ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަން ދުވަސް ފާހަގަ ކުރުމަށް އިންޑިއާގެ ޒުވާން ލަވަ ކިޔުންތެރިޔާ ފާއިޒު ރާއްޖެއަށް އަންނަގޮތަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ ސޮނީ ޓީވީ އިން ގެނެސްދޭ ރިއާލިޓީ ޝޯވ، ސްޕަރ ސްޓާރ ސިންގަރ ސީޒަން 2 ގެ އެއްވަނަ ހޯދި ފާއިޒު ވަނީ ސޯޝަލް މީޑިއާ ގައި އެކަން ހާމަކޮށްފަ އެވެ.
ފާއިޒު ބުނެފައިވަނީ މި ފުރުސަތު ދިން ކަމަށްޓަކައި އުއްޗުއަށް ޝުކުރުއަދާކުރާ ކަމަށާއި މިހުރީ ރާއްޖެއަށް ދިއުމަށް ކެތްމަދުވެފައި ކަމަށެވެ.
އޭނާ އިތުރަށް ބުނީ މި ޝޯވ ދޭނީ ޑިސެމްބަރ 26 ގައި ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކަމަށެވެ.
އުމުރުން 14 އަހަރުގައި "ސްޕަރ ސްޓާރ ސިންގަރ ސީޒަން 2" ކާމިޔާބު ކުރި ފާއިޒަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.
ސްޕަރ ސްޓާރ ސިންގަރ ގެ ޖަޖިންގ ޕެނަލްގައި ހިމެނޭ، ހިމޭޝް ރޭޝަމިޔާ އާއެކު ވެސް ފާއިޒު މިހާރުވަނީ މަސައްކަތްކޮށް އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ރެކޯޑް ކޮށްފަ އެވެ. އަދި ޑައިރެކްޓަރު އިމްތިޔާޒް އަލީ ވަނީ އެ ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު ވެސް ފާއިޒަށް ދީފަ އެވެ.
މީގެ އިތުރުން އެކްޓަރު، ޕްރޮޑިއުސަރު ސަތީޝް ކޯޝިކްގެ ފިލްމު ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު ވެސް ފާއިޒަށް ދީ، އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ.
ރާއްޖެއަށް އަންނަ އިންޑިއާގެ ތަރިންނާ ބައްދަލުކޮށް، ގާތްގުޅެމެއް ބާއްވަމުން އަންނަ އުއްޗު ވަނީ އިންޑިއާގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއާ ބައްދަލުކޮށް ހިންދީ ބަހުން ވާހަަަކަ ވެސް ދައްކާފަ އެވެ.
މީގެ އިތުރުން ބައިސްކޯފުން ބޭއްވި ޗަނާޗާ ޝޯވ ގައި ބައިވެރިވުމަށް ރާއްޖެ އައި، ސްރީލަންކާގެ ކުޅަދާނަ ޒުވާން ލަވަ ކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ޑި ސިލްވާއާ ވެސް ވަނީ ބައްދަލުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!