މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ގއ. ނިލަންދޫ، ލިލީމާގޭ، އަޝްރަފް ޢަލީ މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަޝްރަފް އެ މަޤާމަށް އައްޔަނު ކުރެއްވިކަން ރައީސް އޮފީހުން ހާމަކުރެއްވީ މިއަދުއެވެ.
އަޝްރަފަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗަރ ހާޞިލްކުރައްވާފައިވާ، ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްތެރި ބޭފުޅެކެވެ.
މި މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފް އެންމެފަހުން ހުންނެވީ، ރާއްޖޭގެ އަމިއްލަ ކޮލެޖެއްކަމަށްވާ، އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗަރގެ ޑީންގެ މަޤާމުގައެވެ.
މީގެ އިތުރުން އޭނާ ވަނީ އަލިމަސް އެކަޑެމީގެ ރައީސްގެ މަޤާމާއި، ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަޤާމު ފަދަ މަޤާމުތައް ފުރުއްވާފައެވެ.
އަޝްރަފަށް ވަނީ 2019 ވަނަ އަހަރުގެ ސާކް ލިޓްރަރީ އެވޯޑް ލިބިވަޑައިގަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!