މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު މާލެ މާފަންނު ނިރުފެހި ގޭގެ ގަރާޖުގައި ހިނގި އަލިފާނުގެ ސަބަބުން ވަގުތީ ހިޔާތަކަށް ގެންދިޔަ މީހުންނަށް 135،000 އަށް ވުރެ ގިނަ ރުފިޔާ މިހައިތަނަށް ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެ އެވެ.

އެ އިދާރާއިން ވިދާޅުވީ އެގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މިހައިތަނަށް 33 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި ކަމަށެވެ. އެއީ 18 ދިވެހިންނާއި 15 ބިދޭސީން ކަމަށް ވެސް ވިދާޅުވި އެވެ.

Ad
rt

ދިވެހީންގެ ތެރޭގައި ހިމެނެނީ 12 އަންހެނުންނާއި 6 ފިރިހެނުން ކަމަށާއި މީގެ ތެރޭގައި 6 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި ބިދޭސީންގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި 8 ފިރިހެނުން ކަމަށާއި އެއީ ބަނގްލަދޭޝް ރައްޔިތަކާއި 14 އިންޑިޔާގެ ރައްޔިތުން ކަމަށް ވެސް ވިދާޅުވި އެވެ.

އެންޑީއެމްއޭ އިން އިތުރަށް ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަމުގައި ތިބި ސްކޫލް ކުދިން އަނބުރާ ސްކޫލަށް ދިޔުމަށް ބޭނުންވާ އެހީތެރިކަން އެޑިޔުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކާއި ގުޅިގެން ހަމަޖައްސަވާފައިވާ ކަމަށެވެ.

"މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އެހީތެރިކަމާއިއެކު ދަނީ ފޯރުކޮށްދެވެމުން. އަދި މި ހާދިސާގައި އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް ވެސް ވަނީ ފެށިފަ." އެންޑީއެމްއޭ އިން ވިދާޅުވި އެވެ.

ހަމަމިއާއެކު ގެއްލުން ލިބުނު އާއިލާތަކަށް އިންސާނީ އެހީގެ ގޮތުގައާއި، އިވަކުއޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށް ބޭނުންވާ ތަކެތި ހޯދުމަށާއި، މި ފަރާތްތަކަށް ބޭނުންވާ ހައިޖީން ކިޓު ހޯދުމާއި އޮޕަރޭޝަނަލް ހަރަދުގެ ގޮތުގައި ޖުމުލަ 135،471.80 ރުފިޔާ މިހައިތަނަށް ހަރަދުކޮށްފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވި އެވެ.

އެންޑީއެމްއޭ އިން ވަނީ ބޯ ހިޔާވަހިކަން ގެއްލިފައިވާ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުން އަލުން އާރާސްތުކުރުމުގެ މަސައްކަތް ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ކުރަމުން އަންނަކަމަށް ވެސް ވިދާޅުވެފަ އެވެ.