މިއަހަރުގެ ވޯލްޑް ކަޕް ގަތަރުގައި މިހާރު ފަށާފައިވާއިރު މިއީ އަރަބި ގައުމެއްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތް ނިމުމާއެކު ދެން ތައްޔާރުވާނީ ކުރިއަށް އޮތް ވޯލްޑް ކަޕަށެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ ތިން ގައުމެއްގައެވެ. މިއީ ތިން ގައުމެއްގައި ވޯލްޑްކަޕް ބާއްވާނެ ފުރަތަމަ ފަހަރެވެ. އެ ގައުމުތަކަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ.
އެމެރިކާގައި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ސިއެޓަލް، ސެންފްރެންސިސްކޯ، ލޮސްއެންޖެލަސް، ކެންސަސް ސިޓީ، ޑާލަސް، އެޓްލާންޓާ، ހިޔުސްޓަން، ބޮސްޓަން، ފިލިޑެލްފިއާ، މަޔާމީ އަދި ނިއުޔޯކް/ނިއުޖާޒީގައެވެ. މެކްސިކޯގައި މެޗުތައް ކުރިއަށްދާނީ މެކްސިކޯ ސިޓީ އާއި ގޯޑަލްޖަރާ އަދި މޮންޓެރޭގައެވެ.
ކެނެޑާގައި މެޗުތައް ބާއްވާނީ ޓޮރޮންޓޯ އަދި ވެންކޫވާގައެވެ.
މެކްސިކޯއިން ވަނީ މީގެ ކުރިންވެސް ދެ ފަހަރަކު ވޯލްޑްކަޕް ބާއްވާފައެވެ. އެއީ 1970 އާއި 1986ގައެވެ. އެ ގައުމު ވާނީ މި މުބާރާތް ތިން ފަހަރު ބާއްވާ ގައުމަށެވެ.
އެމެރިކާގައި ވޯލްޑްކަޕް ބޭއްވީ 1994 ގައި އެކަންޏެވެ. 2026 ވާނީ ކެނެޑާގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރަށެވެ. ނަމަވެސް އަންހެނުންގެ ވޯލްޑްކަޕް 2015 ވަނަ އަހަރު ބޭއްވީ އެ ގައުމުގައެވެ.
ފީފާ ވޯލްޑް ކަޕް 2026 ގައި ބާއްވާ ނަމަވެސް ބާއްވާ ސީދާ ތާރީހެއް އަދި ފީފާއިން ހާމައެއް ނުކުރެއެވެ. ނަމަވެސް ލަފާ ކުރާ ގޮތުގައި އޮންނާނީ ޖޫން ޖުލައިގައެވެ. މިއަހަރު ނޮވެމްބަރު ޑިސެމްބަރު މަހުގައި ބާއްވަނީ ގަތަރުގައި ޖޫން ޖުލައި ހޫނު މޫސުމާ ދިމާވާތީއެވެ. އާއްމުކޮށް ވޯލްޑްކަޕް ކުރިއަށްދަނީ ޖޫން ޖުލައިގައެވެ.
މިއަހަރު ވޯލްޑްކަޕްގައި 32 ގައުމު ކުޅޭއިރު 2026ގެ ވޯލްޑްކަޕްގައި 48 ޓީމު ކުޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!