެއަށްފަހު މެޗުގެ 35 ވަނަ މިނެޓުގައި ސާބިއާގެ ޑޫސަން ވަލްހޮވިޗް ވަނީ ލަނޑުޖަހައި ސާބިއާއަށް ލީޑު ހޯދައި ދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޒަލޭންޑްގެ ބްރީލް އެމްބޯލޯ ވަނީ ސްވިޒަލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުން ސްވިޒަލޭންޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ރުބެން ވާގަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރެމޯ ފްރޫލާއެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން މިރޭ ފަށާއިރު، މިރޭ ރާއްޖެ ގަޑިން 20:00 ގައި ނެދަލެންޑްސް ނުކުންނާނީ އެމެރިކާއާއި ދެކޮޅަށެވެ. މިރޭ 00:00 ގައި އާޖެންޓީނާ ނުކުންނާނީ އޮސްޓްރޭލިއާއާއި ދެކޮޅަށެވެ.