މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ވޯޑަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވިދާޅުވެއްޖެ އެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ އެމީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ވޯޑަށް ބަދަލުކުރާނެ ކަމަށެވެ.
މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިނގި މި އަލިފާނުގެ ހާދިސާއަކީ، ރާއްޖޭގައި މިހައިތަނަށް އެންމެގިނަ މީހުން ނިޔާވި ހާދިސާ އެވެ. އެ ހާދިސާގައި އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުން އަދި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެއް ވަނީ ނިޔާވެފަ އެވެ.
އެ ރޭ ދަންވަރު 12:30 ހާއިރު އެ ގޭގަައި އަލިފާން ރޯވިއިރު، އެ ތަނުގައި 26 މީހަކު ތިބިކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
މި ހާދިސާގައި ނިޔާވި އެންމެންގެ ހަށިތައް އެ ގައުމުތަކަށް މިހާރުވަނީ ފޮނުވާލާފަ އެވެ.
ނިރުފެހިގޭ ގަރާޖުގައި ހިނގި މި ހާދިސާ ފުލުހުން ތަހުގީގު ކުރައްވަމުން ގެންދަވާއިރު، އެ ހާދިސާ ހިނގި ސަރަހައްދު އަންނަނީ ސާފުކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އެ މަސައްކަތް ކުރަމުން އަންނަނިކޮށް މި މަހުގެ 15 ވަނަ ދުވަހު ވަނީ އެތަނުން އިންސާނެއްގެ ފައިތިލަ އެއް ފެނިފަ އެވެ.
އެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބިދޭސީ މަސައްކަތްތެރިންގެ ޖަމިއްޔާ އިން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާއިރު، އެންޑީއެމްއޭ އިން ވެސް ވަނީ 135،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފަ އެވެ. އަދި ހާލުގައި ޖެހުނު 33 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ވެސް ވަނީ ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!