މަސްތުވާތަކެތިން ދުރުހެލިވުމަކީ އެއީ ކޮންމެ މީހަކު ވެސް އަމިއްލައަށް ނިންމަންޖެހޭ ނިންމުމެއްކަމަށާއި ގަދަބާރުން އެކަން ނުވާނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ނަސީމް މިހެން ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންގެ ތެރެއިން އެކަމުން ސަލާމަތްވާން އެދޭ މީހުންނަށް ފަރުވާ ދިނުމަށް ޤާއިމުކުރި، ހާފްވޭ ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.
އޭނާ ވިދާޅުވީ މުޖުތަމަޢުއަކީ ނަސޭޙަތް ދިނުން އިތުރު ތަނަކަށް ހަދަންޖެހޭ ކަމަށާއި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ.
އެހެންކަމުން މިކަމަށް މުޅި ރާއްޖޭގައި ވެސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާ ނަސީމް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތަކުގެ އެސެސްމަންޓެއް މިހާރު ހަދާފައިވާ ކަމަށެވެ. އަދި ފަރުވާއަށް ދެމުންގެންދިޔަ ޕްރޮގްރާމްތަ އްވެސް މުރާޖާކުރެވިފައިވާ ކަމަށެވެ.
"މިއާއެކު އަތޮޅުތެރެއަށް ހިދުމަތް ފުޅާކުރުމަށް ބޭނުންވާ މީހުން ވެސް މިހާރުވަނީ ތަމްރީންކޮށް ނިމިފަ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭކަން ވަނީ ދެނެގަނެވިފަ." ހެލްތް މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވަނީ އަންނަ އަހަރުގެ ވަރަށް ކުރީކޮޅު، ކޮންމެ ރަށެއްގެ ހެލްތު ސެންޓަރުން ކޮންމެވެސްވަރެއްގެ ހިދުމަތްތަކެއް މިކަމަށް ދެވޭނެ އިންތިޒާމުތަކެއް ހަމަޖެހޭނެކަން ވެސް ފާހަގަކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!