ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: މޮރޮކޯ

Capture

މޮރޮކޯ އަކީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕުގައި ވާދަކޮށްފައިވާ ޓީމެކެވެ. މޮރޮކޯ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1970 ވަނަ އަހަރުގައެވެ. އޭގެ ފަހުން 1986، 1994 އަދި 1998 އަދި 2018 ގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އެވެ. މޮރޮކޯއަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވުނީ 1986 ވަނަ އހަރުގެ ވޯލްޑް ކަޕުގައެވެ. އެފަހަރު މޮރޮކޯއިން ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި މޮރޮކޯއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ކޮލިފައިވީ ގޮތް

މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާ ކޮލިފައިން ބުރުގެ ގުރޫޕް އައިގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މޮރޮކޯ މި ގުރޫޕްގެ އެއްވަނަ ހޯޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެން 24 ޕޮއިންޓާއި އެކުގައެވެ.

މުހިންމު ކުޅުންތެރިން

ރޮމެއިން ސައިސް

ސައިސް އަކީ މޮރޮކޯ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ޑިފެންސިވް މިޑްފީލްޑަރެވެ. ޔޫރަޕުގެ ނަން މަޝްހޫރު ބައެއް ކުލަބުތަކަށް ކުޅެ ގިނަ ތަޖުރިބާތަކެއް ވެސް ލިބިފައިވާ ކުޅުންތެރިއެކެވެ. ފްރެންޗް ލީގުގެ ގިނަ ކުލަބުތަކަށް ފަހު އޭނާ އެންމެ ފަހުން ކުޅުނީ އިނގިރެސި ޕްރިމިއާ ލީގުގެ ވުލްވަހެމްޕްޓަން އަށެވެ. އެ ކުލަބުގައި ފަސް އަހަރު ހޭދަކުރުމަށް ފަހު މިހާރު ކުޅެމުން އަންނަނީ ތުރުކީގެ ބެސިކްޓަސް އަށެވެ.

ސައިސް މޮރޮކޯ ޓީމަށް ކުޅެން ފެށީ 2012 ވަނަ އަހަރުގައެވެ. އޭނާ ވަނީ 2018 ގެ ވޯލްޑް ކަޕުގައިވެސް މޮރޮކޯއަށް ކުޅެފައެވެ. މިހާތަނަށް މޮރޮކޯ ޓީމަށް 65 މެޗު ކުޅެދީ އެއް ގޯލު ޖަހާފައިވެއެވެ.

އަސްރަފް ހަކީމީ

އަސްރަފް ހަކީމީ އަކީ މިވަގުތު މޮރޮކޯ ޓީޯމުގެ ޑިފެންސްގެ މައި ތަނބެވެ. ފްރާންސްގެ ޕީއެސްޖީގެ ފުލް ތީމުގައި ހިމެނިގެން މޮލު ކުޅުމެއް ދައްކަމުން އަންނަ ހަކީމީ ވަނީ މީގެ ކުރިން ސްޕެއިންގެ ރެެއާލް މެޑްރިޑް އަދި އިޓަލީގެ އިންޓަ މިލާނަށް ވެސް ކުޅެފައެވެ. ހަކީމީ މޮރޮކޯ ޓީމަށް ކުޅެން ފެށީ 2016 ވަނަ އަހަރުގައެވެ. މިހާތަނަށް 53 މެޗު މޮރޮކޯ ޓީމަށް ކުޅެދީފައިވާއިރު، އޭނާ ވަނީ އަށް ގޯލުވެސް ޖަހައިފައެވެ.

ކޯޗު

ފްރާންސަށް އުފަން ކޯޗު ވަލީދް ރަގްރަގީ މޮރޮކޯގެ ގައުމީ ޓީމާ ހަވާލުވީ މި އަހަރުގެ އޮގަސްޓުމަހުގައެވެ. ވަލީދް މޮރޮކޯ ޓީމާއި ހަވާލުވި ފަހުން އޭނާގެ އިރުޝާދުގެ ދަށުން މޮރޮކޯ ޓީމު އަދި ކުޅެފައިވަނީ އެންމެ ދެމެޗެވެ. އެ ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވިިއުރު، އަނެއް މެޗުން ވީ އެއްވަރެވެ.

ވަލީދް ވަނީ މީގެ ކުރިން މޮރޮކޯ ލީގުގެ ބައެއް ކުލަބުތަކަށާއި ގަތަރުގެ ބައެއް ކުލަބަކަށް ވެސް ކޯޗު ކޮށްދީފައެވެ. ނެރެފައިވާ ނަތީޖާތައް ވެސް ރަނގަޅެވެ. ގަތަރުގެ އަލް ދުހައިލް އާއި އެކު 2020 ވަނަ އހަރު ގަތަރު ލީގު ކާމިޔާބުކޮށްދީފައިވެއެވެ. އަދި މޮރޮކޯގެ ދެ ކުލަބަކަށް މޮރޮކޯގެ ލީގާއި މޮރޮކޯ ކަޕް ކާމިޔާބު ކޮށްދީފައިވެއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މޮރޮކޯ ހިމެނެނީ ކްރޮއޭޝިއާ، ބެލްޖިއަމް އަދި ކެނެޑާއާއި އެކު ގުރޫޕް އެފް ގައެވެ. މި ގުރޫޕަކީ މޮރޮކޯއަށް އުނދަގޫ ގުރޫޕަކަށް ވާނެއެވެ. ދެވަނަ ބުރަށް ދިއުމަށް މޮރޮކޯއަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުން މި ގުރޫޕުން ދެވަނަބުރަށް ދިއުމަށް މޮރޮކޯއަށް އޮތީ ހަނި ފުރުސަތެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި