ސައުދީ އަރަބިއްޔާ އަށް ފުރި، ރާއްޖޭގެ ގައުމީ ވޮލީ ޓީމާއެކު ދިޔަ އެއް އަހަރު ނުވާ ކުޑަކުދިންގެ ހުރިހައި ހަރަދެއް ބަލަހައްޓާނީ ސައުދީ ސްޕޯޓްސް މިނިސްޓްރީން ކަމަށް ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން އެ ޓީމާއެކު ދިޔަ ތުއްތު ކުދިންގެ ހަރަދުތައް ބަލަހައްޓަނީ ކޮން ފަރާތަކުންކަން ނޭނގޭތީ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން "ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
މަހްލޫފު ވިދާޅުވީ އެ ޓީމުގެ މި ދަތުރަކީ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށާއި މިނިސްޓްރީން ދޭނީ ޓިކެޓު ކަމަށެވެ. އެހެން ހުރިހައި ހަރަދެއް ބަލަހައްޓާނީ ސައުދީ ސްޕޯޓްސް މިނިސްޓްރީން ކަމަށެވެ.
"މިއީ ސެންޓްރަލް ޒޯން މުބާރާތަަށް ތައްޔާރުވުމަށް ކުރާ ދަތުރެއް. މި ދަތުރުތައް ރޭވުމަށް އަޅުގަނޑުމެން ވާހަކަ ދެއްކިން ސައުދީ އާ ބަހްރެއިން އާ. އެކަމަކު މިހާތަނަށް ސައުދީން އެކަމަށް އިޖާބަދިނީ. އެހެންވެ ސައުދީ އަށް ފޮނުވީ." މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ ޓީމުގެ އެކޮމޮޑޭޝަނާއި އެތެރޭގެ ދަތުރުފަތުރުތަކާއި ކެއުންބުއިން ހަމަޖައްސާދެނީ ސައުދީން ކަމަށެވެ. އަދި އުމްރާ ކުރުމުގެ ފުރުސަތު ވެސް ޓީމުގެ ފަރާތްތަކަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"އަންހެން ޕްލޭޔަރާ، ކުޑަ ދަރިފުޅާ މާމަ ތިބޭނީ އެއް ކޮޓަރީގަ. ޕްލޭޔަރ ޕްރެކްޓިސް އަށް ދިޔައިމަ ކުޑަދަރިފުޅު ބަލާނީ މާމަ. އެ އެންމެންގެ ހުރިހައި ކަމެއް އެ ކުރަނީ ސައުދީން. ދެން އޭގަ މައްސަލައެއް ނެތެއް ނޫންތޯ." މަހްލޫފް ވިދާޅުވި އެވެ.
އެ ދަތުރުގައި މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މަހްލޫފް ވިދާޅުވީ ކޮންމެތަނެއްގައިވެސް ކަމެއް ރަނގަޅަށް ކުރީމަ އެކަމަށް ފާޑުކިޔާނެ މީހުން ތިބޭނެ ކަމަށާއި އެފަދަ ކަންކަމަކީ މާބޮޑަށް ވިސްނަވާ ކަންކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ޓްރެއިނިންގ ކޭމްޕަކަށް ސައުދީ އަރަބިއްޔާ އަށް ފުރީ މި މަހުގެ 25 ވަނަ ދުވަހު އެވެ. މި ޓީމު އެ ގައުމަށް ޓްރެއިނިންގ އަށް ފުރީ އެ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންގެ ތުއްތު ކުދިންނާ ވެސް އެކުގަ އެވެ.
މީގެ ކުރިން މިފަދަ ޓީމުތައް ދާއިރު، ހަމައެކަނި ކުޅުންތެރިންނާއި އޮފިޝަލުންނަށް ދެވުނު ނަމަވެސް، މިއީ ތުއްތު ކުދިން ގޮވައިގެން ދާ ފުރަތަމަ ފަހަރެވެ.
މަހްލޫފް ކުރިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިން މީގެ ފަހުން ވިހެއުމަށް ފަހު ކުޅުން ހުއްޓާލާ، ކުޅިވަރު ކުޅުމާ ދުރަށް ދާން ވިސްނާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެއް އަހަރު ނުވާ ދަރިފުޅު ގޮވައިގެން ބޭރު ގައުމުތަކުގައި ބާއްވާ މުބާރާތްތަކަށާއި ތަމްރީނު ކޭމްޕްތަކަށް ކުޅުންތެރިން ފޮނުވޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ މީގެ ފަސް އަހަރު ހަ އަހަރު ފަހުން މިއަދު މިކުރާ މަސައްކަތުގެ ނަތީޖާ ފުޓުބޯޅައިން އަދި އެހެން ކުޅިވަރުތަކުން ވެސް ފެނިގެންދާނެ ކަމަށް." މަހްލޫފް ވިދާޅުވި އެވެ.
ގައުމީ އަންހެން ވޮލީ ޓީމާއި ފިރިހެން ވޮލީ ޓީމް ސައޫދީ އަށް ޓްރެއިނިންގ ކޭމްޕަކަށް ފުރާފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 18 ގައި ރާއްޖޭގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!