އިދިކޮޅުން ހީކުރީ ސަރުކާރު ގެއަށް ވަންނާނެ ކަމަށް، އެއަށް ވުރެ ރައީސް ޞާލިޙްގެ ހިތްވަރު މާ ގަދަ: ވަހީދު

Abdulla Waheed

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހީކުރީ ކޯވިޑާއި، ޔުކްރޭން ހަނގުރާމައާއި ގުޅިގެން މި ސަރުކާރު ގެއަށް ވަންނާނެ ކަމަށާއި، އެއަށް ވުރެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ހިތްވަރު މާ ގަދަކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

ވައްޑޭ ވިދާޅުވީ، އެ ރިޕޯޓަށް ބައްލަވާލެއްވުމުން ބަޖެޓާއިގުޅޭގޮތުން މެންބަރުން ހުށަހެޅުއްވި ހުށަހެޅުންތަކަށާއި، ކަމާބެހޭ ފަރާތްތަކުގެ ރިކޮމެންޑޭޝަންތަކަށް ރިއާޔަތްކޮށްގެން ބަޖެޓް ކޮމެޓީން އެ މަސައްކަތް ކުރައްވާފައިވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

''ވާދަވެރި ޕާޓީތަކުގެ ވިސްނުމަކަށް ވެގެން ދިޔައީ މި ސަރުކާރު މިހާހިސާބަށް ހުށަހެޅި ހުރިހާ ބަޖެޓެއްގައި ވެސް އެބޭފުޅުން ފާހަގަކުރަމުން ދިޔައީ ވަރަށް ބޮޑަށް އެބޭފުޅުން އެދުނު ގޮތަށް މި ބަޖެޓްގެ ކަންތައް ވެގެން ދާނެކަމަށް، އިރާދަކުރެއްވައިގެން އެ މަގަށް އެކަން ނުހިނގާ މިއަދު އަލުން 2023 ވަނަ އަހަރުގެ ބަޖެޓް ވެސް މިއައީ'' ވައްޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިދިކޮޅުން ކަންބޮޑުވާ އެންމެ ބޮޑު މައްސަލައަކަށް ވެގެން ދަނީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަމަށް ކުރާ ހޭދަ އިތުރުވެގެން ދިޔުން ކަމަށެވެ.

''މި ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި 5 ބިލިއަން ރުފިޔާ އެބަ ޚަރަދުކުރޭ، އިޖުތިމާއީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި 3.9 ބިލިއަން ރުފިޔާ އެބަ ހޭދަކުރޭ، ތައުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައު 4 ބިލިއަން ރުފިޔާ އެބަ ހޭދަކުރޭ، ގެދޮރުވެރިކަމުގެ ދާއިރާއަށް 2.8 ބިލިއަން ރުފިޔާ ޚަރަދު ކުރޭ، ތިމާވެށީގެ ދާއިރާއަށް 2 ބިލިއަން ޚަރަދުކުރޭ، އިގްތިސޯދީ ކުރިއެރުމަށް 10 ބިލިއަން ރުފިޔާ ޚަރަދުކުރޭ'' ވައްޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވާދަވެރި ސިޔާސީ ޕާޓީއެއްގެ ޒިންމާއަކަށް ވެގެން ދާންޖެހޭނީ ރަނގަޅު ސިޔާސަތު ތަކެއް އަދި ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ހުށަހެޅުންތަކެއް ހުށަހެޅުން ކަމަށެވެ. ނަމަވެސް އެފަދަ ހުށަހެޅުމެއް ހުށައެއް ނޭޅުނުކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑުމެންނަށް ޤަބޫލު ކުރެވިގެން ދިޔައީ، އެ ބޭފުޅުންނަށް ޤަބޫލު ކުރެވުނީ ކޯވިޑާއި، ޔޫކްރެކް ހަނގުރާމައާއިއެކުގައި މި ސަރުކާރު ގެއަށް ވަންނާނެކަމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެއަށްވުރެ ހިތްވަރުގަދަ،'' ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ، ރައީސް ޞާލިޙް ދައްކަވަމުން އެގެންދަވަނީ ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެއްވަންޖެހުނު ކޮންމެކަމެއްކޮށް، ރައްޔިތުން ރައްކާތެރިކަމާއެކުގައި އަދި މި ޤައުމު އަމާންކަމާއެކުގައި ގެންގޮސް ދެއްވާނެކަން ކަމަށެވެ. އަދި އެ ޔަގީންކަން ރައްޔިތުންނަށް ލިބިފައިވާކަމަށް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި