ތަފާތު ބޮޑުކޮށް ކޮސްޓަރިކާ ބަލިކޮށް ސްޕެއިނުން ފެންވަރު ދައްކާލައިފި

6CEC9629-AAE0-4761-A51C-591C2827FC2F

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ސްޕެއިނާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ސްޕެއިނުން އެ ޓީމްގެ ފެންވަރު ދައްކާލައިފިއެވެ.

މިރޭ ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

ވޯލްޑް ކަޕްގައި ފާއިތުވި ދެ މުބާރާތުގައި ވެސް އެއްވެސް ޓީމަކަށް އެއް މެޗެއްގައި ހަތް ލަނޑު ޖެހިފައި ނުވެއެވެ. އެންމެ ފަހުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި ހަތްލަނޑު ޖަހާފައި ވަނީ 2010 ވަނަ އަހަރުގެ މުބާރާތުގައި ޕޯޗުގަލުންނެވެ. އެފަހަރު ޕޯޗުގަލްއާއި އެއް ގުރޫޕެއްގައި އޮތް އުތުރު ކޮރެއާ ކޮޅަށް އެ ޓީމުން ވަނީ ހަތް ލަނޑު ޖަހާފައެވެ.

މި އަހަރުގެ މުބާރާތަށް ސްޕެއިނުން އެކުލަވާލި ޓީމުގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމެނުނު ނަމަވެސް އެ ޓީމަކީ ވެސް މި އަހަރުގެ މުބާރާތުގެ ފޭވަރިޓެކެވެ. އެކަން އެ ޓީމުނ މިރޭ ވަނީ ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފައެވެ. މިރޭގެ މުޅި މެޗު ސްޕެއިނުން ޑޮމިނޭޓް ކުރިއިރު ކޮސްޓަރިކާއަށް މެޗުގައި ސްޕެއިންގެ ގޯލަށް އެންމެ ފަހަރަކު ވެސް ނުރައްކާ ކުރެވިފައި ނުވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ސްޕެއިނަށް ޖަހައި ދީފައި ވަނީ ޑެނީ އޯލްމޯއެވެ. މެޗުގެ ދެވަނަ ލަނޑު 21 ވަނަ މިނެޓުގައި ޑޭވިޑް އަލާބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މާކޯ އެސެންސިއޯއެވެ. ސްޕެއިންގެ ތިންވަނަ ލަނޑަކީ 29 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފެރާން ޓޯރެސް ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. ސްޕެއިނުން ފުރަތަމަ ހާފް ނިންމާލީ ތިން ލަނޑުން ކުރީގައި އޮވެގެންނެވެ.

ސްޕެއިންގެ ހަތަރުވަނަ ލަނޑު 54 ވަނަ މިނެޓުގައި ފެރާން ޓޯރޭސް ކާމިޔާބު ކޮށްދީފައިވާއިރު، ފަސްވަނަ ލަނޑު މޮރާޓާ ކޮސްޓަރިކާގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ އުމުރުން 18 އަހަރުގެ ސްޕެއިންގެ މިޑްފީލްޑަރ ގަވީއެވެ. މި ލަނޑާއިއެކު ގަވީ ވެފައި ވަނީ ސްޕެއިން ޓީމަށް ވޯލްޑް ކަޕުގައި ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ވޯލްޑް ކަޕްގައި އެންމެ ހަގު އުމުރުގައި ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑް އޮނަނީ 1958 ވަނަ އަހަރު ވޯލްޑް ކަޕުގައި އުމުރުން 17 އަހަރުގައި ލަނޑު ޖެހި ބްރެޒިލްގެ ލެޖެންޑް ޕެލޭގެ އަތުގައެވެ.

ސްޕެއިންގެ ހަވަނަ ލަނޑު 90 ވަނަ މިނެޓުގައި ކާލޮސް ސޮލެއާ ކާމިޔާބު ކޮށްދީފައިވާއިރު، ހަތްވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދީފައި ވަނީ މޮރާޓާއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *