ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ހއ.އަތޮޅުގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ، އެ ރަށެއްގެ މުވައްސަސާއެއް ނުވަތަ މުވައްސަސާތަކުން ތަމްސީލްކުރާ އެއް ޓީމަށެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު، މި މަހުގެ 22 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން އަތޮޅު ކައުންސިލްގެ ރަސްމީ އީމެއިލް ( info@halifatoll.gov.mv ) އަށް ނުވަތަ އެ އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.

ޓީމްގައި ހިމެނޭ ކުޅުންތެރިން ރަށު ކައުންސިލް އިދާރާއިން ވެރިފައި ކުރުމަށްފަހު، ކުޅުންތެރިންގެ ލިސްޓް މި މަހުގެ 27 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރަން ޖެހެއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގެ މުއައްސަސާތަކުގައި ޚިދުމަތް ދެއްވާ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި މުވައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައި ވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމެވެ. މީގެއިތުރުން އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލް ކުރިއެރުވުމާއި އެ އަތޮޅުގެ މުއައްސަސާތަކުގެ ފުޓްސަލްގެ ހުނަރުތައް ދައްކާލުމުގެ ފުރުޞަތު އެފަރާތްތަކަށް އިންތިޒާމީ ގޮތެއްގައި ތަނަވަސްކޮށް ދިނުމެވެ.

މި މުބާރާތް ޑިސެމްބަރ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އުތީމް ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޤަވައިދު: https://storage.googleapis.com/gazette.gov.mv/docs/iulaan/105467.pdf

ރެޖިސްޓްރޭޝަން ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/105468.pdf

ޓީމް ލިސްޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/105469.pdf